Last Updated: November 25, 16:15
Monday, November 25, 2024

(އެޕްރީލް 14، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ސޫރަޖް އޭނާގެ މަންމަ އިށީނދެގެން އިން ގޮނޑި ކައިރީ ބިންމަތީ އިށީބދެލާފައި މަންމަގެ އުނގުގައި ބޯ އަޅާލި އެވެ. ހާލިދާ ނުހަނު ލޯތްބާ އެކު ސޫރަޖްގެ ބޮލުގައި ފިރުމާލި އެވެ.

"ދަރިފުޅާ…ދަރިފުޅުގެ ތި އެދުމަށް މަންމަ ގަދަރު ކުރަން. އެކަމަކު ދަރިފުޅުގެ ސުކޫލްކަންތައް ވެސް ނިމޭނީ ދަރިފުޅު އައުމުން."

"މަންމާ…މަންމަމެން އެކޮޅަށް ދުރުވާތާ ހަފްތާއެއްގެތެރޭ ސޫރަޖް އެކޮޅުގައި ހުންނާނަން." ސޫރަޖް އޭނާގެ މަންމަ އަށް ވިސްނައި ދޭން މަސައްކަތް ކުރަމުން ދިޔަ އެވެ.

ހާލިދާ ފުރީ އެއްގޮތަކުން ސޫރަޖް ހުސްނާ އާ ހަވާލުކޮށްފަ އެވެ

"ހުސްނާ…މިއަދު އަހަރެންގެ ފުރާނަ ފަދަ ދަރިފުޅު ހުސްނާ އާ ހަވާލު ކުރަން. އެސޮރުގެ ކަންތައް ރަނގަޅައް ބަލައި ދެއްޗޭ." ހާލިދާ ހުސްނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ނުހަނު އަސަރާ އެކު ބުނެލި އެވެ.

"ތި ވެސް ދެން ބުނަންވާ ކަހަލަ އެއްޗެއްތަ؟ އެސޮރަކީ މަގޭ ވެސް ދަރިއެއް. ހާލިދާ ތިކަމާ ފިކުރު ނުކުރޭ." ހުސްނާ ހާލިދާގެ ގައިގައި އޮޅުލައި ގަންނަމުން ބުނެލި އެވެ.

މި ދެ އެކުވެރިންގެ ކަންތައް ބަލަން ކަރީމު އާއި ނަސީމު ހެވިފައި ދުރުގައި ތިއްބެވެ. ތަންކޮޅެއް ދުރުގައި މުރާދު އާއި ސޫރަޖް ވެސް ބަލަހައްޓައިގެން ތިއްބެވެ. އެ މީހުންނާ ދާދި ކައިރީ މަރިޔަންފުޅުގެ އަތުގައި ހިފައިގެން ސާރާ ވެސް ހުއްޓެވެ.
ނަސީމު ވެސް އެވަގުތު އެނބުރިލާފައި ކަރީމު އާ ކަރާކަރު ޖައްސައި ސަލާމްކޮށްލި އެވެ.
އެ ވަގުތު ހުރިހާ އެންމެން ވެސް ފެންކަޅިވެފައި ތިއްބެވެ.

ހާލިދާމެން ފުރިފަ ހުން ފުދޭ ވަރަކަށް ގިނައިން ސޫރަޖް ނަސީބުގޭ ތެރެއިން ފެނެ އެވެ. ސޫރަޖް އާއި މުރާދު އުޅެނީ ވަރަށް އެކުގަ އެވެ. ބައެއް ފަހަރު ސާރާ ވެސް އެ މީހުންނާ އެކު ބައިވެރިވެލަ އެވެ. އެކަމަކު މާ ގިނައިރަކު ނީދެ އެވެ.

މުރާދު އާއި ސޫރަޖް ގެ ކަމަކީ ކޮންޕިއުޓަރުން ކޮންމެވެސް ކަންތައްގަނޑެއް ނިންމުމެވެ. ސޫރަޖް އާއި މުރާދު އެންމެ ފަހުން ގޮސްވީ މާ ސިއްރުވެރި ދެ އެކުވެރީންނަށެވެ. ދެ މީހުން ސައިކަލް ބުރު ޖަހަން ދިޔުމާއި އެކުގައި ފުޓުބޯޅަ ކުޅެން ދިޔުމާއި ރޭގަނޑު ފަތަން ދިޔުމަކީ މި ދެ ވެރިންގެ އާދައެކެވެ.

