Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ފޭދޫ ބިން ހިއްކައި ނިމިއްޖެ، ދެން އޮތީ ޕްރޮޓެކްޝަން

ފޭދޫ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ނިންމާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ބިން ހިއްކަން ނެދަލެންޑްގެ ވައްނޫރު ކުންފުނީގެ ފަރާތުން ފެށީ މި މަހުގެ ކުރީކޮޅު އެވެ. ފޭދޫ ވަށައިގެން 64 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ފައިސަލް ވިދާޅުވީ، ހިއްކި ބިން ހިމާޔަތް ކުރަން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމަށް ބޭނުންވާ ސާމާނާ އެކު އައްޑު އަށް މި މަހުގެ ތެރޭގައި ބޯޓް އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ލަފާ މި ކުރަނީ މި އަހަރުގެ ނޮވެމްބަރު މަހަށް ޕްރޮޓެކްޝަންގެ މަސައްކަތް ނިންމާލެވޭނެ ކަމަށް،" އެ މަސައްކަތް ވެސް ކުރާނީ ވައްނޫރުންކަން ފާހަގަކޮށް ފައިސަލް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ފޭދޫން އަލަށް ހިއްކި ބިމުގައި ދިރިއުޅުމަށް ގޯތި ދޫކޮށް، ފްލެޓް އަޅާނެ ސަރަހައްދުތައް ކަނޑައަޅައި، ސްކޫލާއި މިސްކިތާއި ފިހާރަތަކާއި ޕާކާއި ސްޕޯޓްސް އެރީނާ ހަދާނެ ސަރަހައްދުތައް ކަނޑައަޅާނެ އެވެ.

މީގެ އިތުރުން ހިއްކި ބިމުގައި ގެސްޓް ހައުސް ވިޔަފާރި އަށް ވެސް ބިން ހާއްސަ ކުރަން ވަނީ ނިންމައިފަ އެވެ.

ހަމަ އެއާ އެކު ގަރާޖާއި އެ ނޫން ވެސް ރަށު ތެރޭގައި ކުރާ އިންޑަސްޓްރިއަލް މަސައްކަތްތަކަށް ވެސް ހިއްކި ބިމަށް ބަދަލު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.