Last Updated: April 20, 09:14
Saturday, April 20, 2024
ޚަބަރު

ފެން ޓޭންކެއްގެ މަތިން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް

އައްޑޫ ސިޓީ ހިތަދޫގައި، ފެނުގެ ޚިދުމަތް ދިނުމަށް ބަހައްޓާފައި ހުރި ފެން ޓޭންކެއްގެ މަތިން ވެއްޓި ސީރިއަސް ޒަޚަމްތަކެއް ލިބުނު މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދެއެވެ.

އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފެނަކަ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ފެންޓޭކެއްގެ މަސައްކަތެއް ކުރަމުން ދަނިކޮށް ވެއްޓި އަނިޔާވެފައި ވަނީ، ސ.މީދޫ އަށް ނިސްބަތްވާ އަބްދުﷲ ވަސީމް ކިޔާ މީހެކެވެ.

އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލަތު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އަބްދުﷲ ވަސީމްގެ ހާލު ސީރިއަސް ކަމުން މިހާރު އޭނާ މާލެ ފުރުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:40 އެހާކަށް ހާއިރުއެވެ.

ފެން ޓޭންކްގެ މަތިން ވެއްޓުމުގެ ސަބަބުން ވަސީމްގެ ބޮލަށާއި އަތަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ.