Last Updated: April 19, 06:47
Friday, April 19, 2024
ޚަބަރު

މޮނިކޮން އަމުރުގެ ބާރު އުމަރުގެ އަތުން ނަގައިފި

މުޖުތަމައަށާއި ފަރުދުންގެ މަސްލަހަތަށް ނުރައްކާ ކޮށްފާނެ ކަމަށް ބެލެވޭ ފަރާތްތަކުން ފުލުހުން މޮނީޓާކޮށް ކޮންޓްރޯލް ކުރުމުގެ އަމުރު ނެރުމުގެ ބާރު ހޯމް މިނިސްޓަރުގެ އަތުން ނަންގަވައި ކޮމިޓީއަކާ ހަވާލުކޮށްފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ސަރުކާރުގެ އެހެން ދެ ވަޒީރަކާއި ޕޮލިސް ކޮމިޝަނާ ހިމެނިވަޑައިގަންނަވާ މިކޮމިޓީގެ އަތް މައްޗަށް މޮނިކޮން އަމުރު ނެރުމަށް ހައިކޯޓަށް ހުށައެޅުމުގެ ބާރު ރައީސުލް ޖުމުހޫރިއްޔާ ނަންގަވާފައިވަނީ ބުރާސްފަތިދުވަހުގައެވެ.

މިކޮމިޓީގައި މިނިސްޓަރު އުމަރުގެ އިތުރުން ތިއްބަވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފެވެ.

މިގޮތަށް މިކަން ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ދައުލަތުގެ ފިނޭންސް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރު މުޖުތަމައަށް ނުރައްކަލަށް ބެލެވޭ މީހުން ދަނެގަނެ އެމީހުންނަކީ ނުރައްކަލެއް ކަމުގައި ކަނޑައަޅައި މޮނީޓާކޮށް ކޮންޓްރޯލް ކުރުމަށް ނިންމަވާނީ ކޮން ހައިސިއްޔަތެއްގައި ތޯ ސުވާލު ކުރަމުންނެވެ.

ނަމަވެސް މިނިސްޓަރު އުމަރު ވިދާޅުވެފައިވަނީ މިނިންމެވުމަކީ އެމަނިކުފާނު ވަރަށް ތާއީދު ކުރައްވާ ނިންމުމެއް ކަމަށާއި ސަބަބަކަށް ވަނީ މިނިންމުމުގެ ސަބަބުން މިހާރަށްވުރެ ޕްރޮފެޝަނަލް ކޮށް އެމަސައްކަތް ކުރެއްވޭނެކަމަށެވެ.

މޮނިކޮށް އަމުރުގެ ބޭނުމަކީ ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހަރަކާތްތަކުން އާންމު ރައްޔިތުން ރައްކާތެރިކޮށް މުޖުތަމައަކީ އަމާން މާހައުލެއް ކަމުގައި ހެދުމެވެ.

އަދި އެފަދަ ކަމެއް ކުރަން އުޅޭ ފަރާތްތައް ހައްޔަރުކޮށްފައި ބަހައްޓައިގެން ތަހުގީގު ކުރެވޭ ވަރަށް ހެކި ނެތް ހާލައްތަކުގައި ނުވަތަ އެފަދަ ފަރާތްތަކުގެ ތަހުގީގު ނިންމުމަށްފަހު ޝަރީއަތުން ގޮތެއް ނިންމުމާ ދެމެދު ހައްޔުކޮށްފައި ބަހައްޓަންޖެހޭ ކަމަށް ކޯޓަށް ނުފެންނަ ހަލާތްތަކުގައި އެފަދަ ފަރާތްތައް ދޫކޮށްފައި ބައިތިއްބައިގެން މޮނިޓާކޮށް ކޮންޓްރޯލް ކުރަމުން ގެންދިއުމެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މޮނިކޮން އަމުރު މީހެއްގެ މައްޗަށް ނެރުމަށް އެދި ހައި ކޯޓަށް ހުށަހެޅުމުގެ ބާރު ދީފައި ވަނީ ދާހިލީ ވުޒާރާ ހިންގަވުމާ ހަވާލުވެގެންވާ، ހޯމް މިނިސްޓަރަށެވެ.

އެ ގާނޫނުގައި ބުނާ ގޮތުން އެ އަމުރުގައިވާ ކަންތައްތަކަށް ބަދަލު ގެނައުމަށް ކޯޓަށް ހުށަހެޅޭނީ ވެސް ހަމައެކަނި ހޯމް މިނިސްޓަރަށެވެ.

އަދި މޮނިކޮން އަމުރު ހިނގަހިނގާ ހުންނަ ކޮންމެ ވަގުތެއްގައި ވެސް އެ އަމުރު ހުއްޓާލުމުގެ ބާރު ވެސް ހޯމް މިނިސްޓަރަށް ލިބިފައިވެއެވެ.