Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ނިޒާރު 10،000ރ. ދެއްވަން ތައްޔާރު، ބޭނުންތަ؟

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމަށް 913 ދުވަސް ފާހަގަ ކުރަމުން އަންނަ އިރު އައްޑޫގެ ތަރައްގީ އަށް ސަރުކާރުން ކޮށް ދީފައިވާ ކަމެއް ސާތިބުކޮށް ދިން މީހަކަށް 10،000ރ. ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް އަބަދު ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ނިޒާރުގެ އެފްބީ ޕޭޖްގައި އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ 913 ދުވަސްތެރޭ އައްޑޫ ރައްޔިތުންނަށް ޖުމްލަކޮށްވި ފައިދާއެއް ވިދާޅުވި ބޭފުޅަކަށް 10،000ރ. ދެއްވާނެ ކަމަށެވެ.

"ހެއްކާ އެކު ވި ފައިދާގެ ތަފުސީލް މެއިލްކޮށް ދެއްވާ،" އީމެއިލް އައިޑީ އާ އެކު ނިޒާރު އަޕްޑޭޓް ކުރެއްވި ސްޓޭޓަސްގައި ވިދާޅުވި އެވެ.

ސަރުކާރަށް 913 ދުވަސްވުން ފާހަގަ ކުރަމުން އަންނަ އިރު، ސަރުކާރުން ބުނަމުން އަންނަނީ އަތޮޅުތެރޭގެ ތަރައްގީ އަށް ހާއްސަ ސަމާލު ކަމެއް ދީގެ ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ.

އެގޮތުން އައްޑު އަށް ބަލާ ނަމަ ފޭދޫ ބިން ހިއްކުމާއި ހުޅުމީދޫގައި ފިޝަރީޒް ކޮމްޕްލެކްސް އިމާރާތް ކުރުމާއި ފެނުގެ ނިޒާމް ގާއިމު ކުރުމާއި ހުޅުމީދޫ އާއި ހިތަދޫގައި ފްލެޓް އެޅުމާއި އެއާޕޯޓް ތަރައްގީ ކުރުން ފަދަ މަޝްރޫއުތަަކަކީ އައްޑޫގައި ހިނގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އެހެން ނަމަވެސް ފާއިތުވި މުއްދަތުގެ ތެރޭގައި އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް މަޝްރޫއު ހުއްޓާލުމާއި އިސްމެހެލާހެރަ ތަރައްގީ ނުކުރެވި ދިގުލައިިގެން ދިއުން ފަދަ ކަންކަމާ ގުޅިގެން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.