ދިވެހިރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި ސަރުކާރު 2 ވަނަ ފަހަރަށް ކުޑަކަކޫ މައްޗަށް ތިރިކޮށްފައިވާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ ރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
"މިއޮތް ބޮޑު އަނިޔާވެރި ސަރުކާރު ތިޔަ ދިވެހި ރައްޔިތުން މިވަނީ 16 ވަނަ ދުވަހުގެ ރޭ ކުޑަކަކޫ މައްޗަށް، ހަމަސީދާ ކުޑަކަކޫ މައްޗަށް 2 ވަނަ ފަހަރަށް ތިރިކޮށްފައި." އަލީ ޙުސައިން ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ޖުމްހޫރީ މައިދާނަށް ޖަމާވެ އިހްތިޖާޖްކުރިއެވެ. އެކަމަށް އިޝާރާތް ކުރައްވައި އަލީ ޙުސައިން ވިދާޅުވީ އެއީ 2012 ގެ ފަހުން އެފުރުސަތު ލިބުނު ފުރަތަމަ ފަހަރު ކަމަށާއި އެއީ ކާމިޔާބެއް ކަމަށެވެ.
ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޙުސައިން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު ފަށާފައިވާ އިސްލާޙީ މަސައްކަތުގެ ތެރެއިން ދާދި އަވަހަށް ޔާމީން ހުއްޓުވޭނެ ކަމަށެވެ.
އަދި މިހާރު ފަށާފައި މިވާ އިސްލާޙީ މަސައްކަތް ދިވެހިން މި ކާމިޔާބު ކުރާނީ އެއްވެސް އަނިޔާވެރިކަމެއް ނެތި ސުލްޙަވެރިކަމާއި އެކު ފުލުހެއްގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލައި ކަމަށެވެ.
މީގެ އިތުރުން އަލީ ޙުސައިން ވިދާޅުވީ މިއަދު ސޯޝަލް މީޑީޔާ ބަލާލުމުން ފެންނަނީ އަނިޔާވެރިކަމާއި ދެކޮޅަށް އަދި އިންސާފާއި އެއްކޮޅަށް ރައްޔިތުން އެކުވެރިކަމާއި އެކު އަތުކުރި ގުޅާލައިގެން ތިބި މަންޒަރު ކަމަށެވެ. އަދި އެ ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ޙުސައިން ވިދާޅުވީ ދިވެހި ރައްޔިތުން ދުވަހަކު ވެސް ދެން އަނިޔާވެރިކަމާއި ބޭއިންސާފަށް ތާއީދު ނުކުރާނެ ކަމަށެވެ.