Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

"ބެލެނިވެރިންގެ އުންމީދަކީ ކުދިން ހޯލްސަމް ޕާސަންއަކަށްވުން"

ބެލެނިވެރިންގެ އުންމީދަކީ މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ފަހު ކޮންމެ ކުއްޖަކީ ވެސް "ހޯލްސަމް ޕާސަންއަކަށްވުން" ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވުނު ޖަލްސާގައި ރައީސް ވިދާޅުވީ މަތީ ވަނަތައް ޙާޞިލު ކުރާ ކުދިންނާ ދޭތެރޭ އެހެން މީހުންނާ މުޅި ދައުލަތުން އަދި ދައުލަތުގެ މަސްޢޫލުވެރިން ކުރާ އުންމީދުތައް އިތުރުވެގެން އަންނަ ކަމަށެވެ.

އެގޮތުން، ތަޢުލީމު އުނގެނެންވާ ދާއިރާ ދެނެގަތުމާ އަދި އެ ކުދިންގެ އެޕްޓިޓިއުޑް އެންމެ ރަނގަޅަށް އެނގުމަކީ މިހާރުގެ ކިޔަވާ ކުދިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވިދާޅުވި އެވެެ.

ރައީސް ވިދާޅުވީ އެ ކުއްޖަކު ކުރިއަށް ދާން ބޭނުން ވަނީ ކޮން ދާއިރާއަކުންތޯ ނުވަތަ ކޮން ޢިލްމީ ރޮނގަކުންތޯ ޚިޔާރު ކުރުމުގައި އެ ކުދިންގެ އިނަ އިންޓިއުޝަން އެ ކުދިންގެ ޤާބިލުކަން ހުރީ ކޮން ދިމާލެއްގަތޯ ބުނެދޭނެ ކަމަށެވެ.

އެހެންވެ އެކުދިންގެ ކޯޗުންނާ އަދި ކައުންސިލަރުންނާ ވާހަކަ ދައްކައިގެން އެ ކުދިންގެ އެޕްޓިޓިއުޑް، އިންކްލިނޭޝަން، އިންޓްރަސްޓް އަދި އެންތުސިއާޒަމް ހުރީ ކޮން ދާއިރާއަކުންތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީމް ވިދާޅުވީ މަތީ ޘާނަވީ ތަޢުލީމު ނިންމާ ކުދިންނަކީ މިހާރު ކުޑަކުދިން ނޫން ކަމަށާއި އެކުދިން މިހާރު ހޭލަންވީ ހަޤީގީ ދުނިޔެއަށް ކަމަށް ވިދާޅުވި އެވެ.

"މިހާރު ހޭލަންވީ ޒިންމާ އުފުލާ ދުނިޔެއަށް. މިހާރު ހޭލަންވީ މަސައްކަތް ކުރަން. މިހާރު ހޭލަންވީ އެހެން މީހުންނަށް އެހީތެރިވާން. މިހާރު ހޭލަންވީ ޤައުމު ގޮވާ ކަންކަމަށް އިޖާބަދީ ޤައުމީ ޚިދުމަތަށް،" ރައީސް ވިދާޅުވި އެވެ. "މިހާރު ހޭލަންވީ ޢާމްދަނީ ހޯދައިގެން ޒަވާޖީ ހަޔާތެއް ފަށަން ބޭނުން ކަމަށް ވަންޏާ ޒަވާޖީ ހަޔާތެއް ފެށުމާއެކީ ދަރިން ތަރުބިއްޔަތު ކުރުމަށް ރަނގަޅު ޖީލެއް އުފައްދަން.

ރައީސް އަދި ވިދާޅުވީ އެ ކުދިންނަކީ މިހާރު ރާއްޖޭގައި ހިނގާ އޮއިވަރާ ދޭތެރޭ ވިސްނާ، މި އޮއިވަރަށް ބަދަލު ގެނެވޭނެ ޤާބިލުކަން ހުރި ކުދިންތަކަކަށް ވީތީވެ މި ޙާލަތު ބަދަލު ކުރުމުގެ ފުރުޞަތު އެކުދިންނަށް ލިބިފައިވާކަން އެކުދިން އަމިއްލައަށް ޤަބޫލުކުރަން ޖެހޭ ކަމަށެވެ.

އެހެންވެ މިއީ އެކުދިންގެ ސެލްފް ކޮންފިޑަންސް ބިލްޑް ކުރުމަށް އެންމެ މުހިންމު ވަގުތު ކަމަށް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި މަތީ ޘާނަވީ އިމްތިޙާނުގައި ބައިވެރިވެ ފަސް މާއްދާއިން އޭ ގްރޭޑް ހޯދައިގެން އެއްވަނަ އަށް ދިޔަ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލަޝިޕް އެވޯޑާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ ޓްރޮފީ އަދި ހަނދާނީ ލިޔުން ރައީސް ހަވާލުކޮށް ދެއްވި އެވެ.