Last Updated: April 16, 13:21
Tuesday, April 16, 2024
ކުޅިވަރު

ހުވަފެން ހަގީގަތަކަށް! ލެސްޓާ ސިޓީ އަކީ މިސީޒަނުގެ ޕްރިމިއާލީގު ޗެމްޕިއަން!

މިދިޔަ ސީޒަނުގައި ރެލިގޭޝަނާ ހަނގުރާމަ ކުރި ލެސްޓާ ސިޓީ މިސީޒަނުގެ ބާކްލޭސް ޕްރިމިއާލީގުގެ ޗެމްޕިއަންކަން ނަގައި ދުނިޔެ ސިއްސުވާލައިފިއެވެ. މުޅި ސީޒަނުގައިވެސް އާދަޔާ ޚިލާފު ހިތްވަރުގަދަ ކުޅުމެއް ދައްކާފައިވާ ލެސްޓާ ސިޓީއިން މި ބޮޑު ބިޔަ ދަތުރުގެ މަންޒިލަށް ފޯރާފައިވަނީ ޗެލްސީގެ އެހީތެރިކަމާއެކުއެވެ.

ރޭ ޗެލްސީ އަދި ޓޮޓެންހަމް ބައްދަލުކުރި މެޗު ވަނީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އެހެންކަމުން ލެސްޓާ ބާކީ އޮތް ދެމެޗުން ބަލިވެ، ޓޮޓެންހަމް މޮޅުވިކަމުގައިވިޔަސް ކުރީގައި އޮންނާނީ ލެސްޓާއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމް ވަނީ ދެގޯލު ޖަހައި ލީޑުނަގާފައެވެ. ނަމަވެސް ދެވަނަ ހާފުގައި ޗެލްސީއިން ވަނީ ދެ ލަނޑުޖަހައި އަދިވެސް ޓޮޓެންހަމް އަށް ސްޓެމްފޮޑް ބްރިޖްގައި މޮޅުވިޔަނުދީ ހިފަހައްޓާފައެވެ.

މެޗު އެއްވަރުވެގެން ނިމި ލެސްޓާއަށް ތަށި ޔަގީން ކުރެވުމުން ލެސްޓާގެ މެނޭޖަރު ރަނޭރީ ވަނީ ޗެލްސީގެ ކޯޗު ގަސް ހިޑިންކްއަށް ގުޅުއްވައި ޝުކުރުއަދާކޮށްފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ލެސްޓާގެ މެނޭޖަރަށާއި ކުޅުންތެރިންނަށް ތަހުނިޔާގެ ބަސްތައް ފޯރުކުރަމުންދާއިރު ލެސްޓާގެ ސަޕޯޓަރުން ދަނީ އެކި ކަންކޮޅުތަކުގައި އުފާ ފާޅުކުރަމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ނަމަށް ލީގު ބަދަލުކުރި ފަހުން ތަށި ނެގި 6 ވަނަ ޓީމަށް ލެސްޓާ ވަނީ ވެފައެވެ. އަދި ރަނޭރީ ވަނީ މި ތަށި ނެގި 8 ވަނަ މެނޭޖަރަށް ވެފައެވެ. ލެސްޓާ ތަށި އުފުލާނީ އެމީހުން ދެން ކުޅޭ މެޗަށްފަހުގައެވެ.