މިމަހުގެ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ރޭގަނޑުގެ ގިނަވަގުތު ހޭދަކުރައްވަނީ ނަމާދު ކުރެއްވުމުގައި ކަމަށް ދޫނިދޫގައި މަސައްކަތް ކުރާ ފުލުހަކު ބުނެފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އެ ފުލުސް މީހާ ބުނެފައިވަނީ ދަންވަރުގެ ގިނަވަގުތު ޝެއިޚް އިމްރާން ހޭދަކުރައްވަނީ ޤުރުއާން ކިޔެވުމާއި ނަމާދު ކުރެއްވުމުގައި ކަމަށާއި އަބަދުވެސް ހުންނަވަނީ ހިނިތުންވެލައިގެން ކަމަށެވެ. އަދި މީގެ އިތުރުން ގިނަ ވަގުތު ސަޖިދައިގައި އޮންނަތަނާއި ދުޢާ ކުރާތަން ވެސް ފެންނަ ކަމަށް ދޫނިދޫގައި މަސައްކަތް ކުރާ ފުލުސް މީހާ ވަނީ ބުނެފައެވެ.
ދޫނިދޫގައި ހުންނަވަނިކޮށް ޝެއިޚް އިމްރާން އާއި ބައްދަލު ކުރެއްވި އަދާލަތު ޕާޓީގެ އިސްބޭފުޅުން ވެސް ވިދާޅުވިގޮތުގައި އެބޭފުޅާ ހުންނެވީ ވަރަށް ސާބިތުކަމާއި އެކުގައި ކަމަށާއި އެބޭފުޅުންގެ އަރިހުން ވެސް އެދުނީ ހެޔޮދުޢާކޮށް ދިނުމަށް ކަމަށެވެ.
އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ނިކުމެ އުޅުއްވަނީ ހިތްވަރާއި އެކުގައި ކަމަށާއި ޖަލުގައި ބަންދުކޮށްފިއްޔާ އުމުރުގައި އެކަނި ހުރެ އަޅުކަން ކުރުމުގެ ޖާގަ ލިބޭނެ ކަމަށް މީގެ ކުރިންޝެއިޚް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.