Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

"ބޮޑު" މާހެފުމެއް މަރަދޫގައި ހުކުރު ދުވަހު

ކުރިއަށް ރޯދަ މަހާ ދިމާކޮށް މަރަދޫގެ ހުރިހާ ރައްޔިތުންނަށް ހާއްސަކޮށްގެން "ބޮޑު" މާހެފުމެއް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.

މި މާހެފުން ބާއްވަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު 4:30 ގައި މަރަދު ބަނދަރު ސަރަހައްދުގަ އެވެ. މިކަން އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ މީޑިއާ ކޯޑިނޭޓަރު އަމީޒާ ހަލީލް "އައްޑޫ ލައިވް" އަށް ވިދާޅުވީ މި ފަހަރުގެ މާހެފުމަކީ މަރަދޫގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މާހެފުމެއް ކަމަށެވެ.

އެހެންވެ ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށް އޭނާ ބުންޏެވެ.

"ރަށުގެ ހުރިހާ ރައްޔިތުން މީގައި ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް. މިފަދަ ކޮންމެ ކަމެއްގައި މަރަދޫ ރައްޔިތުންނަކި އަބަދު ވެސް ވަރަށް އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ ވަރަށް ބަދަހި ބައެއް،" އަމީޒާ ވިދާޅުވި އެވެ. "މި ފަހަރުގެ މާހެފުމުން އެކަން ސާބިތުވެގެން ދާނެ."

އޭނާ ވިދާޅުވީ ކުރީ އަހަރުތަކާ ހިލާފަށް މި އަހަރުގެ ބޮޑު މާހެފުން ބާއްވަނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާ އެކުގައި ކަމަށެވެ.

"ކުރިން މިކަން ބާއްވަނީ ރައްޔިތުންގެ އަތުން ކޮންމެވެސް ޗަންދާއެއް ނޫނީ ގޭގެ އިން ކާތަކެތި ތައްޔާރުކޮށްގެން. އެކަމަކު މި ފަހަރު ރައްޔިތުންގެ އަތުން އެއްވެސް ހަރަދެއް ނުދާނެ. މާހެފުމުގެ ހުރިހާ ކަމެއް ކުރިއަށް ދާނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީ އާ އެކު." އަމީޒާ ވިދާޅުވި އެވެ.

މި މާހެފުން ބާއްވަނީ މަރަދޫ އަވަށު އޮފީހާއި ސިއްހީ މަރުކަޒާއި ރަށުގެ ސްކޫލްތަކާއި އެހެނިހެން ހުރިހާ މުއައްސަސާތަކާއި އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގަ އެވެ.