Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މަޖިލިސް މެންބަރުންނަށް ޚާއްސަ: "ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭނުންކުރާ އޭސީ ރިމޯޓްތަކުގެ އަތްމަތީ ފޮތް"

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތައުލީމީ ފެންވަރެއް ނެތުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޖްތަމަޢު އަށް ކުރަމުން ގެންދާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ގެންދަނީ ކުރަމުންނެވެ. މަޖިލީހުގެ ޖަލްސާތަކުގައި ވަލު ޖަނަވާރަށް ގޮވާ ހިސާބަށް ދިއުމާއި، 'ކޮށިއަރައިގެން' ކަމަށް ބުނެ އަނގައިން އެހެން މެންބަރުންގެ ގަޔަށް ފެންބުރުވުމަކީ މެންބަރުންގެ އަޚުލާގީ ފެންވަރު ހާމަވެގެންދާ ކަންކަމެވެ.

މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ވާހަކަ ދައްކަވަނީ އެ ބޭފުޅުންނަކީ ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމައަށް އެނގޭ 'ތަޖުރިބާ' ލިބިފައިވާ ޤާބިލް އަދި ތަޢުލީމީ ބޭފުޅުން ކަމަށް ބުނެއެވެ. އެފަދައން ވާހަކަ ދައްކަވާ ބައެއް ބޭފުޅުންގެ ނަޒަރުގައި ރާއްޖޭގެ ތަރައްޤީ ފެނިފައި ވޯލްޑް ބޭންކް ވެސް ލަދުގަންނަން ޖެހެއެވެ.

އެހެން ނަމަވެސް ހަގީގަތަކީ، އެ ވާހަކަތައް އަޑުއަހާފައި ލަދުން އިސްޖަހާލަން މަޖުބޫރުވަނީ އެ މެންބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނާއި މަޖިލީހުގައި މަދުން ނަމަވެސް ތިއްބެވި ތައުލީމީ ބޭފުޅުންނެވެ.

ޢިއްޒަތްތެރި ލަޤަބު އަމިއްލަފުޅަށް ހޯއްދަވައިގެން ތިއްބެވި މެންބަރުންގެ ތެރޭގައި އޭސީ ރިމޯޓާއި ކުޅެން ނޭނގޭ މެންބަރުންތަކެއް ތިބެދާނެ ކަމަށް ޤަބޫލުކުރަން ދަތިވެދާނެއެވެ. އެހެން ނަމަވެސް އެކަން މިވަނީ ޤަބޫލުކުރަން މަޖުބޫރުވެފައެވެ.

މަޖިލީހުގެ އިދާރާއިން މިވަނީ އޭސީ ރިމޯޓާއި ކުޅޭނެ ގޮތް ބުނެދީފައިވާ ފޮތެއް އެކުލަވާލާފައެވެ. "ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭނުންކުރާ އޭސީ ރިމޯޓްތަކުގެ އަތްމަތީ ފޮތް" ނަމުގައި ދިވެހި ބަހުން ލިޔެފައިވާ ފޮތެއް މަޖިލީހުގެ އިދާރާއިން އެކުލަވާލަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟

ހަމަގައިމުވެސް މަޖިލީހުގެ އިދާރާގައި ހުންނަ އޭސީ ތަކާއި ކުޅުމުގެ ފުރުސަތު އެތަނުގެ ޖަލްސާތައް އަޑުއަހަންދާ މީހުންނަކަށް ނޯވެއެވެ. އެ ފުރުސަތު ލިބިފައިވާ ހަމައެކަނި ބަޔަކީ ވަކަރުގޭ ކުދިންހެން ލަދުހަޔާތުގެ ކަންފުޅެއް ނެތި މޭޒުތަކަށް ކޮޅަށް އަރުއްވާ، އަލިފާން ނިއްވަން ފެންޖަހާ ހެން އަނގައިން ފެންބުރުވާ، ބޭއަދަބީ ބަސްތަކުން އަބަދުވެސް ވާހަކަ ދައްކަވާ، އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށެވެ.

އޭސީ ތަކުގެ އަތްމަތީ ފޮތް އެކުލަވާލާފައި ވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުންނަށް ޚާއްސަކޮށް ކަމުގައި ބުނެވިދާނެއެވެ. މެންބަރުކަމަށް އިންތިޙާބު ވުމުގެ ކުރީގައި ރިސޯޓުތަކުގެ ވެއިޓަރުކަން ކުރެއްވި ބޭފުޅުންނާއި، ވަގު ފައިސާ ޖެހުމުގެ ކުށް ސާބިތުވެ އަދަބު ލިބުނު ކުރީގެ ފިލްމީ ތަރިންނަށް ވެސް އޭސީ ރިމޯޓާއި ކުޅެން ނޭނގުނީތާއެވެ.

މަޖިލީހަށް ވަޑައިގަތުމުގެ ކުރިން އެބޭފުޅުން "ފެން ޗައްޕަލެއް" ލައިގެން އުޅުއްވި ނިކަމެތި ދިރިއުޅުމުގައި އޭސީ އަކީ ކޯއްޗެއް ކަން ވެސް އެނގިފައި ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ދަތި ހާލުގައި އުޅުއްވާފައި މަޖިލީހަށް ވަޑައިގެން ކުއްލިއަކަށް އެ ބޭފުޅުންގެ އަތުކުރީގައި ރޯލެކްސް ގަޑިއެއް އަޅުވައި އަގުބޮޑު އެޕާޓްމެންޓްތައް ހަދިޔާގެ ގޮތުގައި ދިން އިރު އޭސީ އާއި ކުޅޭނެ ގޮތުގެ ދިވެހި މެނުއަލް އެއް ދީފައެއް ނުވުމަކީ މަޖިލީހުން އެކަމަށް ޚާއްސަ ފޮތެއް އެކުލަވާލަން ޖެހުނު ސަބަބަށް ވެދާނެއެވެ.

އޭސީ އަކީ ރާއްޖޭގައި އުފައްދާ އެއްޗަކަށް ނުވުމުން، އޭގެ މެނުއަލް އާންމު ގޮތެއްގައި ލިޔެފައި ހުންނަނީ އިނގިރޭސި ބަހުންނެވެ. އެހެން ކަމުން މެންބަރުންގެ ތެރޭގައި އިނގިރޭސި ބަސް ވިދާޅުވާން ނޭނގޭ ބޭފުޅުން ތިބީ ބާވައެވެ؟

މަޖިލީހުގެ މެންބަރުންނަށް އޭސީ އާއި ކުޅެން ނޭނގުނު ކަމުގައި ވިޔަސް ނުވަތަ އިނގިރޭސި ބަސް ނޭނގުނު ކަމުގައި ވިޔަސް އެއީ ހަމަ ޢިއްޒަތްތެރި މެންބަރުންނެވެ. ފަހަރުގައި މަޖިލީހުގެ އިދާރާއިން އެކުލަވާލި މި ފޮތުގެ މައްސަލައިގައި މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންގެ މައްޗަށާއި އަދި މި ވާހަކަ ލިޔުނު ކަމުގެ ކުށުގައި 'އައްޑޫލައިވް' ނޫހާއި ދެކޮޅަށް އަބުރުގެ ދައުވާ ވެސް ކޮށްފާނެއެވެ. މަޖިލީހުގެ މެންބަރުންނަކީ އެތައް މިލިއަން ރުފިޔާގެ އަބުރަކާއި އިމްތިޔާޒެއް ލިބިފައިވާ ބޭފުޅުންނެވެ.