މިއަދަކީ އަނެއްކާ ވެސް އެންމެން އިންތިޒާރުކޮށްގެން ތިބި ދުވަހެވެ. އިންޑިޔާއިން ވަޑައިގަތް ލޮލުގެ ޑޮކްޓަރު މިއަދު ސާރާ ބައްލަވާނެ އެވެ. މި ކަމަށްޓަކައި ހާއްސަ ގޮތެއްގައު ތައްޔާރުވީ ސޫރަޖް އާއި މުރާދު އެވެ.

ސާރާ ހުންނަނީ އެހެން ދުވަހަށް ވުރެ ހިމޭނުންނެވެ. މެދު ގޭތެރޭ ސޯފާއެއްގައި މާ މަޑުން ސާރާ އިށީނދެގެން އިންތަން ސޫރަޖް އަށާއި މުރާދު އަށް ފެނުނެވެ. ދެ މީހުން ކޮންމެ ވެސް ސިއްރު ވާހަކައެއް ދެއްކުމަށް ފަހު ސާރާ ކައިރި އަށް ދިޔައެވެ. އަދި ފާޑު ފާޑުގެ އަޑުތައް ލައްވަން ފެށި އެވެ.

ސާރާ މަޑުމަޑުން ތެދުވި އެވެ. އަދި ދޮރާ ދިމާއަށް ހިނގައިގަތެވެ. އަޑުތައް ކައިރިވަމުން އައީމާ ސާރާ ވެސް ހަޅޭއްލަވައިގަތެވެ. އަދި ދުއްވައިގަތެވެ. ސާރާ ގޮސް ޖެހުނީ ކުރިމަތިން އައިސް އައިސް ހުރި ސޫރަޖްގެ މޭގަ އެވެ. ސޫރަޖް ހެމުން ސާރާ އޭނާ އާ ދުރުކޮށްލި އެވެ.

"މުރާދު… ދެން ހުއްޓާލާ." ސޫރަޖް ބުނެލި އެވެ.

"ކޮއްކޯ…ތިހެން އެކަނި އިންދާ ފުރޭތައެއް ވެސް އަރާފާނެ. ރީތި ކުދިން އެކަނި އިށީނދެ ތިބޭކަށް ނުވާނެ. ސޫރަޖްބޭބެ އާ ހެދި ކޮއްކޮ ބިރުގަންނަވާ ލެވޭކަށް ވެސް ނޯވޭ." މުރާދު ސާރާ ބިރުގަންނަވަމުން ދިޔަ އެވެ.

"އަޅުގަނޑު ބިރެއް ނުގަނޭ. އެހެން ނޫނަސް ފުރޭތައެއް އަޔަސް އަޅުގަނޑަކަށް ނޭގޭނެ. އަޅުގަނޑަކީ ލޯފަން ކުއްޖެއްކަން އެނގޭ އިރަށް ފުރޭތަ ދުރަށް ދާނެ. ތީ ބޭބެމެން ވީމާ ބިރު ގަންނަވަމުން އައީނުނ." ސާރަގެ މި ވާހަކައިން މުރާދު އާއި ސޫރަޖް ފެން ކަޅިވި އެވެ.

"ނޫނޭ…މިއަދު ސާރާގެ ލޯ ރަނގަޅު ވާނެ ވާހަކަ ޑޮކްޓަރު ބުނުއްވާނެ."ސޫރަޖް ސާރާ އާ ކައިރިއަށް ޖެހިލާފައި ބުނެލި އެވެ.

އެ ވަގުތު ހުސްނާ ކަރީމު ތައްޔާރުވެގެން ބޭރަށް ނިކުތެވެ.

