މާޗް މަހުގެ 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވި "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލް" ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.
އެ ބިލް ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވައިފި އެވެ.
މި ޤާނޫނަކީ، ދިވެހި ރާއްޖޭގައި ހިންގާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ އޮނިގަނޑު އެކަށައަޅައި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި އަށް ފަހި މާޙައުލެއް ދިވެހި ރާއްޖޭގައި ޤާއިމުކޮށް، ރާއްޖޭގެ އިޤްތިޞާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކޮށް، އެވިޔަފާރިތަކަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަވެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލުކަން ލިބިފައިވާ ވިޔަފާރިތަކަކަށް ހެދުމަށް މަގުފަހި ކުރުމާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުޞަތުތައް އިތުރު ކުރުމަށް މަގު ފަހިކުރުމާއި، މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތައް އިތުރު ކުރުން ހިމެނެ އެވެ.
އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަސަރުކުރާ ސަރުކާރުގެ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭ ގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ވިލަރެސްކޮށް، ހިނގާ ނުހިނގާ ގޮތް ބަލައި، ވަޒަން ކުރެވޭނެ ގޮތްތައް ޤާއިމު ކުރުމާއި، ވިޔަފާރި ހިންގުމާއި، މާލީ ޤާބިލުކަމާއި، ހުނަރާއި ތަޖުރިބާ އާއި އެފަދަ އެހެން ކަންކަމުގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަޤު ކުޑަ ކުރުން ވެސް ހިމެނެ އެވެ.
ހަމައެއާ އެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާ ގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ބޭނުން ވާނެ މަޢްލޫމާތު އެއްކޮށް ބެލެހެއްޓުމާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމެއް ޤާއިމު ކުރުން ވެސް މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެ އެވެ.