Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

މީޑިއާގައި ހަންމުށިއަޅާ ކޮމިޓީ ފަރުދާގެ ފުރަގަހުގައި

ރޭޑިއޯ ޓީވީތަކާއި ނޫސް މަޖައްލާތަކާއި ނޫސްވެރިން އޮބިއަޅައިގެން ގެންގުޅޭނެ ނިޒާމެއް ރާވައި ތަންފީޒު ކުރުމަށްޓަކައި ރައީސް ޔާމީނުގެ ސަރުކާރުން ސްޓްރެޓީޖިކް ޕްލޭނިން ކޮމިޓީއެއް އެކުލަވާލާފައިވެއެވެ. އަށެއްކަ މީހުން ހިމެނޭ މިކޮމިޓީ އެއްތަންވަނީ އަދި ގަރާރުވެގެންވަނީ ރައީސް އޮފީހުގައެވެ. ކޮމިޓީ އެކުލެވިގެންވަނީ ރައީސް އޮފީހުގެ މީޑިއާ ސެކްޝަނުގެ ތިން ހަތަރު މީހަކާއި ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަށް ނިސްބަތްވާ ދެ މީހަކާއި ދައުލަތުގެ މީޑިއާއިން ދެ މީހަކާއި ހޯމް މިނިސްޓްރީގެ ތެރެއިން މީހަކާއި މިޒާތަކަށެވެ.

ކޮމިޓީގެ މަގްސަދަކީ ސަރުކާރުގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ފިކުރެއް ރައްޔިތުންނާއި ހަމައަށް ނުދާނެ ގޮތް ރޭވުމެވެ. މިގޮތުން މީޑިއާގެ ކޮންމެ އޮގަނައިޒޭޝަނެއްގައި ބޮހަކަށް ހުންނަން ލާޒިމު ކުރަނީ ދައުލަތުގެ ކޮންމެވެސް މުވައްސަސާއެއް ހިންގުން ހަވާލު ކުރެވިފައިވާ މީހެކެވެ. ނުވަތަ އެ އޮގަނައިޒޭޝަނަކަށް ފަންޑުކޮށް ހިންގަން ޖެހޭނީ ސަރުކާރުގެ ބައިވެރިއެއް ކަމުގައި ހިމެނޭ މީހެކެވެ. މިނޫން ގޮތަކަށް ހިންގާ ތަންތަން މިހިގާ ދެހާސް ސޯޅަ ވަނަ އަހަރު ނިމުމުގެ ކުރިން ބަންދު ކުރުމަށް ވަނީ ނިންމައިފައެވެ. މި ކަންކަން ތަންފީޒުކޮށް ނިމޭއިރު ރާއްޖޭގެ ކޮންމެ ގެއެއްގައި ހުންނާނީ ސަރުކާރުގެ ސްޕީކަރަކާއި މޮނީޓަރެކެވެ. އެއިން އިވޭނީ ސަރުކާރުގެ އަޑެވެ. ފެންނާނީ ސަރުކާރުން ދައްކަން ބޭނުންވާ މަންޒަރެވެ.

ހަވީރު ނޫސް ބަންދު ކުރެވުނީ މި ރޭވުމުގެ ތެރެއިންނެވެ. އައްޑޫލައިވް ބްލޮކް ކުރެވުނީވެސް މިރޭވުމުގެ ތެރެއިންނެވެ. ހަވީރު ނޫހާއިމެދު ހަމަޖެހިފައި އޮތް ގޮތަކީ ހޯމް މިނިސްޓްރީގެ ތެރެއިން އެނޫސް ބެލެހެއްޓުމާއި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް މީހަކު އެޑިޓަރަކަށް ލައިގެން އަލުން ނޫސް ނެރުމެވެ. ހަވީރުގެ ހިއްސާދާރުން ކަމުގައި ދައުވާކުރާ ބައެއްގެ ނަމުގައި ޒާތްޒާތުގެ އަމުރު ހޯދަން ކޯޓުތަކަށް ހުށައަޅަމުންދަނީ މި ކޮމިޓީން ނިންމައިގެންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަން އެންމެފަހުން އެކުލަވާލާފައި ވަނީ ޖުލައި މަސް ނިމުމުގެ ކުރިން ރާއްޖެ ޓީވީ އާއި ސަންގު ޓީވީ ބަންދު ކުރުން ލާޒިމުކޮށްފައެވެ. އެހެންވީމާ ކޮމިޝަނުން ކުރިއަށް އޮތް ތިންމަސް ދުވަހު ވަރަށް ބުރަކޮށް ކުރަމުންދާނީ މި މަސައްކަތެވެ. ކޮމިޝަނަށް އޮތީ ބްރޯޑްކާސްޓް މީޑިއާ ރެގިއުލޭޓް ކުރުމެއް ނޫނެވެ. އެމީހުންނަށް އޮތީ ޕްރައިވެޓް ބްރޯޑްކާސްޓަރުންގެ ތެރެއިން މިނިވަން ޚިޔާލަށް އެނބުރޭ ކޮންމެ ބަޔަކު ފިލުވައިލުމެވެ. މި ކޮމިޝަނަށް އަމުރު ކުރާ ފަރާތަކީ ރައީސް އޮފީހުގައި އޮންނަ އެއްކަލަ ސްޓްރެޓީޖިކް ޕްލޭނިން ކޮމިޓީއެވެ.

ރާއްޖޭގެ އަމިއްލަ ބްރޯޑްކާސްޓަރުންގެ މާލިއްޔަތާއި ކުޅުންވެސް މިކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނިގެންވެއެވެ. މިގޮތުން އެސްޓީއޯ އާއި ދިރާގު، އެމްޑަބްލިޔުއެސްސީ އާއި އެމްޓީސީސީ ފަދަ ކުންފުނިތަކަށް އަންގައިގެން އެތަންތަނުން ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ދޭ ސްޕޮންސަރޝިޕް މިއަހަރުން ފެށިގެން ވަނީ ފަންސާސް ޕަސެންޓާއި ހަތްދިހަ ފަސް ޕަސެންޓާއި ދެމެދުން އުނިކޮށްފައެވެ. މިހެން ހެދުމުން ކުރީއްސުރެ ނޭވާ ހޮޅިއަށް އެޅިފައިވާ ތަންތަން މިހާރު ވަނީ ހަގީގީ މާނައިގައި އަރަގުވެފައެވެ. އަތްފައިގެ ބާރު ކެނޑިފައެވެ.

ދައުލަތުގެ ކުންފުނިތައް ކަމުގައި ނުވާ ތަންތަނުގެ ސްޕޮންސަރޝިޕް ޕްރައިވެޓް މީޑިއާއަށް ލިބުމުގެ ދޮރު ބަންދު ކުރުމުގެ ގޮތުން ވެސް ރޭވުންތަކެއް ވަނީ ރާވައިފައެވެ. އެގޮތުން ކޮމިޓީގައި މަޝްވަރާކޮށް ނިންމި އެއްކަމަކީ ދައުލަތުގެ ޓީވީން ނާޗަރަންގީ ބައި ބޮޑުކޮށް ދުވަހަކުވެސް ރާއްޖޭގައި ބަޔަކު ނުހިންގާހާ ފުޅާކޮށް އައިޑޮލްއެއް ހިންގައި ސްޕޮންސަރ ކުރުމުގެ ބެންޗު މާކަކީ އެއީކަން ދެއްކުމެވެ. އިހަށް ދުވަހު ފެނުނު މޯލްޑިވިއަން އައިޑޮލް އަކީ މިރޭވުމުގެ ތެރެއިން ރައީސް އޮފީހުގެ ބަޖެޓުން އަދި އިތުރު އެތައް މިލިޔަނެއް ދީގެން ކުރެވިފައިވާ ކަމެކެވެ.

މިޒަމާނުގައި ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރުމަކީ ނުކުރެވޭނެ ކަމެއްކަމާއި ވެބްސައިޓުތައް ބްލޮކްކުރިޔަސް ހަގީގީ މާނައިގައި އެކަން ނުކުރެވޭނެކަން ޔަގީންވާތީ މި ކަމަށް ޕްލޭން އޭ އަކާއި ބީއެއް ވަނީ ހަދައިފައެވެ. ޕްލޭން އޭގައި ހިމެނެނީ ވެބްސައިޓް ބްލޮކް ކުރުމެވެ. ޕްލޭން ބީގައި ހިމެނެނީ އެއިން ނަތީޖާއެއް ނުފެނިއްޖެނަމަ ޝައްކުކުރެވޭ މީހުން ހިފައި ހައްޔަރުކޮށް ހުރަގެއަށް ލުމެވެ. ޝުމްބާގޮން ހައްޔަރުކޮށްގެން ގެންގުޅުމުގެ އެއް ބޭނުމަކީ މިކަންކަމުގެ އަޖުމަ ބަލައިލުމެވެ.

އައްޑޫލައިވް ބްލޮކް ކުރުމުގެ އިތުރަށް އަދި އެހެންކަމެއްވެސް ވަނީ ރޭވިފައެވެ. އެއީ އެނޫހާއި ގުޅިފައިވާ ކަމަށް ޝައްކުކުރެވޭ މީހުން ހިފައި ހައްޔަރު ކުރުމެވެ. އެކަންކުރާނީ ކޮންމެވެސް އެހެން ތުހުމަތުތަކެއް ބޮލުގައި އަޅުވައިގެންނެވެ. މިގޮތުން ހައްޔަރުކުރަން ކޮމިޓީއަށް ފެންނަ މީހުންގެ ސިއްރު ލިސްޓެއްވެސް ވަނީ ހަދައިފައެވެ. މީގެ އިތުރުން އިހަށް ދުވަހު ލަންކާއަށް ގޮސް ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކޮށް ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު ބަޔާންކޮށްދިން ނޫސްވެރިންވެސް އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ގޮޅިޔަކަށް ފެއްތުމަށް ވަނީ ނިންމައިފައެވެ.