Last Updated: May 8, 16:58
Wednesday, May 8, 2024
ޚަބަރު

ސީރިޔާގެ ހަލަބްގައި މުސްލިމުންނާއި ދެކޮޅަށް ޤަތުލު އާއްމެއް! އަހަރުމެން ޣާފިލުކަމުގައި!

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފް ބޮޑެތި ޖަރީމާ ތަކުގައި އެތައް މިލިއަން ބަޔަކު މަރާލުމުގެ އިތުރަށް އިންސާނިއްޔަތާއި ޚިލާފް އެތަކެއް ޖަރީމާތަކެއް ހިންގާފައިވެއެވެ. އެ ޖަރީމާތަކުގެ ވާހަކަ ގިނަ ބަޔަކަށް އެނގިގެން ގޮސްފައި ވަނީ އޭގެ އަހަރުތަކެއް ފަހުންނެވެ.

އެހެން ނަމަވެސް މިއަދު އިންޓަނެޓާއި ސެޓެލައިޓް ޓީވީގެ ޒަރިއްޔާއިން މުޅި ދުނިޔެ ކުޑަކުޑަ އަވަށަކަށް ބަދަލުވެފައިވާއިރު، ދުނިޔޭގެ ދެކުނުގައި ހިންގާ ޖަރީމާއެއްގެ ޚަބަރު އޭގެ އެތައް ހާސް މޭލެއް ދުރުގައި، ދުނިޔޭގެ އުތުރުގައި ހުންނަ މީހާއަށް ލިބުމަށް ނަގަނީ ސިކުންތު ކޮޅެކެވެ.

ދުނިޔޭގެ ނުފޫޒުގަދަ ޤައުމުތަކުން ކޮންޓްރޯލް ކުރާ މީޑިޔާތަކުން 'ބްރޭކިން ނިއުސް' ގެނެސް ދިނުމުގެ ކުރީގައި އެޚަބަރުތައް ސޯޝަލް މީޑިޔާގައި ފެތުރިގެން ދެއެވެ. ފޭސްބުކާއި ޓްވިޓާ އާއި އެކު މިއަދު ކޮންމެ މީހަކީ ވެސް ރިޕޯޓަރެކެވެ.

ދައްކަން މިއުޅެނީ ސޯޝަލް މީޑިޔާ އާއި ރިޕޯޓަރުންގެ ޙައްޤުތަކުގެ ވާހަކައެއް ނޫނެވެ. ހުޅުވާލެވިފައިވާ ދުނިޔެއެއްގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ޣާފިލުކަމުގެ ނިންޖެއްގެ ތިބި ވާހަކައެވެ.

ސީރިޔާގެ ހަލަބްގައި މުސްލިމުންނާއި ދެކޮޅަށް ވަރުގަދަ ލޭ އޮހޮރުވުންތަކެއް ހިންގާއިރު އެއާއި މެދު ބަހެއް ނުބުނެ، ފޭސްބުކް ހޯމް ޕޭޖުން އެވާހަކަ ފެނުނަސް 'ސްކްރޯލް' ކޮށްލައިގެން ތިބޭ ވާހަކައެވެ.
corrupt-1

އާދީއްތަ ދުވަހުގެ ނިޔަލަށް ސީރިޔާގެ ހަލަބަށް ދީފައިވާ ބޮމުގެ ޙަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިޔާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޭގެ ތެރޭގައި 49 ކުޑަކުދިންނާއި 31 އަންހެނުން ހިމެނެއެވެ.
ހަލަބް ސިޓީގެ ކުޑަކުދިން މިއަދު ތަޙައްމަލް ކުރަމުންދާ ހިތާމައާއި ހިތްދަތިކަމަކީ އަހަރުމެންނަށް ވަޒަން ކުރެވޭނެ ހިތާމައެއް އަދި ހިތްދަތިކަމެއް ވެސް ނޫނެވެ. ލިޔުންތެރިއަކަށް ނުވަތަ ކުރެހުންތެރިޔަކަށް ވެސް ސިފަކޮށްދެވޭނެ އިޙްސާސްތަކެއް ނޫނެވެ.

