Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ނޫސްވެރިކަމުގެ ދުވަހު "އައްޑޫލައިވް" ތަފާތު ތަކާއިއެކު

ދުނިޔޭގެ ނޫސްވެރިންގެ ދުވަހާއިއެކު "އައްޑޫލައިވް" މިއަދު އަލުން މިފެންނަން ފެށީ ބަދަލު ތަކަކާއިއެކުއެވެ. 2013 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން "އައްޑޫލައިވް"އިން ބޭނުން ކުރަމުން އައި ސައިޓް ބަދަލުކޮށް، މިއަދު އަލުން ކިޔުންތެރިންނާއި މި ބައްދަލު ކުރަނީ ސަރުކާރުން "އައްޑޫލައިވް" އަށް ރާއްޖެއިން ނުވަދެވޭ ގޮތް ހަދާފައި ވަނިކޮށެވެ.

ނޫސްވެރިކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ރާއްޖޭގައި ހަނި ކުރަމުން އަންނަ އިރު މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ އެންގުމަށް ރާއްޖޭގައި އިންޓަނެޓްގެ ހިދްމަތް ދޭ ކުންފުނި ތަކުން އައްޑޫލައިވް ސައިޓް ބްލޮކް ކޮށްފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފަށެވެ.
corruptn

"އައްޑޫލައިވް" ރާއްޖެއިން ނުވަދެވޭ ގޮތަށް ބްލޮކްކުރުމަށްފަހު ހޯމް މިނިސްޓްރީން ބުނެފައިވަނީ "އައްޑޫލައިވް" ބްލޮކް ކުރީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ނެރޭތީ ކަމަށެވެ. ހޯމް މިނިސްޓްރީން މިގޮތަށް ބުނެފައިވާ އިރު ސައްތައިން ސައްތަ މި މުސްލިމް ގައުމުގައި ބަރަހަނާ ސައިޓްތަކަށް އެއްވެސް ކަހަލަ ދަތިކަމެއް ނެތި ވަދެވޭނެ އިންތިޒާމް ސަރުކާރުން މިވަނީ ފަހި ކޮށްދީފައެވެ.

ރާއްޖޭގައި އޭރަކު އޮންނަ ސަރުކާރެއްގެ އެތެރޭގައި ހިންގާ ކަރަޕްޝަންތަކާއި، ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާގައި ހުރި މައްސަލަތަކަަށް ޖެހިލުމެއް ނެތި މިހާތަނަށް ލިޔުންތައް ސާބިތުކަމާއި އެކު ގެނެސްދިން ނޫހަކަށް އައްޑޫލައިވް ވާނެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިންނަށް ހަމަލާދީ، ނޫސް އިދާރާތައް ރޯކޮށް، ނޫސްތައް ބަންދުކޮށް، އަދި ނޫސްވެރިންގެ މައްޗަށް ނުހައްގުން ދައުވާ އުފުލަމުންދާ މި ބިރުވެރި ވަގުތު އަނެއްކާވެސް "އައްޑޫލައިވް" މި ދެތުވަނީ، ރާއްޖޭގައި ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ހޯދުމަށް ހުރި ގިނަ ގޮންޖެހުންތަކާއި ދެކޮޅަށް އަޑު އުފުލުމާއި އެކު އެވެ.

"އައްޑޫލައިވް"އިން މިއަދު މިގެނައި ބަދަލާއި އެކު ކުރިމަގުގައި ސަރުކާރުގެ ތެރެއިން ހިންގާ ބޮޑެތި ކަރަޕްޝަނާއި، ނާއިންސާފް ޝަރިއަތްތަކުގެ މައުލޫމާތު ތާޒާކަމާއި އެކު ދިވެެހި ރައްޔިތުންނަށް ގެނެސްދިނުމުގައި މި ނޫހުގެ ހީވާގި މުވައްޒަފުންނާއި ނޫހަށް މައުލޫމާތު ހިއްސާ ކުރައްވާ އެންމެހާ ދިވެހި ލޮބުވެތި ތިޔަ ކުރައްވާ ގައުމީ ބުރަ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

ނޯޓް: އައްޑޫލައިވް ރާއްޖެއިން ބްލޮކް ކޮށްފައިވުމާއި އެކު މި ނޫހަށް ވަދެވޭނެ އެންމެހާ ފަސޭހަ ގޮތްތައް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކިޔައި ދެއްވައި މިމައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދެއްވުން އެދެން.