Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ނިއުގެ ހަރަކާތްތަކުން ރިލޭ ސަސްޕެންޑްކޮށްފި

photo: cnm

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ވައިސް ކެޕްޓަން ރިލުވާން ވަހީދު (ރިލޭ) ކުލަބުގެ އެންމެހާ ހަރަކާތްތަކުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފި އެވެ.

ކުލަބުން މިގޮތަށް ޓީމުގެ ވައިސް ކެޕްޓަނާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ އޭނާގެ އަމަލުތައް ހުންނަ ގޮތުން ކުލަބަށާއި ކުޅުންތެރިންނަށް ހުތުރު ނަން ލިބޭގޮތަށް ކަންތައް ކޮށްފައިވާތީ ކަމަށް ހަބަރު ލިބެ އެވެ.

ނިއު އިން ރިލްވާނަށް ފޮނުވި ސިޓީގައިވާ ގޮތުން އޭނާ ސަސްޕެންޑުކޮށްފައި ވަނީ ކުލަބަށް އައި އިރު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތަށް ފަރިތަކުރުންތަކުގައި ބައިވެރި ނުވާތީ އާއި އެހެން ކުޅުންތެރިން ވެސް ފަރިތަކުރުންތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ދީފައިވާ ކަމުގެ ޝަކުވާ ކުލަބުގެ މެނޭޖްމެންޓަށް ލިބިފައިވާތީ އެވެ.

އަދި މީގެ ސަބަބުން ކުލަބުގެ މެނޭޖުމެންޓުން ވަކިގޮތެއް އަންގަންދެން ކުލަބުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމުން މިއަދުން ފެށިގެން ރިލްވާން ވަހީދަށް ބައިވެރި ނުވެވޭނެ ކަމަށް ސިޓީގައި އަންގާފައިވެ އެވެ.

ރިލްވާނު ސޯޝަލް މީޑިޔާގައި ކުލަބާ ބެހޭ އެކިވާހަކަތައް ލިޔެ ކުލަބުގެ އަގު ވައްޓާލަން މަސައްކަތްކޮށް އެހެން ކުޅުންތެރިންގެ މެދުގައި ކުލަބާދޭތެރޭ ނަފުރަތު އުފައްދަން މަސައްކަތް ކޮށްފައިވާކަން މިހާރު އެނގޭ ކަމަށާއި އެމައްސަލަ ކުލަބުން މިހާރު އަންނަނީ ބަލަމުންކަމަށް ކުލަބުގެ ފަރާތުން "އައްޑޫލައިވް" އަށް ހަބަރު ދީފައިވެ އެވެ. އަދި މިކަމާ ގުޅިގެން އިތުރު ފިޔަވަޅެއް އަޅަން ޖެހޭނަމަ އެކަމެއް ވެސް ކުރާނެ ކަމަށް ނިއު އިން ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް ނިއުރޭޑިއަންޓާއި ކުލަބުގެ ކުޅުންތެރިންނާ ދެމެދު ތަފާތު މައްސަލަތަކެއް ޖެހުމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.

އެންމެ ބޮޑު މައްސަލައަކަށްވެފައި ވަނީ ފާއިތުވެ ދިޔަ މަސްތަކުގައި ކުޅުންތެރިންނަށް ލިބެން ޖެހޭ މުސާރަ ނުލިބިފައިވާކަން ހިމެނެ އެވެ.

ކުޅުންތެރިން ވަނީ މުސާރަ ނުލިބި ގިނަ ދުވަސް ވާތީ ފަރިތަކުރުން ތަކުގައި ބައިވެރިނުވެ ހަޅުތާލުވެސް ކޮށްފައެވެ.

ނަމަވެސް ކުލަބުން މިހާރު ވަނީ ކުޅުންތެރިންނާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި ކުޅުންތެރިން ވަނީ މިހާރު ފަރިތަކުރުންތަކުގައި އަލުން ބައިވެރިވާން ފަށައިފަ އެވެ.