(އެޕްރީލް 13، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"ނާ ހަމަ ތެދެއް؟ މީގެ ފަހުން ކޮންމެ ދުވަހަކު އަޅުގަނޑު އަންނާނަން." ސާރާގެ މި ޖުމްލަ އިން ސޫރަޖް ހަމަ ޖެހިލި އެވެ. އަދި ޝުކުރުވެރި ނަޒަރަކުން މަރިޔަންފުޅަށް ބަލާލި އެވެ. މަރިޔަންފުޅު ވެސް އާނއެކޭ ބުނާހެން ބޯ ޖަހާލި އެވެ.
"ދަރިފުޅާ….ބޮޑުދައިތަ އަންނަން ދެން ސޫރަޖް ކައިރީ އިށީނދެލާ."
ސޫރަޖް މަޑުމަޑުން ސާރާގެ އަތުގައި ހިފާލި އެވެ. އަދި ކައިރީ ބައިންދާލި އެވެ.
"ސޫރަޖް ބޭބޭ… މިހާރު ވަރށް ބޮޑަށް އަލި ވިލިއްޖެތަ؟ އިރުގެ ދަޅަތައް ފެންނަން ފަށައިފިތަ؟" ސާރާ އެތަނުގެ މާހައުލާ މެދު ވިސްނާލަމުން ބުނެލި އެވެ.
"އާނ… ސާރާ… އިރުގެ ރަންދޯދިތަކުން މުޅި ޖައްވު ވަނީ އެއްވެފައި. ތަފާތު ކުލަކުލައިގަ. މަޑުމަޑުން އިރު އެހެރަ އޭގެ ވަޒީފާ އާއިގެން އާ ދުވަހަކަށް ތައްޔާރުވާނީ. ސާރާ ވެސް ޖެހޭނީ ކޮންމެ ދުވަހަކީ އާ ދުވަހަކަށް ހަދަން." ސޫރަޖް ސާރާ އަށް ވިސްނައި ދެވޭތޯ މަސައްކައް ކުރަމުން ދިޔަ އެވެ. އަދި މާހައުލުގެ ރީތިކަން ވެސް ކުޑަ ގޮތަކަށް ސިފަކޮށް ދިނެވެ.
"ސޫރަޖް ބޭބެ ދިޔައީމާ ސާރާ އަށް ތި ގޮތަށް ކިޔާލަ ދޭނެ މީހަކު ވެސް ނުހުންނާނެ." ސާރާ ހުވަފެނީ އަޑަކުން ވާހަކަ ދެއްކި އެވެ. ހަމަ ހިމޭން ކަން އެދޭ ތެރެއަށް ވެރިވެގެން ދިޔަ އެވެ.
"އަހަރެން ދާން މަޖްބޫރު…ސާރާ…ސޫރަޖްބޭބެ ކިޔަވައިގެން މޮޅު މީހަކަށް ވެގެން ތި ލޯ ރަނގަޅު ކޮށްދޭން އަންނާނަން." ސާރާ އާއި ސޫރަޖް ބާރަށް ހޭން ފެށި އެވެ.
އަސްލު ސާރާ ހޭން ފެށީ ކޮން މާނައެއްގައި ކަމެއް ސޫރަޖަކަށް ނޭނގުނެވެ. ސޫރަޖަށް ހޭން ފެށުނީ ސާރާގެ ހުނުމުގައި ބައިވެރި ވާން ވެގެންނެވެ.
"ކީއްވީ؟ އުއްމީދެއް އޮތުމަކީ ގޯހެއް ނޫނެއްނު؟" ސޫރަޖް ހިސާބަކަށް ނުރުހުން އެކުލެވިފައިވާ ރާގަކަށް ބުނެލި އެވެ.
"އައްދޭ މިހާރު ދެރަވީތަ؟" ސާރާ މަޖާ ރާގަކަށް އަހާލި އެވެ.
"ނޫނޭ… ރުޅި އައީ." ސޫރަޖް ތެދުވަމުން ބުނެލި އެވެ. އެވަގުތު މަރިޔަންފުޅު އެ ދިމާލަ އަށް އަ އެވެ.
"އައްދެ ދަރިފުޅު ދަނީތަ؟ މި އައީ ދަރިފުޅުމެންނަށް ހެދިކާ ހިފައިގެން. ދެން ދާން ވާނީ ކައިގެން."
