Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ޕީޕީއެމް ބައިބައިވެއްޖެ، މިއީ ޒެޑް.ޕީޕީއެމްގެ ފެށުންބާ؟

ޕީޕީއެމްގެ ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެބޭފުޅުންގެ ދެމެދުގައި ދެބަސްވުންތައް އުފެދި އެތެރޭގެ ކޯޅުން އިންތިހާއަށް ގޮސްފައިވަނިކޮށް މިއަދު މައުމޫނު ވަނީ ޕާޓީ ތެރޭގައި މަޝްވަރާ މަޖިލީހެއް އުފައްދާފައެވެ.

މިއަދު މެންދުރު މިމަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވާއިރު މިޖަލްސާގައި ބައިވެރިވެފައިވި މެމްބަރުންނަކީ މަޝްވަރާ މަޖިލީހުގެ މެމްބަރުން ކަމަށް 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވެއެވެ.

މައުމޫން އެމަނިކުފާނަށް ލަފާ އަރުވާ މަޝްވަރާ މަޖިލިހެއް އުފައްދާފައިވާއިރު މިއަދު ރައީސް ޔާމީންވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި ބައްދަލުކޮށްފައެވެ.

ޕާޓީގެ ނައިބުރައިސް މީޑިޔާއަށް މައުލޫމާތުދެމުން ބުނެފައިވާ ގޮތުގައި މައުމޫނު އުޅުއްވަނީ ޕީޕީއެމް 'ހައިޖެކް' ކުރައްވަން ކަމަށާއި އެހެންނަމަވެސް އެމަނިކުފާނަށް އެކަން ކުރެއްވުނަ ނުދޭނެކަމަށެވެ. މިހާރު ރައީސް ޔާމީންގެ މީހުން އަންނަނީ ގޮތެއް ހޯދަމުން ކަމަށްވެސް ރޭ މައުމޫން ބާރުތަކުން ދުރުކޮށްފައިވާ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ބުނެފައިވެއެވެ.

ކަންތައް މިގޮތަށް ހިނގަމުން ދާއިރު ދިވެހި ރައްޔިތުންނަށް ފެންނަމުން މިދާ މަންޒަރުތަކަކީ މިއީ މުޅިން އާ މަންޒަރުތަކެއް ނޫނެވެ. ޑީއާރްޕީ ގެ ނަމުގައި އޭރު ވެރިކަމުގައި ހުންނެވި މައުމޫން އިސްވެ އުފައްދައި ގިނަގުނަ މަސައްކަތްތަކެއް ކުރި ޕާޓީ ދޫކޮށް އާޕާޓީއެއް ހަދާފައިވަނީ އޭރުގެ ޕާޓީގެ ވެރިޔަކަށް ހުންނެވި ބޭފުޅާގެ ވިސްނުމާއި މައުމޫނުގެ ވިސްނުން އެއްގޮތް ނުވުމުން ކަމަކީ އެންމެންނަށް އެނގޭ ހަގީގަތެވެ.

ނަމަވެސް ޕާޓީ ދޫކޮށް އަންނަން ޖެހުނު ސަބަބަކީ ގައުމުގެ އެންމެހާ ރައްޔިތުންގެ ކުރިމަތީގައި ސިޔާސީ އެންމެހާ ހަރަކާތްތަކާ ދުރުވެ ވަޑައިގަތްކަން އިއުލާން ކުރުމަށްފަހު ވެސް އެމަނިކުފާނު އަލުން އަނބުރާ ސިޔާސީ ކަންކަމަށް ވަދެވަޑައިގަންނަން ޖެހުމުންނެވެ.

ޑީއާރްޕީ ދޫކޮށް ޒެޑްޑީއާރްޕީ އެއް އުފައްދައި ހަގީގީ ޑީއާރްޕީއަކީ ޒެޑްޑީއާރްޕީއޭ ވިދާޅުވި ބޭފުޅަކު ޒެޑްޕީޕީއެމް އެއް އުފައްދައި ހަގީގީ ޕީޕީއެމް އަކީ ޒެޑްޕީޕީއެމް އޭ ވިދާޅުވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ދިވެހި ރައްޔިތުން ތިބީ ސަމާލުވެ ބަލައިގެންނެވެ.