Last Updated: April 19, 13:47
Friday, April 19, 2024
ވިޔަފާރި

ބީއެމްއެލަށް ބައިނަލްއަގްވާމީ އެވޯޑެއް

ރާއްޖޭގެ ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އޮންލައިން ނޫހެއް ކަމަށްވާ ލަންޑަންގެ ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން ދޭ "މޮސްޓް އިނޮވޭޓިވް ބޭންކިން ޓީމް އިންޑިއަން އޯޝަން 2016" އެވޯޑު ލިބިއްޖެ އެވެ.

މި އެވޯޑު ބީއެމްއެލަށް ދީފައި ވަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ބޭންކިން ހިދުމަތް ދިނުމަށް ބީއެމްއެލްގެ ޓީމުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ހާއްސަކޮށް ބޭންކްގެ ހިދުމަތްތައް ފުޅާ ކުރަން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

އެވޯޑާ ގުޅިގެން ބީއެމްއެލުން ނެރުނ ބަޔާނެއްގައި ބުނީ އެ ބޭންކުން ތައާރަފް ކުރި ރާއްޖޭގެ ފުރަތަމަ މޯބައިލް ބޭންކިން އެޕްލިކޭޝަނާއި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ތައާރަފް ކުރުމާ ގުޅިގެން މުޅި ރާއްޖޭގައި ވެސް ލުއި ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ލިބޭނެ ގޮތް ފަހިވެގެން ދިޔަކަން އެ އެވޯޑަށް ޖަޖް ކުރި ފަނޑިޔާރުން ގެ ޕެނަލުން ފާހަގަކުރި ކަމަށެވެ.

އަދި ޒަމާނުއްސުރެ ދެމުން އަންނަ، ދޯނި ބޭންކިން ހިދުމަތަށާއި ދާދި ފަހުން ތައާރަފް ކުރި ކޭޝް އެޖެންޓް ހިދުމަތަށް ވެސް ފަނޑިޔާރުންގެ ތައުރީފު ލިބިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލަށް އެވޯޑް ދިން ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން ބުނީ، ރާއްޖެ ފަދައިން ވަކި ރަށްތަކަކަށް ބަހާލެވިފައިވާ ގައުމަކަށް ބޭންކްގެ ހިދުމަތް ދިނުމަށް ވިއުގައެއް ގާއިމުކޮށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭންކު ތަމްސީލް ކުރުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި ހިދުމަތް ފުރިހަމަ ގޮތެއްގައި ދެމުން އަންނަކަމީ ފާހަގަ ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބުންޏެވެ.

ރާއްޖެއާ އެކު "މޮސްޓް އިނޮވޭޓިވް ބޭންކިން ޓީމް އިންޑިއަން އޯޝަން 2016" އެވޯޑް ހޯދި އެހެން ބޭންކްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބޭންކްތައް ކަމަށްވާ ޔޫބީއެސް، ބީއެންވައި މެލަން އަދި ކޮމާސް ބޭންކް ހިމެނެ އެވެ.

އިނގިރޭސިވިލާތުގެ ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލަކީ ވިޔަފާރި އާއި އިގްތިސާދީ ހަބަރުތައް ގެނެސްދޭ ޕްރިންޓް އަދި އޮންލައިން ނޫހެކެވެ.