އައްޑޫ ލިންކު ރޯޑުގެ އެކި ސަރަހައްދުތަކުން ތާރުގަނޑު ހަލާކުވެ ދަތުރު ފަތުރު ކުރުމަށް ބޮޑެތި އުނދަގޫ ތަކާއި ކުރިމަތިވާތާ ދުވަސްތަކެއް ފަހުން އެ މަގު މަރާމާތު ކުރަން މިއަދު ފަށައިފިއެވެ.
މިއަދު މަރާމާތު ކުރުމުގެ މަަސއްކަތް ފަށާފައިވަނީ ލިންކު ރޯޑުން އެންމެ ބޮޑަށް ހަލާކުވެފައިވާ ހިސާބުންނެވެ. އެއީ މަރަދޫ ފޭދޫ އެސްޓިއޯއިން ފެށިގެން މަރަދޫ އެމްޒޯ ފިހާރަ އާއި ދެމެދު ވާސަރަހައްދެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހަފްތާގައި މަގު ބަންދުކޮށްގެން ލިންކު ރޯޑު މަރާމާތު ކުަރަންފަށާނެކަމަށް އިއްލާންކޮށްފައިއެވެ. އަދި ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން އެ ސަރަހައްދު ބަންދުކޮށް މިއަދު ވަނީ އެ ސަރަހައްދުގެ އެއްފަޅީގެ ތާރުގަޑު ނަގާފައިއެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ބުރާސްފަތި ދުވަހު ކައުންސިލާއި ސަދަން ޔޫޓިލިޓީ ލިމިޓޭޑް (އެސްޔޫއެލް) އާއި ދެމެދު ވަނީ މަޝްވަރާކޮށްފައިއެވެ.
މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތުގައި އިސްކޮށް އުޅުއްވާ އެސްޔޫއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވާރޭ ނުވެހި، މޫސުން ރަނގަޅު ނަމަ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި މަގު މަރާމާތުކޮށް ނިންމާލެވޭނެ ކަމަށެވެ.
އޮފިޝަލް ވިދަޅުވީ މަގު މަރާމާތުކުރަނީ މަގުގެ ތާރުގަނޑު އެންމެ ބޮޑަށް ހަލާކުވެ، ވަޅުގަނޑުތައް ހެދިފައިވާ ސަރަހައްދުތަކުގެ ތާރުގަނޑު އެއްކޮށް ނެގުމަށް ފަހު އަލުން ތާރު އަޅައިގެންނެވެ. އެގޮތުން މަގުގެ 500 މީޓަރުގެ ސަރަހައްދެއް މަރާމާތުކުރަން ޖެހޭ ކަމަށް އެސްޔޫއެލް އިން ބުންޏެވެ.
"އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުގެ ތާރުގަނޑު ކޮށާލައިގެން ނެގުމަށް ފަހު އަލުން އެތަންތަނަށް ތާރު އަޅައިގެން މަގު މަރާމާތުކުރާނީ. ދެން އެކި ދިމަދިމާލުގައި ހުރި ވަޅުގަނޑުތަކަށް ތާރު އަޅައިގެން މަރާމާތުކުރާ ގޮތަށް ހަމަޖެހިފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ތާރު އަޅައިގެން މަރާމާތު ނުކުރެވިގެން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި، މަގުގައި ހުރި ވަޅުގަނޑުތަކަށް ވަނީ ކޮންކްރިޓް ވެސް އަޅައިފަ އެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ކޮންކްރިޓް ނެއްޓި، މަގު ބޭނުން ކުރުމަށް ދަތިވެފައިވެ އެވެ.