Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

މޮރީނިއޯ ޔުނައިޓެޑަށް އައުމާ ގާތަށް!

މެންޗެސްޓާ ޔުނައިޓެޑުގެ މެނޭޖަރުކަމުން ލުއިސް ވެން ގާލް އިއްޔެގެ ވަގުތެއްގައި ވަކިކޮށް މެންޗެސްޓާ ޔުނައިޓެޑުން ނެރުނު ނޫސް ބަޔާނުގައި އާ ކޯޗަކު ވަރަށް އަވަހަށް އިއުލާން ކުރާނެ ވާހަކަ ވަނީ ބުނެފައެވެ.

ވެން ގާލް މަގާމުން ވަކިކޮށްފައި ވަނީ އޭނާ އަށް އެހަބަރު ދީފައިވާތާން ދުވަސްކޮޅެއްވީ ފަހުން ކަމަށް ހަބަރު ފެތުރިފައިވެ އެވެ.

މިއާ އެކީ ދެން އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ކުރީގެ ޗެލްސީގެ މެނޭޖަރު ހޯސޭ މޮރީނިއޯ މަގާމަށް އިސްކުރާނެ ވާހަކަ އެވެ.

މިދިޔަ ޑިސެމްބަރުގައި ޗެލްސީއިން މޮރީނިއޯ ވަކި ކުރި ހިސާބުން ފެށިގެންވެސް އޭނާއާ ޔުނައިޓެޑާ ގުޅުމެއް އޮތް ކަމަށް މީޑިޔާތަކުން ވަނީ ޚަބަރު ފަތުރައިފަ އެވެ.

ވެން ގާލް އަށް ނަތީޖާ ނުނެރެވޭތީއާއި މޮޅުވާން ޖެހޭ މެޗުތަކުން ބަލިވި ދުވަސްވަރަކަށް އެދުވަސްވަރު ވެފައިވާތީ ގިނަ ސަޕޯޓަރުންވެސް ހީކޮށްގެން ތިބީ ވެން ގާލް އޭރުވެސް މަގާމުން ވަކިކޮށް މޮރީނިއޯ މަގާމަށް އިސްކުރާނެ ކަމަށެވެ.

ނަމަވެސް ކޯޗިން ސްޓާފުންނަށް ބަދަލެއް ގެނައުމެއް ނެތި ސީޒަން ނިންމާލާފައިވާ އިރު ސީޒަނުގައި ކުޅުނު ފަހު މެޗުގެ ކުރިން މޮރީނިއޯގެ ވާހަކަ އަނެއްކާ ވެސް ގަދަވާން ފެށި އެވެ.

ޓޮޕް 4 ގެ މަގާމު އަތުން ދޫވި ހިސާބުން ހުރިހާ ސަޕޯޓަރުން ވެސް ބޭނުންވެފައި ތިބީ ވެން ގާލް ބޭރު ކުރުމަށެވެ.

ނަމަވެސް އެފް އޭ ކަޕުގެ ފައިނަލުން މޮޅުވެ 12 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔުނައިޓެޑުން އެފްއޭ ކަޕު ކާމިޔާބުކުރުމުން ބައެއް ސަޕޯޓަރުންގެ ހިތުގައި ވެން ގާލް އާ ދޭތެރޭ ކުލުނު އުފެދުނެވެ.

ނަމަވެސް 48 ގަޑިއިރު ތެރޭ އޭނާ މަގާމުން ދުރުކުރި ހަބަރު އިވުމުން އެކަމާ ހިތްހަމަ ޖެހުނު ސަޕޯޓަރުން ގިނައެވެ.

ސީޒަނުގައި ބޮޑެތި ޚަރަދުތަކެއް ކުރިނަމަވެސް އެންމެ އެދެވޭ މަގާމަށް ވާސިލުނުވެވުމުން އެންމެ ފަހުން ކުލަބުގެ އިސްވެރިންނަށްވެސް ޖެހުނީ ގަބޫލުކުރަން ބޭނުންނުވާ ހަގީގަތް ގަބޫލު ކުރާށެވެ.

ވެން ގާލް ވަކިކުރިވާހަކަ ކުލަބުގެ އެގްޒެކެޓިވި ވައިސް ޗެޔާމަން އިއުލާން ކުރުމަށްފަހު ވަރަށް އަވަހަށް އޭނާގެ މަގާމު ފުރާނެ މީހަކު އިއުލާން ކުރާނެކަމަށް ބުނެފައިވެއެވެ.

އިނގިރޭސި މީޑިޔާތަކުން ވަނީ މިހާރު މޮރީނިއޯ ޔުނައިޓެޑަށް އައުމުގެ ހުރިހާކަމެއް ނިމިފައިވާ ކަމަށް ހަބަރުކޮށްފައެވެ. ބާކީ އޮތީ ހަމައެކަނި އޮފިޝަލްކޮށް ސޮއި ކުރުން އެކަންޏެވެ.

މޮރީނިއޯއާއެކީ އޭނާ އިންޓަ މިލާންގައި ހުރިއިރު ތަމްރީންކޮށް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ހަދާފައިވާ ޒަލްޓަން އިބްރަހިމޮވިޗް ވެސް އަންނަ ސީޒަނުގައި މެންޗެސްޓާގެ ރަތް ޖާޒީގައި ފެންނާނެ ކަމަށް މީޑިޔާތަކުން ވަނީ ހަބަރުފަތުރާފައެވެ.

އިބްރާގެ އެއްބަސްވުންވެސް މިހާރު ނިމިފައިވާކަމަށާއި މިހާރު ޔުނައިޓެޑުން ދަނީ އިތުރު ކުޅުންތެރިޔަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މޮރީނިއޯ އަދި އިބްރަހިމޮވިޗަކީވެސް ދުނިޔޭގެ ތަފާތު ލީގުތަކުގައި އެމީހުންގެ ފެންވަރު ދައްކާލާފައިވާ ފަރާތްތަކެވެ. މެންޗެސްޓާ ޔުނައިޓެޑުގައި ފެނިގެން ދާނެ ރޯލަށް ސަޕޯޓަރުން މިހާރު ވަނީ ކެތްމަދުވެފަ އެވެ.