Last Updated: April 26, 15:02
Friday, April 26, 2024
މުނިފޫހިފިލުވުން

"އާޝިގީ 3" ގައި ސިދާތާއި އާލިއާ

"އާޝިގީ 3" ގެ ކާސްޓާ ބެހޭ ގޮތުން ތަފާތު ގޮތް ގޮތަށް ވާހަކަތައް ދެކެވެމުން އަންނަތާ ދުވަސްތަކެއްވެއްޖެ އެވެ. ކުރިން އަޑު ފެތުރިފައޮވާ ގޮތުން އެ ފިލްމުން ފެންނާނީ ރިތިކް ރޯޝަނާއި ސޯނަމް ކަޕޫރެވެ.

އެކަމަކު ފަހުން އަޑުތައް އިވެން ފެށީ ފިލްމަށް ޒުވާން ދެ ތަރިން ކަމަަށްވާ ސިދާތު މަލްއުތުރާ އާއި އާލިއާ ބަޓް ހަމަޖެއްސި ވާހަކަ އެވެ. އެކަމަކު އެ ދެ މީހުން ވެސް އެކަން ދޮގުކޮށްފައިވެ އެވެ.

ދާދި ފަހުން ސިދާތު ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ވަނީ "އާޝިގީ 3" އަށް ސޮއި ކުރިކަން ކަށަވަރުކޮށް ދީފަ އެވެ. ސިދާތު ބުނީ އެ ފިލްމުގައި ލިޑް ރޯލް ކުޅެނީ އޭނާ އާއި އާލިއާ ކަމަށެވެ.

"އަހަރެން އުންމީދު ކުރަން އަހަރެމެން ދެ މީހުންގެ މި ފިލްމް ބެލުންތެރިންނަށް ކަމުދާނެ ކަމަށް،" ސިދާތު ބުންޏެވެ.

"އާޝިގީ 3" ވެގެން ދާނީ ރައްޓެހިވެގެން ވެސް އުޅޭ ކަަމަށް އަޑު ފެތުރިފައިވާ އާލިއާ އާއި ސިދާތު އެކުގައި ކުޅޭ ތިން ވަނަ ފިލްމަށެވެ.

ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން 2012 ގައި ބޮލީވުޑަށް ނިކުތް އާލިއާ އާއި ސިދާތު އެންމެ ފަހުން އެކުގައި ފެނުނީ "ކަޕޫރު އެންޑް ސަންސް" އިންނެވެ.

އާލިއާ މިހާރު އަންނަނީ ގޯރީ ޝިންޑޭގެ ފިލްމުގެ މަސައްކަތް ނިންމާލާފައި، ވަރުން ދަވަން އާ އެކު ކުޅޭ ތިން ވަނަ ފިލްމް "ބަދްރިނާތު ކީ ދުލްހަނިއާ" ގެ މަސައްކަތް ކުރަމުންނެވެ. މިއީ އެ ދެ ތަރިން އެކުގައި 2014 ގައި ކުޅުނު "ހަމްޓީ ޝަރްމާ ކީ ދުލްހަނިއާ" ގެ ސީކްއެލްއެކެވެ.

އާލިއާ ދެން އެންމަ އަވަހަށް ފެންނާނީ އަބިޝެކް ޗޯބޭގެ "އުޅުތާ ޕަންޖާބް" އިންނެވެ.

ސިދާތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒް ވާނީ ކެޓްރީނާ ކެއިފާ އެކު ކުޅެފައިވާ "ބާރް ބާރް ދޭކޯ" އެވެ.

"އާޝިގީ" ފްރެންޗައިޒްއަކީ އާލިއާގެ ބައްޕަ މަހޭޝް ބަޓްގެ އުފެއްދުމެކެވެ. އޭގެ ފުރަތަމަ ފިލްމް 1990 ގައި ޑައިރެކްޓް ކުރީ އޭނާ އެވެ.

އެހެން ނަމަވެސް 2013 ގައި އަދިތިޔާ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރު ލީޑް ރޯލް ކުޅުނު "އާޝިގީ 2" ޑައިރެކްޓް ކުރީ މޯހިތު ސޫރީ އެވެ.

"އާޝިގީ 3" ވެސް ޑައިރެކްޓް ކުރާނީ އޭނާ އެވެ. އެކަމަކު މި ފިލްމުގެ މަސައްކަތް ފަށާނީ މޯހިތު މިހާރު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ "ހާފް ގާލްފްރެންޑް" އަށް ފަހު އެވެ.

އާލިއާ މިހާތަނަށް އޭނާގެ އާއިލީ ފިލްމް ކޭމްފްގެ ފިލްމެއްގައި މަސައްކަތެއް ނުކުރެ އެވެ. އެހެންވެ "އާޝިގީ 3" ވެގެން ދާނީ އޭނާ ބަޓް ކޭމްޕްގެ ފިލްމަކުން ފެންނަ ފުރަތަމަ ފަހަރަށެވެ.