ސ. ހުޅުދޫ ބަނދަރުގެ ތޮށިގަނޑު ވަރަށް ބޮޑަށް ހަލާކުވުމާ ގުޅިގެން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހުޅުމީދޫ އަވަށު ބޯޑްގެ ރައީސް އިބްރާހީމްދީދީ މިއަދު ވިދާޅުވީ ބަނދަރުގެ ތޮށިގަނޑު މަރާމާތު ކުރަނީ އެ ރަށުގެ އަމިއްލަ ކުންފުންޏެއްް ކަމަށްވާ އެސްއެންއާރް އިން ކަމަށެވެ. މި މަސައްކަތް ރަސްމީކޮށް އެ ކުންފުނިން މިއަދު ވަނީ ފަށާފަ އެވެ.
އިބްރާހީމްދީދީ ވިދާޅުވީ ކައުންސިލްގެ ބަޖެޓުން 1.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބަނދަރުގެ ތޮށިގަނޑު މަރާމާތު ކުރަމުން އަންނަ އިރު، މި މަަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މި މަސައްކަތުގައި އެސްއެންއާރް އާ އެކު ގއ. މާމިގިލީގެ ބަޔަކު ވެސް ހަރަކާތްތެރި ވަމުން އަންނަ ކަމަށް ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްއެންއާރް އިން ހުުޅުދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ކުރިން ލާފައި އޮތް ތޮށިގަނޑު ވެސް ކުރިއަށް ވުރެ ފެންވަރު ރަނގަޅުކޮށް މަރާމާތުކޮށް މިހާރު ނިންމާފައިވާ ކަމަށެވެ. އެހެންވެ ގިރާ ސަރަހައްދަށް ބޮޑު ހިމާޔަތެއް މިހާރު ލިބިަފއިވާ ކަމަށް އިބްރާހީމްދީދީ ވިދާޅުވި އެވެ.
"ކުރިއަށް ވުރެ މާ ވަރުގަދަކޮށް އެ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މި ފަހަރުކޮށްފައި ވާނީ،" އޭނާ ވިދާޅުވި އެވެ.
ހުޅުދު އާއި މީދޫގައި ވަކިން ދެ ބަނަދަރު އޮތް އިރު، އެ ދެ ބަނދަރުގެ ތޮށިގަނޑު ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
ަ
ަެއެހެން ނަމަވެސް ދެ ރަަށަށް ބޮޑު އެއް ބަނދަރު ދެ ރަށުގެ މެދަށްވާ ގޮތަށް ހެދުމުގެ މަސައްކަތް 2011 ވަނަ އަހަރު ފެށި ނަމަވެސް އެކަން އެދެވޭ ގޮތަކަށް ކުރިއަކަށް ނުދެ އެވެ.
ކައުންސިލުން ވަނީ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އެ ބަނދަރު ހަދަން ފަށާފައި އެ އޮތީ ހަނި މަގަކުން [ސަރަހައްދީ ބަނދަރަށް ދާން އޮންނަ ކަހަލަ ހަނި މަގެއް] ގޮސް ބަނދަރަށް ނިކުމެވޭ ކަހަލަ ގޮތަކަށް މިހާރު. އެކަމަކު ބަނދަރު ހަދަން އެމްޑީޕީ ސަރުކާރުން ނިންމީ ހިއްކައިގެން ރަނގަޅު ފެންވަރަކަށް، ދަތި ކަމެއް ނެތި ބަނދަރު ބޭނުން ކުރެވޭ ގޮތަށް ބަނދަރު ހަދަން،" ކައުންސިލްގެ އިންފްރާސްޓްރަކްޗަ ޑިޕާޓްމަންޓާ ހަވާލުވެ ވަޑައިގެން ހުންނަވާ ކައުންސިލަރު ހުސައިން ހިލްމީ ވިދާޅުވި އެވެ. "އަދި މި ޕްރޮޖެކްޓް ނުނިމި ލަސްވާތީ ވެސް އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ."