Last Updated: February 12, 11:37
Wednesday, February 12, 2025
ޚަބަރު

ރިޔާޒް މާފުށީ ޖަލަށް ބަދަލުކޮށްފި

ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

ދޫނިދޫ ޖަލުން މާފުށީ ޖަލަށް އަބްދުﷲ ރިޔާޒް ބަދަލުކުރިކަން ހާމަކުރީ ޖުމްހޫރީ ޕާޓީންނެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފައިވަނީ މާޗް 2 ވަނަ ދުވަހުގެ ރެއެވެ. ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ފުލުހުން ވަނީ ރިޔާޒްގެ މައްޗަށް ކޮށްފައެވެ.

ރިޔާޒު އާއި އެކު އެދުވަހު މަޖްލިސްގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުވެސް ހައްޔަރު ކުރިއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އަބްދުﷲ ޝާހިދު ދޫކޮށްލިއެވެ.

އަބްދުﷲ ރިޔާޒްގެ ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒް ޤާނޫނަކީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުން ސަސްޕެންޑްކޮށްފައި ނުވާ ޤާނޫނަކަށް ވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަންދުކުރުމަށް އެޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއާތަށް، ޢަބްދުﷲ ރިޔާޟް ހައްޔަރުކުރުމުގައި އަމަލުކޮށްފައި ނުވާ ކަމަށެވެ.