Last Updated: April 25, 09:23
Thursday, April 25, 2024
ރިޕޯޓް

އަތް ގާތްކޮށްލަދީ، ޖިންސީ ދުޅަހެޔޮ ކަމަށް ބާރެއް!

ގޭ ތެރޭގައި ކުރަން ޖެހޭ ކަންކަން ދެމަފިރިން ބަހާލައިގެން ގުޅިގެން ކުރުމާއި އަންހެނުން ކުރާ ކަންކަމަށް ފިރިމީހާ އެހީތެރިވެދޭ ނަމަ، ދެ މީހުންގެ ޖިންސީ ގުޅުން ރަނގަޅުކޮށްދީ، ޖިންސީ ދުޅަހެޔޮކަން ވަރަަށް ބޮޑަށް އިތުރުކޮށް ދޭ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާގައި ބުނަނީ އާންމުކޮށް ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ފިރިމީހާ އަނބިމީހާ އަތް ގާތްކޮށްލަ ދީ ނުވަތަ ގޭގެ މަސައްކަތްތައް ހަމަހަމައަށް ބަހާލައިގެން ކުރާ ނަމަ، ދެމަފިރިންގެ ގުޅުން ވަރަަށް ބޮޑަށް ބަދަހިވާ ކަމަށެވެ.

މީގެ ނަތީޖާއަކީ ދެމަފިރިންގެ ޖިންސީ އުފާތައް އިތުރުވުމެވެ.

އެހެންވެ ބަދިގޭގައި ކެއްކުމާއި ތަށިތައް ދޮވުމާއި ދޮވެ އިސްތިރި ކުރުމާއި މޮޕް ކުރުން ފަދަ ކަންކަމަކީ ފިރިހެނުން ކުރަން އެއްގޮތަކަށް ވެސް ހަޑި ކަންތައްތަކުގެ ގޮތުގައި ނުދެކޭށެވެ. އަދި އެކަހަލަ މަސައްކަތްތައް ކުރުމަކީ އަނބި ދަށުވުމެއް ވެސް ނޫނެވެ.

އެއީ ހަމަ ހިލާ ލަދުވެތި ވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

އެމެރިކާގެ ޖޯޖިއާ ސްޓޭޓް ޔުނިވަސިޓީން ހެދި ދިރާސާ އިން ދެއްކި ގޮތުގައި ގޭތެރޭގެ މަސައްކަތްތައް ކުރުުމުގައި އަނބިމީހާ އަށް އެހީތެރިވެދޭ ނަމަ ފިރިހެނުންނަށް އޮތް އުފާވެެރި ކަމަކީ އަނބިމީހާ އާ އެކު ޖިންސީ އުފާތައް ލިބި ގަންނަން ލިބޭ ފުރުސަތުތައް އިތުރުވެގެން ދާ ކަމެވެ.

"ހަމަހަމަކޮށް ދެމަފިރިންނަށް ގޭ ތެރޭގެ މަސައްކަތްތައް ބަހާލައިގެން ކުރެވޭ ނަމަ ލިބޭ އުފާ ބޮޑުކަން މި ވަނީ ސާބިތުވެފައި. ކައިވެންޏެއް ދެމެހެއްޓުމަށް ޖިންސީ އުފާ ވަރަށް މުހިއްމު،" ދިރާސާ ހެދުމުގައި އިސްކޮށް ބައިވެރިވި ސޯޝޮލޮޖިސްޓް ޑެނިއަލް އެލް ކާލްސަން ބުންޏެވެ. "އެހެންވީމާ އަނބިމީހާ އަށް އަތްގާތްކޮށްލަ ދިނުމަކީ ފިރިމީހާ އަށް ލިބޭ އުފަލަކަށް ހަދަން ޖެހޭ."

މި ޒަމާނަކީ އާންމުކޮށް ދެމަފިރިން ވަކިން އުޅޭ ޒަމާނެކެވެ. އެޕާޓްމަންޓެއްގައި ވަކިން އުޅޭ ދެމަފިރިން ގޭގެ ކަންކަން ބަހާލައިގެން ކުރެވޭތޯ އަބަދު ވެސް ބަލާށެވެ. ހާއްސަކޮށް ދެމަފިރިން ވެސް ވަޒީފާ އަދާ ކުރާ ނަމަ އެވެ.

އެހެން ނޫނީ ބުރަވެގެން އަނބިމީހާ އަބަދު ޝަކުވާ ކުރާ ތަން އޮންނާނީ ކުރިމަތިވެފަ އެވެ.