Last Updated: March 28, 13:49
Thursday, March 28, 2024
ރިޕޯޓް

ރައްޔިތުންނޭ ނުކިޔާށެވެ! ރާއްޖޭގައި މިއޮތީ ދެތިން ވިޔަފާރިވެރިއެއްގެ ވެރިކަމެކެވެ.

މިއަދު އަހަރުމެން ރާއްޖޭގެ ގިނަ ރައްޔިތުންގެ ހާލަތަކީ މިއީއެވެ. ކިތަންމެ ބޮޑު މައްސަލައެއް ދިމާވި ނަމަވެސް އަހަރުމެން އެންމެން ދުވަން ބޭނުން ވަނީ ފައިސާގެ ފަހަތުންނެވެ. އެ ފައިސާ ހޯދުމަށް ދުވަން ޖެހިފައި ވަނީ ކޮންމެވެސް ސިޔާސީ މީހެއްގެ ފަހަތުންނެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އަހަރުމެންނަކަށް އެހެން ގޮތެއް ނެތީއެވެ.

ރައްޔިތުންނަށް ކިޔާދީފައިވާ ގޮތުން، އެމީހުން އަތުން ޓެކްސް ނެގުމުގެ ބޭނުމަކީ، އެ ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް މަގުފަހިކުރުމެވެ. ބަނދަރު ހަދައި ދިނުމާއި، މަގުތައް މަރާމާތު ކުރުމާއި، އެކި ވަސީލަތްތައް ޤާއިމްކޮށް ދިނުމެވެ. އެހެން ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ.
koli

ޓެކްސް ފައިސާގެ ބޮޑުބައެއް ރާއްޖޭގައި ވެސް ޚަރަދު ކުރަމުން މިގެންދަނީ، ސިޔާސީ ފަރާތްތަކުގެ ޖީބުތައް ފުރާލުމަށާއި، ނުފޫޒު ގަދަ ފަރާތްތަކުގެ ވިޔަފާރިތައް ޙިމާޔަތް ކުރުމަށެވެ. އެ ފަރާތްތަކަކީ، ސަރުކާރުގެ 'އޭޓީއެމް' މެޝިންތަކެކެވެ. އެމީހުންނަކީ އިންތިޙާބުތަކުގައި ސަރުކާރަށް 'ހެޔޮއެދޭ' ފަރާތްތަކެވެ.

ކޮންމެ އިންތިޙާބެއްގައި ޤައުމުގައި ތިބި ވިޔަފާރިވެރިން، ވަކި ކޮޅެއް ނަންގަވާ ތަން ނުފެނޭ ހެއްޔެވެ؟ އެހެން ކަމުން އެމީހުންގެ އެހީތެރިކަމާއި އެކު ހޮވޭ ފަރާތްތަކުން، "ޝުކުރުވެރިވުމުގެ" ގޮތުން ޤައުމުގެ ބައިތުލް މާލު ހުސްކޮށްފައި އެ ވިޔަފާރިވެރިންނަށް ދޭން މަޖުބޫރު ވާނެތާއެވެ.

އެ ވިޔަފާރިވެރިން ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ޤާނޫނުގެ ދިގު އަތެއް އެމީހުންނަކާ ހަމައަށް ނުފޯރާނެއެވެ. އެއިން ވިޔަފާރިވެރިއަކާއި މެދު ފިޔަވަޅެއް އަޅައިފި ނަމަ ސަރުކާރުތައް ދެމެހެއްޓުމަށް އުނދަގޫ ވާނެއެވެ. އޭގެ މިސާލަކީ، 2008 ވަނަ އަހަރު ރާއްޖޭގައި އިންތިޙާބްކުރި ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލި ގޮތެވެ.
ދުވަހަކުވެސް ރާއްޖޭގައި ނަން މަޝްހޫރު ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން މީހެއްގެ މައްޗަށް ބޮޑު ހުކުމެއް އައި ވާހަކަ އަޑުއެހިން ހެއްޔެވެ؟ އަޔަސް ޖެހިގެން އަންނަ ދުވަހު މަތީ ކޯޓަކުން އެ މައްސަލަ ބާތިލްކޮށްފާނެއެވެ.

