Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ނަޝީދުގެ ޝަރީޢަތް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ދޭހަވާ މޭރުމަކުން ރައީސް ވާހަކަ ދައްކަވައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ކުރި ޝަރީޢަތުގެ އިޖުރާތުތައް ފުރިހަމަ ނުވާކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ. އަދި ނަޝީދުގެ މައްޗަށް ޝަރީޢަތް ކޮށްފައި ވަނީ މާ ކުރިން ހުކުމް ލިޔެގެން ކަމަށް ވެސް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ނަޝީދުގެ މައްޗަށް ހިންގި ޝަރީޢަތާއި ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ އެއް ބޭފުޅަކީ، ރައީސް އަބްދުﷲ ޔާމީނެވެ. ޝަރުޢީ ދާއިރާއަށް އެމަނިކުފާނު ނުފޫޒު ފޯރުވާ ވާހަކަ އިތުރަށް ރައްޔިތުން ދައްކަން ފެށީ ނަޝީދުގެ އިތުރުން ފުލުފުލުގައި ރައީސް ޔާމީނަށް ފައިދާވާގޮތަށް ސިޔާސީ ލީޑަރުންގެ މައްޗަށް އިއްވި ހުކުމްތަކާއި އެކުގައެވެ.

ސިފައިންގެ 124 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް ނަޝީދަށް ނިސްބަތްކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަ ފުޅާއި އެކު ނަޝީދުގެ މައްޗަށް ކުރި ޝަރީޢަތަށް ރައީސް ޔާމީން ނުފޫޒު ފޯރުވި ކަމަށް ދެކެވޭ ވާހަކަތަކަށް މިވަނީ އިތުރު ބާރެއް ލިބިގެން ގޮސްފައެވެ.

ރައީސް ޔާމީން ރޭގެ ޖަލްސާގައި ވިދާޅުވީ ނަޝީދަށް ޝަރީއަތް ކުރެއްވީ ވެރިކަމުގައި އެންމެ އިސްކޮށް ހުންނަވައިގެން މީހުން ހިފައި ހައްޔަރުކުރި ރައީސަކާ މެދު އެ މައްސަލަ ބެލެންވާނެ ކަމަށް އެމަނިކުފާނުގެ އަމިއްލަ ޒަމީރަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

" ވެރިކަމުގަ އެންމެ އިސްކޮށް ހުންނަވައިގެން މީހުން ހިފައި ހައްޔަރުކުރަން އަމުރުކުރެއްވި ރައީސަކާ މެދުގައި އެ މައްސަލަ ބެލެންވާނެ ކަމަށް އަޅުގަނޑުގެ އަމިއްލަ ޒަމީރު ގަބޫލުކުރޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މިފަދަ މޭރުމަކުން ވާހަކަ ދެއްކެވި ނަމަވެސް މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުން، ނަޝީދުގެ މައްޗަށް ކުރިއަށް ގެންގޮސްފައިވާ ޝަރީއަތަކީ، ޝަރުޢީ ނިޒާމުގައި ކުރިއަށް ދިޔަ މައްސަލައެއް ކަމަށެވެ. އަދި އެކަމާއި އެމަނިކުފާނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.