ހަލަބް ސިޓީގެ ޙާލަތު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް މުޅި ސޯޝަލް މީޑީޔާ އިން ފެންނަމުން ދާއިރު، ގިނަބަޔަކަށް އެއީ އެއްވެސް ކަމެއް ނޫނެވެ. އޭގެ ފޮޓޯއަކަށް ލައިކް ދިނުމާއި ޝެއާރ ކުރުން ވެސް އަހަރުމެންނަށް ބުރައަަކަށް މިވަނީ ވެފައެވެ.

އެހެން ނަމަވެސް ފްރާންސްގެ ވެރިރަށް ޕެރިސްގައި ދިން ޓެރަރިސްޓު ޙަމަލާތަކަށް ފަހު އަހަރުމެންގެ ތެރެއިން ގިނަބަޔަކު "ޕްރޭއި ފޯ ޕެރިސް" ވެގެން އުޅުނު ދުވަސް ވަރެއް ވެސް ދިޔައެވެ. ފޭސްބުކާއި ޓްވިޓާގެ ޕްރޮފައިލް ފޮޓޯއަށް ފްރާންސްގެ ދިދައިގެ ފޮޓޯ ލައިގެން އުޅުނެވެ. އެކަން ކުށްވެރިކޮށް ސޯޝަލް މީޑިޔާގައި ބޮޑެތި ބަޔާންތައް ނުލިޔާ ޒުވާނެއް އަހަރުމެންގެ ތެރޭގައި ނެތޭ ބުނުން ގޯހަކަށް ނުވާނެއެވެ.

ސީރިޔާގެ ވެރިކަމުގައި ހުރި ބައްޝާރުލް އައްސަދަށް މަދަދު ވެރިވާ ފަރާތްތަކުގެ ކިބައިން ސީރިޔާގެ ރައްޔިތުންނާއި ދެކޮޅަށް ޤަތުލު އާއްމެއް ހިންގާއިރު އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު "ޕްރޭ ފޯ ސީރިޔާ" ލިޔަން ވެސް ލަދުގަންނަނީއެވެ. ޖެހިލުން ވަނީއެވެ. އެއީ ފެޝަނަކަށް ނުވީމަ ހެއްޔެވެ؟ ނުވަތަ ސީރިޔާގައި ތިބީ ނިކަމެތިންނަށް ވީމައި ހެއްޔެވެ؟

ގިނަ ބަޔަކު ކުރާ ސުވާލަކީ، އަހަރުމެން ސީރިޔާގެ ރައްޔިތުންނަށް ޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯއެވެ؟
hib

ސީރިޔާގައި ހިންގާ ލާއިންސާނީ ޖަރީމާތައް "ނުފެންނަ" ކަމަށް ހަދައިގެން ނުތިބެ ކޮންމެ މީހަކަށް ވެސް އެ ޤައުމުގައި މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާ ތަކާއި ދެކޮޅަށް ޝުޢޫރު ފާޅުކުރަންވީއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ވާހަކަ ހަރުއަޑުން އަހަރުމެން ދައްކާއިރު، ސީރިޔާގެ މުސްލިމުންގެ ޙައްޤުގައި ޚިޔާލުފާޅުކުރަން ފަހަތަށް ޖެހެންވީ ސަބަބެއް ނެތެވެ.

ހާލުގައި ޖެހިފައިވާ ސީރިޔާގެ މުސްލިމުންނަށް ކާބޯތަކެތި އާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އަހަރުމެންނަށް ކުރެވިދާނެ ކަންކަމެވެ.

އެވަރުގެ ކުޅަދާނަކަމެއް ނެތް ނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާ ކުރަންވީއެވެ. އެ ނިކަމެތިކަމުން ސީރިޔާގެ މުސްލިމުން ސަލާމަތްކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރަންވީއެވެ.
އަޅުގަނޑުމެން ހެވިފައި އުފަލާއި މަޖަލުގައި ހޭދަކުރަމުންދާ ކޮންމެ މިނިޓެއްގައި ބިރުވެރިކަމާއި ނާމާންކަމުގައި ހޭދަކުރަމުންދާ ސީރިޔާގެ މުސްލިމުންގެ މަތިން ހަނދާންކޮށްލަން ޖެހެއެވެ.

ދުޢާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ސީރިޔާގައި އާއި އަދި ދުނިޔޭ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ރައްކާތެރިކަން ދެއްވައި އެމީހުންނަށް އަނިޔާވެރިވަމުންދާ ފަރާތްތައް ހަލާކުކުރެއްވުމެވެ. އާމީން!