އެހެން ނަމަވެސް ކަންމަތީ ފިހާރައިން، ފަންސާހަކަށް ރުފިޔާގެ ލޯޝަން ފުޅި ވަގަށް ނަގާ މީހާގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އެބަ އިއްވައެވެ. ރިހާކުރު ފުޅިއެއް ވަގަށް ނަގައިގެން ދިހަ ބާރަ އަހަރަށް ޖަލަށް ލަނީއެވެ. އެކަމަކު މިލިޔަނުން ޓެކްސް ނުދައްކާ މީހާއާއި މެދު ފިޔަވަޅު އެޅޭނެ ގޮތެއް ނޯވެއެވެ. ދައުލަތުގެ އިސްވެރިންނާއި އެކު އެމީހުން ހެވި ދިއްލިފައި ޖަލްސާތަކުގައި ތިބެނީއެވެ.

އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ޤަބޫލުކުރެވިފައި އޮންނަ ގޮތަކީ، ސިޔާސީ މީހުން މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމެވެ. އެހެން ނަމަވެސް ހަގީގަތަކީ، އެމީހުން މަސައްކަތް ކުރަމުން މިގެންދަނީ އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައެވެ. އެމީހުންގެ ވަޒީފާއަކީ، އެމީހުން މަޤާމްތަކަށް އިންތިޚާބްކުރުމަށް އެހީތެރިވި ފަރާތްތަކުގެ މަސްލަޙަތު ހިމާޔަތް ކުރުމެވެ. ރައްޔިތުންގެ ވާހަކަ އަންނަނީ ސިޔާސީ މީހާގެ އަމިއްލަ އެޖެންޑާއަށް ވުރެ ވެސް ފަހަތަށެވެ.

ދިވެހިރާއްޖޭގެ ޙާލަތު މިފެންވަރަށް ވައްޓާލީ ހަމަ ދިވެހި ރައްޔިތުންނެވެ. މަދު ފައިސާ ކޮޅަކަށް ވޯޓު ވިއްކާލީއެވެ. އަހަރުމެން ކަނު ބަނދެވިގެން ތިބެ ސިޔާސީ މީހުންގެ ފަަހަތުން ދުވެ މި ހާލަތަށް ޤައުމު ވައްޓާލީއެވެ. އެދުވަހު ލިބުނު މަދު ފައިސާކޮޅަށް ވޯޓު ވިއްކާލި އިރު، މިއަދު ކަަރަންޓު ބިލްތަކުގެ ރޭޓް މަތިވެ ދައްކަން ޖެހިފައި މިވަނީ ކިތައް ރުފިޔާ ހެއްޔެވެ؟

ސިޔާސީ މީހުންނަށް ވޯޓު ވިއްކައިގެން އަހަރުމެން އެމީހުންނަށް ދިނީ މި ޤައުމުގެ ކޮންޓްރޯލެވެ. ހިތާމައަކީ، އެކަން އިޙްސާސް ކުރެވޭއިރު ވެސް ޙާލަތު ބަދަލުކޮށްލަން އަހަރުމެން ޖެހިލުން ވެފައިވާ ކަމެވެ. ބޭއިންސާފުން އަހަރުމެންނާއި މެދު ޢަމަލު ކުރެވެމުން ދާއިރު ވެސް އެކަމާއި ދެކޮޅަށް ބަސް ބުނުމުގެ ބަދަލުގައި ހޮރަށް ވަދެ ފިލުން ނޫން ގޮތެެއް އަހަރުމެންނަށް ނެތެވެ.

މިއީ ނަމުން ރައްޔިތުންގެ ވެރިކަމޭ ބުންޏަސް ހަމަ ދެތިން ވިޔަފާރި ވެރިއެއް ކޮންޓްރޯލް ކުރާ ޤައުމެކެވެ. މިތާގައި ހިނގަނީ އެމީހުންގެ ވެރިކަމެވެ.