ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު، ވަޒީފާއިން ވަކިކުރި ޙުސައިން ސައީދުގެ ވަޒީފާ އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކުރި އަމުރާއި އެއްގޮތަށް އެ ވަޒީފާ އިޔާދަކޮށްދީފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސައިން ސައީދު މިހާރު ވަނީ އަލުން ވަޒީފާ އަށް ނިކުންނަން ވެސް ފަށައިފަ އެވެ.
އެޗްޕީއެލްގެ އޮޕަރޭޝަންސް މެނޭޖަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ޙަސަން ސައީދު ވަޒީފާއިން ވަކި ކުރީ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި ކުއްލި ގޮތަކަށެވެ. އޭނާ ވަޒީފާ އިން ވަކިކުރީ އޭނާ އެ ވަޒީފާގައި ބަހައްޓައިފި ނަމަ ކުންފުންޏަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ކަމަށް ބުނެ އެވެ.
ހުސައިން ވަޒީފާއިން ވަކި ކުރުމުން އެ މައްސަލަ އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅީ އޯގަސްޓް، 30، 2017 ގަ އެވެ.
ފެބްރުއަރީ، 1، 2018 ގައި އެ މައްސަލަ ނިންމައި ޓްރައިބިއުނަލް އިން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި ހުސައިން ސައީދު ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ޤާނޫނާއި ޚިލާފަށް ކަމަށެވެ.
އަދި ހުސައިން ސައީދު އަދާ ކުރަމުން ދިޔަ އޮޕަރޭޝަންސް މެނޭޖަރެއްގެ ވަޒީފާ އަނބުރާ އިޔާދަކޮށް ދިނުމަށާއި އަދި ވަޒީފާ އިން ވަކިކޮށްފައި ހުރި މުއްދަތުގައި ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް ދިނުމަށް ޓްރައިބިއުނަލް އިން ވަނީ އެމްޕީއެލްގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެޗްޕީއެލްއަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން އައްޑޫގައި ހިންގާ ކުންފުންޏެކެވެ.