Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

"މިނިވަން ކަޕް" ގެ ޓީމްތަކަށް ވެސް ފައިސާގެ އެހީ

ހުޅުދޫގައ ބާއްވާ "މިނިވަން ކަޕް" ގެ މި އަހަރުގެ މުބާރާތުގައި ހުޅުދު އާއި މީދޫން ބައިވެރިވާ ޓީމްތަަކަށް ފައިސާގެ އެހީ ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން މި ގޮތަށް ނިންމީ މި މަހުގެ 28 ވަނަ ދުވަހު އޮތް ބައްދަލުވުމުގަ އެވެ.

ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވިދާޅުވީ މިނިވަން ކަޕްގައި ވާދަ ކުރާ މުލިމަތި ޔުނައިޓެޑް، މީދޫ އެފްސީ، އޭޓީ ސްޕޯޓްސް ކުލަބް އަދި ހުޅުދޫ ޔޫތު ޓީމަށް ފައިސާގެ އެހީ ދޭން ކައުންސިލުން ވަނީ ނިންމައިފަ އެވެ.

މިއިން ކޮންމެ ޓީމަކަށް 10،000ރ. ދޭނެ ކަމަށް އައްދު ވިދާޅުވި އެވެ.

މަރަދޫގައި މިހާރު ކުރިއަށްދާ ގޯދިއްޔާ ފުޓްސަލް ކަޕްގައި ވާދަ ކުރާ ކޮންމެ ޓީމަކަށް ވެސް ކައުންސިލުން 10،000ރ. ގެ އެހީއެއް ދީފަ އެވެ.

އައްޑޫގައި ވަރަށް ގިނަ ކުޅިވަރު ހަރަކާތްތަކަށް ކައުންސިލުން އަބަދު ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެ އެވެ.

ހުޅުދޫގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މިނިވަން ކަޕްގެ މި އަހަރުގެ މުބާރާތް ފަށާނީ އަންނަ މަހުގެ 14 ގަ އެވެ. މުބާރާތުގެ ފައިނަލް އޮންނާނީ ޖުލައި 26 ގަ އެވެ.

މުބާރާތުގައި މި ފަހަރު ޗެމްޕިއަން ޓީމަށް ވަނީ 25،000ރ. ވަނީ ހުށަހަޅައިފަ އެވެ. އަދި ރަނައަޕް ޓީމަށް 15،000ރ. ދޭނެ އެވެ.

ޗެމްޕިއަން ޓީމަށް 20،000ރ. ދިން "މިނިވަން ކަޕް 2015" ގެ ޗެމްޕިއަން ޓީމަކީ ޑީކޭ ސްޕޯޓް ކުލަބެވެ.