ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ބޭފުޅުންގެ ބަހުރުވައިން ނަމަ އިތުރު ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވުމަކީ "ވާޖިބު" ކަމެކެވެ. އެބޭފުޅުން ދައްކަވަނީ ރައީސް ޔާމީން ވަޢުދުތައް ފުއްދަވާ ވާހަކައެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި މެނިފެސްޓޯގައި ހިމެނި ކަންތަކަށް ވުރެ މާ ގިނައިން ރައީސް ޔާމީން މަޝްރޫޢުތައް ހިންގަވައިފިއެވެ.
ރައީސް ޔާމީނަށް ޝުކުރު އަދާކޮށް އަތްޖަހާ އޮޅީގެ ބޭފުޅުން ކޮންމެ ވާހަކައެއް ދެއްކެވިޔަސް، 2013 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ޔާމީން ވެވަޑައިގެންނެވި އެތައް ވަޢުދެއް ނުފުއްދަވައި އެބަހުއްޓެވެ. އައްޑޫގައި ޤާއިމްކުރާނެ ކަމަށް ވިދާޅުވި އައިޓީ ޕާކަކީ އެފަދަ އެއް ވަޢުދެވެ.
އައިޓީ ޕާކެއްގެ ވާހަކަ ރައީސް ޔާމީން އައްޑޫގެ ރައްޔިތުންނާއި ހިއްސާކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު ހިތަދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭރު އެމަނިކުފާނު ވިދާޅުވެފައި އެކަމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށެވެ.
ކިތަންމެ ފަސޭހައިިން ކުރެވޭނެ ކަމެއް ކަމުގައި ވިދާޅުވިޔަސް، ފާއިތުވި 1600 ދުވަހުގެ ތެރޭގައި ރައީސް ޔާމީން ވެސް، އަދި އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރަކު ވެސް އައިޓީ ޕާކުގެ ވަޢުދުގެ ވާހަކައެއް ނުދައްކަވައެވެ.
ޒުވާނުންނަކީ އެންމެ އަގު ބޮޑު "ރައުސްމާލު" ކަމުގައި އަބަދުވެސް ވިދާޅުވަމުން ގެންދަވާ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ނިމިގެން ދާއިރު
އައްޑޫގެ ޒުވާނުންނަށް ވެވަޑައިގެންނެވި ވައުދެއް ނުފުއްދި އޮތުމަކީ އެ ޒުވާނުންގެ ކަންބޮޑުވުމެކެވެ.