Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

އަނިޔާވެރި ފުލުހުންނަށް ދުޢާކުރަން ފެށުމުން، ސަރަހައްދު ދޫކޮށް ފުލުހުން ގޮސްފި!

އަނިޔާވެރިކަމާއި ބޭއިންސާފުން މިންޖުކޮށްދެއްވުން އެދި އިސްލާމީ މަރުކަޒުގެ ބޭރުގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އެއްވެ، ކޮންމެ ހުކުރު ދުވަހަކު ޙާއްސަ ދުޢާއެއް ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެމީހުން އެތަނުން ދުރަށް ޖެއްސުމަށް ފުލުހުން ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެެވެ.

މީގެ ކުރިން ވެސް އެސަރަޙައްދުގައި ދުޢާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ފުލުސް އޮފީހަށް ހާޒިރު ކުރުމާއި، އަދި އެ ސަރަހައްދުން މީހުން ފޮނުވާލުމަށް ފުލުހުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެގެން ގޮސްފައެވެ.

ކޮންމެ ފަހަރަކު ދުޢާކުރުން ހުއްޓުވުމަށް ގޮސް އެތަނުގައި ތިބޭ މީހުންނަށް ފުލުހުން ހުރަސް އަޅަން ފެށުމާއި އެކު ދުޢާ ކުރަން އެއްވާ މީހުންގެ ޢަދަދު ގިނަ ވެގެންދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މިއަދު (13 މެއި) ހުކުރު ނަމާދަށް ފަހު ވެސް އިސްލާމީ މަރުކަޒުގެ ބޭރުގައި އަނިޔާވެރިކަމާއި ބޭއިންސާފުން ސަލާމަތް ކޮށްދެއްވުން އެދި ދުޢާކުރަން ފެށުމާއި އެކު، އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދުގައި ތިބި މީހުން އެތަނުން ފޮނުވާލަން މަސައްކަތް ކޮށްފައެވެ.

ދުޢާ ކުރަން އެއްވި މީހުން އެ ސަރަޙައްދުން ދުރަށް ޖައްސަން ފެށުމާއި އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއް އަޑަކުން "އަނިޔާވެރި ފުލުހުންނަށް ލަޢުނަތް ލައްވާނދޭ" މިފަދައިން ގޮވައި ދުޢާކުރަން ފަށާފައެވެ.

އެ ސަރަހައްދުގައި ހުރި މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އަނިޔާވެރި ފުލުހުންނަށް ލަޢުނަތް ލެއްވުން އެދި ދުޢާކުރަން ފެށުމާއި އެކު ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

" ބައެއް ފުލުހުން ތިބީ ވަރަށް ހިތްހަމަ ނުޖެހިފައި. އެމީހުން ބުނަން ވެސް ބުނި ކީއްހޭ ތިމަންނަ މެން ކުރާނީ. ކޮން ހަމައަކުންތޯ މިކަން މި ހުއްޓުވަނީ." އެމްޑީޕީގެ އެކްޓިވިސްޓަކު ފޯނުން ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އިސްލާމީ މަރުކަޒުގެ ބޭރުގައި ދުޢާކުރުން ހުއްޓުވަނީ ކޮން ހަމައަކުންތޯ ސާފުކުރުމަށް 'އައްޑޫލައިވް'ގެ ފަރާތުން ފުލުހުންގެ މީޑިޔާ އޮފިޝަލް އަށް ގުޅި ނަމަވެސް އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.