Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ވާޑީ ލެސްޓާގައި މަޑު ކުރަން ނިންމައިފި

އިނގިރޭސި އަދި ޕްރިމިއާލީގު ޗެމްޕިއަން ލެސްޓާ ސިޓީގެ ފޯވާޑު ޖޭމީ ވާޑީ ގަތުމަށް އާސެނަލްއިން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް އެކުލަބަށް ނުގޮސް ލެސްޓާ ސިޓީގައި މަޑުކުރުމަށް ނިންމައިފިއެވެ.

ޖޫންގައި އޭނާގެ ކޮންޓްރެކްޓް ހަމަވެ އާސެނަލްއިން ވަނީ ބައި-އައުޓް ކްލޯސް ލެސްޓާ އަށް ހުށައަޅައިފައެވެ. ނަމަވެސް 29 އަހަރުގެ ފޯވާޑު ނިންމީ ކުލަބުގައި މަޑުކުރުމަށެވެ. ޔޫރޯ އަށް ފަހަށް ވާޑީ ލެސްޓާގެ ކޮންޓްރެކްޓް އާކޮށް ސޮއިކުރާނެކަމަށް މިހާރު ބެލެވެއެވެ.

ވާޑީ ކުލަބު ދޫކޮށް ނުގޮސް މަޑުކުރުމުން ކުލަބުން ވަނީ އޭނާއަށް ބޮޑެތި އިނާމު ހުށައަޅައިފައިކަމަށް އިނގިރޭސި މީޑިޔާތަކުން ވަނީ ޚަބަރު ފަތުރާފައެވެ. އަދި އޭނާ މަޑުކުރުމުގެ ސަބަބުން ކުލަބުގައި ތިބި މިސީޒަނުގައި ވިދާލި އިތުރު ދެ ތަރިން ކަމަށްވާ ރިޔާދް މަހުރޭޒް އަދި ންގޮލޯ ކަންޓޭވެސް ކުލަބުގައި މަޑުކުރާނެކަމަށް ބެލެވެއެވެ.

މިދެކުޅުންތެރިންނަކީ ވެސް ތަށި ހޯދުމަށްފަހު ކުލަބު ދޫކޮށް ދިއުމަށް ނިންމާފައިތިބި ކުޅުންތެރިންކަން މާކުރިއްސުރެން ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް ކުލަބުން އަދި ކުޅުންތެރިންގެ އޭޖެންޓުންގެ ފަރާތުންވެސް އެއްވެސް ބަހެއް މިކަމާ ގުޅިގެން ލިބިފައެއް ނުވެއެވެ.

މިސީޒަނުގައި 24 ގޯލު ވާޑީ ޖަހާފައިވާއިރު އޭނާ ވަނީ ޖެހިޖެހިގެން ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރިކޯޑުވެސް ހަދާފައެވެ. އަންނަ ސީޒަނުގައި އާސެނަލްއިން ވާޑީ ނުފެނުމަކީ އެޓީމުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ދެރައެއް ކަމަށް ބެލެވެއެވެ.