"ކޮބާ ދަމާ ހިނގާ. ސާރާ މިހިރީ ކިހިނެއްވެފަ؟" ސާރާގެ ކައިރިއަށް ޖެހިލާފައި ހުސްނާ އަހާލި އެވެ.

"ބޭބެ އަޅުގަނޑު ބިރުގަންނަވާލީ." ސާރާ މަންމަގެ މޭގައި ލައްވެލަމުން ބުނެލި އެވެ.

"ދެން މާ ޅަ ވާނެ ކަމެއް ނެތް. އަސްލު އެއީ މީދަ ސޫރަޖް ބޭބެ ކުރި ކަމެއް. އަޅުގަނޑެއް ނޫން." ސޫރަޖްގެ ކައިރިއަށް ޖެހިލަމުން މުރާދު ބުނެލި އެވެ. އަދި އެއްބަސް ވާށޭ ބުނާހެން އިޝާރާތްކޮށްލި އެވެ.

"އެއީ ތެދެއް. ސާރާ ބިރު ގެންނެވީ އަޅުގަނޑު." ސޫރަޖް އަވަހަށް މުރާދު ދިފާއުކޮށް ދިނެވެ.

"ނޫނޭ މަންމާ…ސޫރަޖް ބޭބެ އެ އުޅެނީ ދޮގު ހަދަން ވެގެން. އަޑު ވެސް އެބަތުރު ތުރު އަޅައެއް ނުނ." ސާރާ އަވަސް އަވަހަށް ބުނެލި އެވެ.

"އަޅުގަނޑަށް ހީވަނީ ސާރާ ކޮއްކޮ ގެންދަންވީ ހޮސްޕިޓަލަށް ނޫންހެން. ގެންދަންވީ ފޮލިހަށްހެން. މައްސަލަ ބަލާ މީހުން ތިބޭނީ އެތަނުގަ. އަޑު ތުރުތުރު އެޅީމާ އެނގޭނެ ފުލުހުންނަށް." މުރާދު ކުރިއަށް ހިނގައިގަންނަމުން ބުނެލި އެވެ.
ހުރިހާ އެންމެން މިކަމާ ހޭން ފެށި އެވެ.

ހޮސްޕިޓަލަށް ދެވުނު އިރު މަރިޔަންފުޅާއި ކާސިންބެ ނަންބަރު ނަގައިގެން ހުސްނާމެންގެ އިންތިޒާރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ތިއްބެވެ.

"މިހާރު ވަދެފަ ހުރި މީހާ ނިކުތީމާ ވަންނަން ވާނީ އެ މަންޖެ. ނަންބަރު ޖެހެންވާ އިރަށް ނައިސްދާނެތީ އަހަރެން މި ހުންނަނީ ކަންބޮޑުވެފައި."

"ބޮޑުދައިތާ… އަޅުގަނޑުމެން ވައްޓާލާނީ ގަޑިއަށް." މުރާދު މަރިޔަންފުޅުގެ އަތުގައި އޮތް ނަންބަރު ހޯދަމުން ލާނެއް ރާގަކަށް ބުނެލި އެވެ.

"އަޅުގަނޑު ޑޮކްޓަރު ސަލީމު އާ ވާހަކަ ދައްކާލާފަ އެބަ އަންނަން." ސޫރަޖް މިހެން ބުނަމުން ހިނގައިގަތެވެ.

"ދަރިފުޅާ…ލަސްނުވެ އަންނާތި އިނގޭ." ސޫރަޖް ހިމގައިގަތީމާ ކަރީމު ގޮވާލާފައި ބުނެލި އެވެ.އެ ވަގުތު އާނއެކޭ ބުނާ ގޮތަށް ސޫރަޖް ބޯ ޖަހާލި އެވެ.

ސޫރަޖަށް ޑރ. ސަލީމު އާ ދިމާވީ ކޮރިޑޯ ތެރެއިންނެވެ

"އައްސަލާމްއަލައިކުމް ޑރ. ސަލީމް." ސޫރަޖް ޑރ. ސަލީމު އާ ކައިރި ވެލަމުން ސަލާން ގޮވާލި އެވެ.

(ނުނިމޭ)