Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

މިސްކިތު ވަޅުން ބިދޭސީން ފެންވަރާ މައްސަލަ ބޮޑުވެއްޖެ

ހިތަދޫ ބަނދަރުމަތީގައި ހުންނަ މިސްކިތު ވަޅުން ބިދޭސީން ފެންވަރާ މައްސަލަ ބޮޑުވެއްޖެ އެެވެ.

ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ މިސްކިތު ވަޅުން ބަންގްލަދޭޝްގެ ފިރިހެނުންތަކެއް ކޮންމެ ދުވަހަކު ފެންވަރާ މައްސަލަ ތަކުރާރުވަމުންދާ ކަމަށެވެ.

މިސްކިތު ވަޅުން ބިދޭސީން ފެންވަރަން ތިއްބައި ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އެހެން ނަމަވެސް ނިވާކަން ކުޑަކޮށް ތިބެގެން މިސްކިތު ވަޅުން ފެންވެރުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް "އައްޑޫ ލައިވް" އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

"މިސްކިތަކީ އަޅުކަން ކުރާ ހުރުމަމްތެރިވެގެންވާ ތަނެއް. މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް އަމަލު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން. އެއީ ފާހާނާއެއް ނޫން. ކޮންމެ ދުވަހަކު ބިދޭސީންގެ ގްރޫޕެއް މިސްކިތު ވަޅުން އެބަ ފެންވަރާ. މި މައްސަލަ މިހާރު ވާނީ އައްޑޫ ކައުންސިލާއި އައްޑޫގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޑެސްކާ ހަމައަށް ވެސް ގެންގޮސްފައި،" މި މައްސަލާގައި ކަންބޮޑުވުން ފާޅު ކުރި މީހަކު ބުންޏެވެ.

އޭނާ ބުނީ މިއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށާއި މިކަމަށް އަވަސް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ.

އައްޑޫގައި އުޅޭ ބިދޭސީންގެ ފަރާތުން ތަފާތު މައްސަލަތައް ފެންމަތިވަމުންދާތީ، ގިނަ ބަޔަކު އަބަދު ވެސް އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން ގެންދެ އެވެ.