Last Updated: April 23, 16:11
Tuesday, April 23, 2024
ސިޔާސީ

އުސޫލަކީ ރައްޔިތުން މާލެ ގެނެސް ގަނަތެޅުވުން: ނިޒާރު

ރާއްޖޭގައި އޮންނަ އުސޫލަކީ އަދި ސަރުކާރުގެ ބޭނުމަކީ ވެސް ހުރިހާ ރައްޔިތުން މާލެ ގެނެސް މާލޭގައި ގަނަތެޅުވުން ކަމަށް ވިދާޅުވެ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހުށަހަޅުއްވާފައިވާ، ގާނޫނު ނަންބަރު 2009/8 (ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލްގެ އިބްތިދާޢީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ޕެންޝަން ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލުން ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުން ލިބޭ ކަމަށާއި އެހެން ނަމަވެސް މިބިލުގައި ކަންބޮޑުވާ ކަންކަން ހުރިކަން ފާހަގަ ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އަމަލު ކުރަމުންދާ ގޮތަކީ ގެދޮރު ފަސޭހައިން ރައްޔިތުންނަށް ލިބި ދިނުން ކަމަށާއި އެހެން ނަމަވެސް އެއާއި ޚިލާފަށް ރާއްޖޭގައި މި އޮންނަނީ ހުރިހާ ރައްޔިތުން މާލެ ގެނެސް، މާލޭގައި ގަނަތެޅުވުން ކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ރަައްޔިތުންނަށް ގެދޮރު ފަސޭހައިން ލިބޭނެ ގޮތެއް ނުހުންނަ ކަން ފާހަގަ ކުރައްވައި ނިޒާރު ވަނީ ހާލުގައި އުޅޭ ރައްޔިތުންނަށް ސަރުކާރުން އަޅާނުލާކަން ފާހަގަ ކުރައްވައިފަ އެވެ.