Last Updated: September 24, 23:24
Tuesday, September 24, 2024
ރިޕޯޓް

އިމްތިހާން ދުވަހު ކުރެވިދާނެ ބައެއް ކަންތައްތައް

އެތައް އަހަރުތަކެއް ވަންދެން ކުރި ބުރަމަސައްކަތުގެ ފޮނިމީރުކަން ބޭނުން ނުވާނީފަހެ ކޮން ދަރިވަރެއް ހެއްޔެވެ. ކޮންމެދަރިވަރަކުވެސް އިމްތިހާން ހަދަންދާނީ އެދަރިވަރަކަށް ވީ އެންމެ ރަނގަޅަށް ތައްޔާރުވެގެންނެވެ. ހުރިހާ ފިލާވަޅެއް މުޠާލިޢާކޮށް ރަނގަޅަށް ދަސްކޮށް ގެންނެވެ. އެހެންނޫންތޯ؟

ކޮންމެއަކަސް ކިތަންމެ ރަނގަޅަށް ތައްޔާރުވިޔަސް އިމްތިހާން އޮންނަ ދުވަސްދުވަހު ކުރެވޭ ބައެއްކަންތައްތަކުގެ ސަބަބުން ނުވަތަ ދިމާވާ ބައެއް ކަންތައްތަކުގެ ސަބަބުން އިމްތިހާނަށް އޭގެ ނުރަނގަޅު އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ ކަންކަމުން އެއްކިބާވުމަށްޓަކައި ކުރެވިދާނެ ބައެއްކަންކަން ހިއްސާކޮށްލާނަމެވެ.

އެންމެ ފުރަތަމަ ކަމަކަށް އިމްތިހާން އޮންނަ ދުވަހާއި ގަޑި އަދި އޮންނަތަން ޔަގީން ކުރުމަކީ ވަރަށް މުހިންމުކަމެކެވެ.
ދެވަނަ ކަމަކަށް އިމްތިހާން އޮންނަ ދުވަހު ތަންކޮޅެއްކުރިން ހޭލަންވާނެއެވެ. އެއްވެސް ކަހަލަ ތެޅިފޮޅުމެއްނެތި ހަމަޖެހިލައިގެން ތައްޔާރުވެވޭހާ ވަގުތު އޮތްވައެވެ.

އަދި ރަނގަޅު ނާސްތާއެއް ކުރުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. މިނާސްތާގައި ބިހާއި ދޮންކެޔޮ ހިމަނާލުމަކީ ރަނގަޅުކަމެކެވެ. އަދި ގޮތްނޭގޭ، ނުވަތަ ތިމާއާއި ނުގުޅޭ، ނުވަތަ އާންމުކޮށް ނާސްތާގައި ބޭނުންނުކުރާ ބާވަތްތައް ނާސްތާގައި ނުހިމެނުމަކީ ބުއްދިވެރިކަމެކެވެ.

އިމްތިހާނަށް ދިއުމަށްޓަކައި ގެއިން ނުކުންނަންވާނީ އަތުގައި ހުރިހާ އެއްޗެއް ހަމަތޯ ޔަގީން ކުރުމަށް ފަހުގައެވެ. އައިޑީ ކާޑް، އިމްތިހާން އެންޓްރީ، ކަލްކިއުލޭޓަރ ފަދަތަކެއްޗަކީ އާންމުކޮށް ދަރިވަރުން ހަނދާން ނެތޭ އެއްޗެއްސެވެ. ޓެކްސީއެއް ނުލުބި ލަސްވެދާނެކަމާއި ޓްރެފިކުގަ ޖެހިދާނެކަން ދަނެގެން އެކަންކަމަށް ވަގުތު އޮތްވާ ގެއިން ނުކުތުމަކީ ވަރަށް މުހިންމުކަމެކެވެ.