"ނޫން ބޮޑުދައިތާ… މި ކަމަނާފާނު އަޅުގަނޑުގެ ހުވަފެނާއި އުއްމީދު ހަލާކުކޮށް މަލާމާތް ކުރަނީ. ދާކަށް ތެދުވީކީ ނޫން." ސޫރަޖް ގެ މި ވާހަކަ އިން އަނެއްކާ ވެސް ސާރާ ބާރަށް ހޭން ފެށި އެވެ.
"ކޮބާ އަޅުގަނޑު ބުނީމެއްނުނ އަދިވެސް އެ ހެނީ ނުނ؟" ސޫރަޖް ބޮޑަށް ސާރާ ހެއްވާލި އެވެ، އެންމެން ހެދިކާ ކައިގެން ގެއަށް ދާން ހިނގައިގަތް އިރު ގަޑިން 10:00 އެއްޖަހާ ބޮޑުވެއްޖެ އެވެ.
"މި އޮތްހާ އިރު ކޮންތާކު އުޅެފަތަ ތި އައީ ތި ދެ މީހުން؟" ހުސްނާ ބަގީޗާތެރޭ ހުރެފައި ސާރާމެން ގެއަށް އައީމާ އަހާލި އެވެ.
"އާނ މިއަދު މި އައީ އިރު އަރާ މަންޒަރު ބަލަން ގޮއްސަ." މަރިޔަންފުޅު ހުސްނާ އަތުން ގަސްތަކަށް ފެންދޭ ހޮޅި އަތުލި އެވެ.
"މިހާރު މި ފެންނަނީ އިރު މެދުޖެހޭ މަންޒަރު ނޫން؟" ހުސްނާ ފެންހޮޅި މަރިޔަންފުޅު އަތައްދިނެވެ. އަދި ސާރާގެ އަތުގައި ހިފައި ހުސްނާގެ ކައިރިއަށް ގެނަ އެވެ. ސާރާ ހިނިތުންވެފައި މަންމަގެ ވާހަކަ އަޑު އަހަން ހުއްޓެވެ.
"މި ދަރިފުޅު މިގޮތަށް ހިނިތުންވެފައި ހުންނަތަން ދެކެން އަހަރެން އަބަދު ވެސް ބޭނުން. ކަރުނައަކީ ދަރިފުޅުގެ ދުޝްމަނަކަށް ހަދާ."
ހުސްނާ ސާރާގެ މޫނުގައި ހިފާ އޭނާ އާ ދިމާއަށް އަނބުރާލި އެވެ. އަދި އެހާ ލޯބިން ސާރާ އޭނާގެ މެއާލައި ފިތާލި އެވެ.
ސާރާ ވެސް މަންމަގެ މޭގައި ލެގިލައިގެން އޭނާގެ ލޯ ރަނގަޅު ވާނެ ދުވަހެއްގެ ހުވަފެން ދެކެން ފެށި އެވެ.
މަރިޔަންފުޅު ގަސްތަކައް ފެން ދެމުން ބަގީޗާތެރެ އައް ވަދެގެން ދި ޔައެވެ. ހުސްނާ ސާރާގެ އަތުގައި ހިފައިގެން ގެއަށް ވަނެވެ.
މުރާދ ސްކޫލުން ފާސްވުމުގެ އުފަލުގައި މިއަދު ނަސީބުގޭތެރެ ވަނީ އަނެއްކާ ވެސް އުޖާލާކަން އައިއްސަ އެވެ.
ނަސީބުގޭ ޕާޓީއަކީ އާންމު ގޮތެއްގައި ވަރަށް ގިނަ މީހުން އަންނަ ޕާޓީއެކެވެ.
ހާއްސަކޮއް ޒުވާން އަންހެން ކުދިންނެވެ. ޕާޓީގައި މުރާދު ފެންނާކަށް ނެތެވެ. މިކަމާ އެންމެ ހާސްވީ މަރިޔަންފުޅެވެ. އޭނާ އެކި ތަންތަން ހޯދަމުން ދާން ފަށައިފި އެވެ.
