Last Updated: March 28, 21:55
Thursday, March 28, 2024
ސިޔާސީ

ހަނޑޫ އެތެރެ ކުރުމުގައި މެޑަމް ފާތުންގެ "ރިޝްވަތު"

މެޑަމް ފާތުންގެ އުފަން ދުވަސް ފާހަގަކު ރުމަށް އެސްޓީއޯގެ އިސް ބޭފުޅުން.

ރާއްޖެ އަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެ ކުރުމަށް އެސްޓީއޯ އިން އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެމް އެކްސްޕޯޓް އާ ހަވާލުކޮށްފައި ވަނީ ރިޝްވަތު ނަގައިގެން ކަމަށް ބުނެ، އެކަން ތަހުގީގުކޮށް ދިނުމަށް އެދި އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

މިއަދު އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހަޅާފައިވާ ސިޓީގައި ބުނެފައި ވަނީ ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތައް ބައިވެރިވެގެން ވޭތުވެ ދިޔަ ދެ އަހަރު އެސްޓީއޯއިން އެތެރެކޮށްފައިވާ ގޮދަންފުށާއި ހަނޑުލުގެ ޝިޕްމެންޓުތައް ގެނައުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގާފައިވާ ކަމަށެވެ.

އަދި އެފަރާތުން ފާހަގަކޮށްފައި ވަނީ ގިނަ ގާބިލް ކުންފުނިތަކުން ކުރިމަތިލުމުން ވެސް އެސްޓީއޯ އިން އޯޑަރުތައް ދީފައި ވަނީ މުޅިންވެސް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެމް އެކްސްޕޯޓް ނުވަތަ އެމްއެމް އެކްސްޕޯޓާއި ގުޅިފައިވާ ކުންފުންޏަކަށް ކަމަށެވެ.

އެމްއެމް އެކްސްޕޯޓުން ރާއްޖެ އަށް އެތެރެ ކުރި ގޮދަންފުށުގެ އޯޑަރު ލިބުމުން އެ ކުންފުނިން ޝިޕްމެންޓް ގަނެފައި ވަނީ ތުރުކީގެ ކުންފުންޏަކުންނެވެ.

ނަމަވެސް ފަހުން އެސްޓީއޯ އިން ވަނީ ތުރުކީގެ ކުންފުންޏަށް އެމް އެމް އެކްސްޕޯޓަށް ކަމިޝަން ލިބޭގޮތަށް އޯޑަރުވެސް ދީފައި ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ސިޓީގައި އެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މި ހަފުތާ ތެރޭގައި 12،000 ޓަނުގެ ހަނޑޫ އެތެރެ ކުރުމަށް އެމްއެމް އެކްސްޕޯޓަށް ފޮރުވިފައިވާ ބިޑިންގް ޕްރޮސެސް އެއްގެ ތެރެއިން އަނެއްކާވެސް އެސްޓީއޯ އިން ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމައަށް ހުށަހެޅީ އެމްއެމް އެކްސްޕޯޓު ކަމަށް އެސްޓީއޯ އިން ބުނެފައިވާއިރު އެހެން ކުންފުނިތަކަށް ހުށަހަޅަންވީ ލިޔެކިއުންތަކަކީ ކޮބައިކަން އަންގާފައި ނުވާ ކަމަށް ވެސް އެފަރާތުން ބުނެފައިވެ އެވެ.

އަދި އެސްޓީއޯ އިން އެމްއެމް އެކްސްޕޯޓް އަށް ހަނޑޫ ގެނައުމަށް ހަވާލުކޮށްފައި ވަނީ އެ ކުންފުނިން ގިނައަދަދެއްގެ ފާއިސާ ރިޝްވަތުގެ ގޮތުގައި ނެގުމަށްފަހުގައި ކަމަށް މައުލޫމާތު ލިބިފައިވާތީ އެކަން ތަހުގީގުކޮށް ދިނުމަށް ސިޓީގައި އެދިފައިވެ އެވެ.

ރިޝްވަތުގެ ފައިސާ ނަގާފައި ވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި އެސްޓީއޯގެ އެމްޑީ ޝަހީރް އަދި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތް އިބްރާހިމް ގުޅިގެންކަމަށް އެ ފަރާތުން ބުނެފައިވެ އެވެ.

މިގޮތުން މި ފަރާތްތަކުން ޖުމުލަ ހަ ލައްކަ ޑޮލަރު އެކުންފުނިން ނަގާފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ސިޓީ ހުށަހެޅި ފަރާތަށް މިކަމާގުޅޭ މައުލޫމާތުތައް ލިބިފައިވަނީ އެމްއެމް އެކްސްޕޯޓުގެ ރާއްޖޭގެ އޭޖެންޓް ކަމުގައިވާ ލިއޯ ޓްރޭޑިންގެ މުވައްޒަފެއްގެ ފަރާތުންކަމަށް ބުނެފައިވެއެވެ.

އެގޮތުން އެމްއެމް އެކްސްޕޯޓްގެ ފަރާތުން 14 އޭޕްރީލް ވީ ބުރާސްފަތި ދުވަހު މާލެ އައިސް 17 އޭޕްރީލް ވީ އާދީއްތަ ، އަދި 18 އޭޕްރީލް ވީ ހޯމަ، މި ދެދުވަހު ބޭންކުން ނަގުދު ފައިސާ ނެގުމަށް ފަހު އެފަރާތްތަކަށް ރިޝްވަތުގެ ފާއިސާ ދީފައިވާ ކަމަށް އެ މުވައްޒަފު މައުލޫމާތު ދިންކަމަށް ބުނެފައިވެ އެވެ.

އަދި އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި 12،000 ޓަނުގެ ހަނޑުލުގެ އޯޑަރު އެމްއެމްއެކްސްޕޯޓަށް އެސްޓީއޯ އިން ދީފައިވަނީ އެފާއިސާ ހަމަކޮށް ދޭން ޖެހޭ ފަރާތްތަކަށް ދިނުމުންކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އެސްޓީއޯ އިން 12،000 ޓަނުގެ ހަނޑޫ އެތެރެ ކުރުމަށް ބަޔަކާ ހަވާލުކުރީ މެޑަމް ފާތުން އިތުރު ބަޔަކާ ގުޅިގެން ހަލައްކަ ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައިގެން ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހަޅާފައިވާ އިރު، ސަރުކާރުގެ ކުންފުނިތަކުން ކުރާ ވިޔަފާރިތަކުން ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ބައެއް ވެރިން ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.