Last Updated: April 19, 19:29
Friday, April 19, 2024
ކުޅިވަރު

ޗެމްޕިއަންސް ލީގު ފައިނަލުގެ ފުރަތަމަ ޖާގަ އެތްލެޓިކޯ ހޯދައިފި

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ސެމީއިން ބެޔާން މިއުނިކް ކަޓައިފިއެވެ. ރޭ ކުޅުނު ސެމީ ފައިނަލުގައި ބެޔާން މިއުނިކް އަދި އެތްލެޓިކޯ ކުޅުނު މެޗު ނިމިފައިވަނީ 1-2 ގެ ނަތީޖާއަކުން ބެޔާން މޮޅުވެގެންނެވެ. ނަމަވެސް ގަވާއިދުގައި އޮތް ގޮތުން ދެ ލެގު ކުޅޭއިރު އެގްރިގޭޓު ނަތީޖާ އެއްވަރުވެއްޖެނަމަ ކުރިއަށް ދާނީ އެވޭ ގޯލު ގިނަ ޓީމެވެ.

މިދެޓީމު ކުޅުނު ފުރަތަމަ ލެގު އެތްލެޓިކޯ ދަނޑުގައި ކުޅުނުއިރު މިމެޗު އެތްލެޓިކޯވަނީ 0-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަައެވެ. އެހެންކަމުން އެގްރިގޭޓު ނަތީޖާ ވަނީ 2-2 އިން އެއްވަރުވެފައެވެ. ޖަރުމަނުގައި ރޭ ކުޅުނު މެޗުގައި އެތްލެޓިކޯގެ ގްރީޒްމެން ޖެހި ގޯލާއެކު އެމީހުން ވަނީ މިސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ.

ފޯރިގަދަ މެޗެއް ރޭގައި ފެނިގެން ގޮސްފައިވާއިރު ދެ ޓީމުންވެސް ވަނީ މުހިއްމު ހަމަލާތަކެއް ގޯލަށް ވައްދާނުލެވި ބޭކާރުކޮށްފައެވެ. ދެ ޓީމަށް ލިބުނު ދެ ޕެނަލްޓީވެސް ކާމިޔާބުނުކުރެވުނު އިރު އިތުރު މުހިއްމު ފުރުސަތުތައްވެސް ވަނީ ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ގޯލު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްފައިވަނީ ޒަބީ އެލެންސޯއެވެ. 31 ވަނަ މިނެޓުގައި އެލެންސޯ ލީޑު ނެގުމަށްފަހު 3 މިނެޓު ފަހުން އެތްލެޓިކޯގެ ހޯސޭ ޖިމެނޭޒް ޕެނަލްޓީ އޭރިއާ ތެރެއިން ބެޔާންގެ ކުޅުންތެރިއަކު ހިފެހެއްޓުމުގެ ސަބަބުން ރެފްރީވަނީ ޕެނަލްޓީ ދީފައެވެ. ނަމަވެސް ތޯމަސް މުލާ ޖެހި ޕެނަލްޓީ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި އެތްލެޓިކޯގެ ގްރީޒްމެން ވަނީ ބެޔާންގެ ޑިފެންސު ފޫއަޅުވާފައި ކީޕަރާ ވަން އޮން ވަން ފުރުސަތެއް ގޯލުގެތެރެއަށް ވައްދާލައިގެން އެގުރިގޭޓުން ކުރިއަރާފައެވެ. 20 މިނެޓުފަހުން އެގްރިގޭޓް ނަތީޖާ އަނެއްކާވެސް ބެޔާންއަށް އެއްވަރު ކޮށްދިނީ ރޮބާޓް ލެވެންޑޮސްކީއެވެ. ނަމަވެސް އެވޭ ގޯލުން އަދިވެސް ކުރީގައި އޮތީ އެތްލެޓިކޯއެވެ.

މެޗުގެ ނަތީޖާއަށް އިތުރު ބަދަލެއް ގެންނަން 84 ވަނަ މިނެޓުގައި ޓޮރެސްއަށް ލިބުނު ޕެނަލްޓީ އޭނާއަށްވެސް ވަނީ ކާމިޔާބު ނުކުރެވިފައެވެ.
ޖެހިޖެހިގެން ތިން ސީޒަނުގައި ގާޑިއޯލާގެ ބެޔާން ސެމީ އިން ކަޓާފައިވާއިރު ސީޒަން ނިމިގެން އޭނާ ޓީމު ދޫކޮށްދާން ވަނީ ހަމަޖެހިފައެވެ. ގާޑިއޯލާ ބުނެފައިވަނީ އޭނާގެ މުޅި ހަޔާތް ބެޔާން އަށް ދީފައިވާކަމަށާއި ބަލިވުމުން އިންތިހާއަށް ދެރަވާކަމަށެވެ. އަދި އަންނަ ސީޒަނުގައި ކާލޯ އެންޗެލޯޓީ ބެޔާން އާ ހަވާލު ވާއިރު އޭނާގެ ފަރާތުން އިތުރު ކާމިޔާބީ ބެޔާންއަށް ލިބުމަށް އޭނާ އުއްމީދު ކުރާކަމަށްވެސް ގާޑިއޯލާވަނީ ބުނެފައެވެ.

ސެމީގެ ދެވަނަ މެޗު މިރޭ ކުޅޭއިރު ބައްދަލުކުރާނީ ރިއަލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީއެވެ. މިމެޗުގެ ސިޓީގެ ހޯމް މެޗު ނިމިފައިވަނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.