އެ ވަގުތު މީހަކު މާ ސިއްރުން ވާހަކަ ދައްކާ އަޑު އިވިގެން މަރިޔަންފުޅު އެ ދިމާއަށް ދިޔަ އެވެ. އަދި ސިއްރުން ބަލާލި އެވެ. އެއީ ގުމްރީގޭ ނާހިދާ އާއި މުރާދު އެވެ. ބަގީޗާގެ އެއް ކަނެއްގައި ދެ މީހުން އިށީނދެ ތިބެ ބޮޑެތި މީހުންހެން ވާހަކަ ދައްކަނީ އެވެ.
އަނެއްހެން ބުނާ ނަމަ ލޯބީގެ ވާހަކަ ދައްކާ އަހުދުވަނީ އެވެ. މަރިޔަންފުޅަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަދި ކިރިޔާ މުރާދުގެ އުމުރުން ވެސް މިއީ 12 ވަނަ އަހަރެވެ. ހީވާ ހީވުމަށް 15-16 އަހަރެއް ކަމަކު އެ މީހުންނަކީ އަދި ކުޑަ ކުދީންނެވެ. މަރިޔަންފުޅު ކުދި ކިޔަމުން ދަނިކޮށް އެތަނުން ލައިގަތީ އޭނާގެ ފިރި ކާސިމްބެ އާ އެވެ.
"އޭ ބަލަގަ މަރިޔަންފުޅާ…ތިޔަ މާރުޅިއަކުން ތިޔަ ދަނީ ކީއްވެ؟" މަރިޔަންފުޅު ހުއްޓިލި އެވެ. އަދި ސުކޫތަކަށް ފަހު ވާހަކަ ދައްކަން ފެށި އެވެ.
"ކާސިމާ ބުނާކަށް މި ޒަމާނުގެ ކުދިވެރިން ބޮޑެތި ކަންތަކުގައި ތިބެނީ ހާދަހާވާ ކުރީގަައޭ. އަހަރެމެން ކުޑަ އިރު ނޭނގޭ އެތައް ކަމެއް މިހާރުގެ ކުދިން ދަނޭ."
"މަރިޔަންފުޅު ތިޔަ ކިޔާ އެއްޗެއް މަށަކަށް ނުވިސްނޭ. ތަންކޮޅެއް ތިލަކޮށް ބުނެދީބަލަ ވެގެން އުޅޭ ގޮތެއް."
މަރިޔަންފުޅު ކާސިމަށް އޭނާ އަށް ފެނުނު މަންޒަރުތައް ކިޔައި ދިނެވެ. އަދި ފުންކޮށް ނޭވާލި އެވެ.
ކާސިމް ބާރަށް ހޭން ފެށި އެވެ. މަރިޔަންފުޅު މިކަމާ ކުޑަ ގޮތަކަށް ހިންހަމަނުޖެހިގެން އެތަނުން ވެސް ދުރަށް ދިޔަ އެވެ.
ނަސީބުގޭ ޕާޓީ ނިމިގެން ދިޔައީ ވަރަށް އުފާވެރިކޮށެވެ. އެތައް ބަޔަކަށް އަލައް ތައާރަފް ވާނެ ފުރުސަތު ވެސް ލިބި ދެވިގެންނެވެ. އެތައް ބަޔަކު ވައުދުތަކާ އަހްދުތައް ވެސް ވެގެންނެވެ.
މިއަދު ހާލިދާގެ ދެމަފިރިން އިންޑިޔާ އަށް ބަދަލުވީއެވެ. ސޫރަޖް މާލޭގައި ބަހައްޓަފާ އެވެ. އެ ވެސް ސޫރަޖް ދިޔުމަށް ދެކޮޅު ހެދުމުންނެވެ.
ސޫރަޖް ބޭނުން ވަނީ ސާރާގެ ލޮލުގެ ކަންތަކަށް ވާގޮތް ބަލާލާފައި ފުރާށެވެ. ހާލިދާމެން ސޫރަޖްގެ މި އެދުމަކާ ދެކޮޅެއް ނަހަދަ އެވެ.
"މަންމާ… އަޅުގަނޑު އަންނާނީ މިހަ ފްތާގައި މާލެ އެ ވަޑައިގަންނަވާ ލޮލުގެ ޑޮކްޓަރުގެ ކަންތައް ބަލާލާފަައި. އެންމެ ރަނގަޅުތަ؟"
(ނުނިމޭ)