Last Updated: April 25, 18:52
Thursday, April 25, 2024
މީހުން

އައްޑު އަށް ޑްރަގް އެތެރެ ކުރި މީހަކު އުމުރަށް ޖަލަށް

ދިރުވާލައިގެން އައްޑު އަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޖޫން 27، 2016 ގައި ހުކުމްކޮށްފައި ވަނީ މަރަދޫ، ނޫކޮކާގެ، މައުސޫމް ރަޝީދު، 36، ގެ މައްޗަށެވެ.

ދައުލަތުން އޭނާފެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ، މަޢުޞޫމް ރަޝީދު 2016 ފެބްރުއަރީ 23 ވަނަ ދުވަހުގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓެއްގައި އައިއިރު ދިރުވާލައިގެން މަސްތުވާތަކެތި ގެނެސްފައިވާ މައްސަލަ އާ ގުޅިގެންނެވެ.

މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާގުޅިގެން މަޢުޞޫމް ރަޝީދު ހައްޔަރު ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށްފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ޓާމިނަލްގައި ހުއްޓަ އެވެ.

އެގޮތުން، އޭނާ ހައްޔަރު ކުރި އިރު މަސްތުވާތަކެތި ދިރުވާލައިގެން ހުރިކަމަށް ތުހުމަތުކުރެވިގެން، ފުލުހުންގެ ބެލުމުގެ ދަށުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވި ބޭސްދީގެން އޭނާގެ ބޮޑުކަމުދާތަކެތި ވަނީ ނަގާފައެވެ. އަދި އެ ތަކެތީގެ ތެރެއިން ފެނުނު 9 ބުލެޓުގައި 92.8022 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން މަޢުޞޫމް ރަޝީދުގެ މައްޗަށް އުފުލި ދައުވާ ބެލުމަށްފަހު ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، އެއީ ފައިސާގެ ދަހިވެތިކަމުގައި މަޢުޞޫމް ރަޝީދު އައްޑޫ ސިޓީއަށް އެތެރެކުރި މަސްތުވާތަކެތިކަން، އޭނާގެ އިއުތިރާފުން އެނގުމާއެކު މަސްތުވާތަކެތީގެ ޤާނޫނުގެ 17، 144 އަދި 137 ވަނަ މާއްދާގައި ބުނާ ކަންކަން ފުރިހަމަ ވެފައިވާތީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް މަޢުޞޫމް ރަޝީދުގެ މައްޗަށް ސާބިތުވާކަމަށެވެ.

އެހެންކަމުން، މަޢުޞޫމް ރަޝީދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި މަޢުޞޫމް ރަޝީދު އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖުރިމަނާކޮށް، މި ފައިސާ އެއްމަސްދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް އަންގާކަމަށްވެސް އެ ހުކުމުގައި ވެއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މާޗް 27 ވަނަ ދުވަހު އެވެ.