Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ދޫނިދޫގައި ތިބޭ މީހުންގެ ކަސްރަތަށް ހާއްސަ ދެ ތަނެއް

އެކި މައްސަލަތަކުގެ ތަހުގީގަށް ބަންދުގައި ތިބޭ މީހުން ހިނގައި ކަސްރަތު ކުރުމަށް ހާއްސަ ދެ ތަނެއް ދޫނިދޫގައި ތައްޔާރުކޮށް ބޭނުން ކުރަން ފަށައިފި އެވެ.

ދޫނިދޫ ކަސްޓޯޑިއަލްގައި ހަދާފައިވާ ދެ ތަން ބަންދުގައި ތިބޭ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށް މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަނީ ބޭނުން ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކަސްޓޯޑިއަލްގައި ތައްޔާރު ކުރި މި ދެ ތަން ހުޅުވައި ދެއްވީ ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ލޮޖިސްޓިކް ސާވިސް ޑިޕާރޓްމަންޓްގެ ހެޑް ސްޕްރިންޑެންޓް އޮފް ޕޮލިސް އިބްރާހިމް މަނިކެވެ.

ދޫނިދޫގައި ބަންދުގައި ތިބޭ މީހުންނަށް ކަސްރަތުކޮށް ހިނގައި ހެދުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދެއް އަބަދު ވެސް އޮވެ އެވެ.

އަދި ހަމަޖެހިފައިވާ އުޞޫލުން ކަސްރަތު ކުރުމަށް ބަންދު މީހުންނަށް ފުރުޞަތު ދެމުން ގެންދާ ކަމަށް ފުލުުހުން ބުނެ އެވެ.

އަލަށް ހެދި ދެ ތަނަކީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ޖަނަވަރީ 13، 2016 ގައި ދޫނިދޫ ކަސްޓޯޑިއަލްގެ ހާލަތު ބަލައި އެ ފަރާތަށް ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދު ކުރެވިފައިވާ މީހުނަށް މިހާރު ހިނގާ ކަސްރަތު ކުރަންދެވޭ ވަގުތަށް ވުރެ އިތުރު ވަގުތު ދިނުމަށް ލަފާ ދެއްވާފައިވާތީ ގާއިމުކޮށްފައިވާ ދެ ތަނެވެ.