Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ސިޓީ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ރިއަލްއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކުރި ފުރަތަމަ ފަހަރު ފައިނަލަށް ނުގޮސް ދަތުރު ކުރުކޮށްލަން ޖެހިއްޖެއެވެ. ރޭ ރިއަލް ގެ ދަނޑުގައި ކުޅުނު މިމެޗުގެ ދެވަނަ ލެގު ރިއަލް ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގު ލަނޑެއް ނުޖެހި އެއްވަރުވެފައިވުމުގެ ސަބަބުން އެގްރިގޭޓަށް ބަދަލެއް އައިސްފައިނުވެއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފެނިގެންގޮސްފައިވަނީ 20 ވަނަ މިނެޓުގައި ބޭލްގެ ޖެހި ގޯލަކުންނެވެ. މެޗުގައި އިތުރު ގޯލުތަކެއް ފެނިގެން ދާނެކަމުގެ އުއްމީދުގައި ދެޓީމުގެ ސަޕޯޓަރުންވެސް ތިބިއިރު 90 މިނެޓު ހަމަވެގެން ދިޔައީ މެޗުގެ ނަތީޖާއަށް ބަދަލެއް ނުގެނެވިއެވެ. ސިޓީގެ އެއްވެސް ކުޅުންތެރިއަކަށް ރޭގެ މެޗުގައި ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވިފައިނުވެއެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު މިލާންގައި ޗެމްޕިއަންސް ލީގު ފައިނަލުގައި އެތްލެޓިކޯ އަދި ރިއަލް މެޑްރިޑް ބައްދަލު ކުރާއިރު ޑިއެގޯ ސިމިއޯނޭ ބުނެފައިވަނީ އޭނާ ނިކުންނާނީ މީގެ ދެއަހަރު ކުރިން ކުޅުނު ފައިނަލުގެ ބަދަލު ހިފުމަކަށް ނޫންކަމަށެވެ. މެޗުގެ ބޮޑުބައި 0-1 ގެ ނަތީޖާއަކުން އެތްލެޓިކޯ ކުރީގައި އޮތްއިރު މެޗުގެ 90 ވަނަ މިނެޓު ހަމަވެގެން އިތުރު ވަގުތުގައި ރިއަލް އިން ވަނީ ނަތީޖާއެއްވަރުކޮށްފައެވެ.

އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނުއިރު ރިއަލް ވަނީ އެ ދެ ހާފުގައި އެތްލެޓިކޯ ކޮޅަށް 3 ލަނޑު ޖަހައި އެ ސީޒަނުގެ ޗެމްޕިއަންސް ލީގު ތަށި އެތްލެޓިކޯ އަތުން ޖަހައިގެންފައެވެ. މެނޭޖަރެއްގެ ހައިސިއްޔަތުން އެއީ ސިމިއޯނޭ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ރެއަކަށް ނުވާނެއެވެ.

އެނެއްކާވެސް މެޑްރިޑް ދެ ޓީމު ފައިނަލުގައި ބައްދަލުކުރާއިރު ސަޕޯޓަރުން ތިބީ މިމެޗަށް ކެތް މަދުވެފައެވެ.