އިމްތިހާން އޮންނަ ސަރަހައްދަށް ގޮސް އެކުވެރިންނާއި ކުޑަކޮށް ވާހަކަ ދައްކާލުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ނޭނގޭ އެއްޗެހީގެ ވާހަކަދައްކާ އެގަޑީގައި އެއެއްޗެހި އޮޅުން ފިލުވަން އުޅުމަކީ އެހާ ބުއްދިވެރިކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ހާސްވެ ނުތަނަވަސްކަން އިހްސާސްވުމަކީ އެކަށީގެން ވާކަމެކެވެ.

ފާޚާނާއަށް ދާންޖެހޭނަމަ އިމްތިހާން ހޯލަށް ވަނުމުގެ ކުރިންދާށެވެ. އެއީ އިމްތިހާން ވަގުތުގައި ވީހާވެސް ހަމަޖެހިލައިގެން ހުރުމަށާއި އެންމެ މިނެޓެއްވެސް ބޭކާރު ނުކޮށްލުމަށެވެ.

އިމްތިހާން ހޯލަށް ވަދެ ލިޔަން ފެށުމުގެ ކުރިން ބިސްމި ކިޔަން ހަނދާން ކުރަންވާނެއެވެ. އެންމެ ފުރަތަމަ ސުވާލުތައް ކިޔާލާފައި ފަސޭހަ ސުވާލުތައް ހަދާށެވެ. ސުވާލުތައް ތަރުތީބުން ހެދުމަކީ ކޮންމެހެން މުހިންމުކަމެއް ނޫނެވެ.

ކޮންމެ ސުވާލަކަށް ވެސް އެސުވާލަކާއި އެކަށީގެން ވާވަރަށް ވަގުތު ބަހާލައިގެން ހެދުމަކީ ވަރަށް މުހިންމުކަމެކެވެ. އެއްސުވާލަކަށް މާގިނަވަގުތު ހޭދަކޮށްފިނަމަ އެހެން ސުވާލުތަކަށް ޖަވާބުނުދެވި ގިނަ މާރކުސްތަކެއް ގެއްލިގެންދިއުމަކީވެސް އެކަށީގެން ވާކަމެކެވެ.

ސުވާލުތައް ހަދަމުންދާއިރު ސިކުނޑި 'ސުމަކަށް'ދާ ކަހަލަ ސުވާލުތައްވެސް އަތުވެދާނެއެވެ. މިފަދަ ސުވާލުތަކަށްވެސް ކޮންމެވެސް ޖަވާބެއް ލިޔަންވާނެއެވެ. ސަބަބަކީ ލިޔަން ފެށުމުން ފަހަރެއްގައި ހަނދާންވެސް ވެދާނެތީއެވެ. ނުވަތަ ލިޔެވޭ ޖަވާބު ރަނގަޅުވެސްވެދާނެއެވެ!

އިމްތިހާނު ނިމުމަށްފަހު ބާކީވަގުތު އޮތްނަމަ އަލުން ޖަވާބުތަށް ބަލާލަންވާނެއެވެ. މިހެން ބަލާބެލުމުގައި ކުރިން ނުވިސްނި އޮތްއެއްޗެއް ވިސްނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެއަށްފަހު ޕޭޕަރު ދިނުމުގެ ކުރިން ނަން ޖެހިފައި ވާތޯ ޔަގީން ކޮށްލަންވާނެއެވެ!

އެހިސާބުން އެއޮތީ އިމްތިހާން ނިމިފައެވެ. ދެން އެއިމްތިހާނާއިބެހޭގޮތުން ވާހަކަ ދެއްކުމަކީ ބޭނުންތެރި ކަމެއްނޫނެވެ. ގެޔަށް ގޮސް އަރާމު ކޮށްލައިގެން ދެން ކުރިޔަށް ހުރި އިމްތިހާންތަކަށް ތައްޔާރުވާށެވެ. ކާމިޔާބަކީ މަސައްކަތްތެރިންގެ ހައްގެކެވެ!