މިހާރު މަސައްކަތް ކުރެވޭ މިންވަރަށް ކުރިއަށް އޮތް ތާގައި ވެސް މަސައްކަތް ކުރެވޭ ކަމުގައި ވާނަމަ، ރިޔާސީ އިންތިޚާބުގައި އައްޑޫ ސިޓީން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް 80 އިން ސައްތަ ލިބިވަޑައިގަން ނަވާނެ ކަމަށް ޤައުމީ ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުސްޠަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.
އަދި އައްޑޫ ސިޓީގެ ރައްޔިތުންގެ އެދުމަކީ އަދި ހުވަފެނަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބް ރައީސް ނަޝީދު އެއް ބުރުން ކާމިޔާބު ކުރުން ކަމަށް "ދޭތިން ފަހެތި" ކެމްޕޭންގެ އައްޑޫ ކޯޑިނޭޓަރުގެ މަގާމުގައި ވެސް ހުންނެވި ޑރ. މުސްތަފާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަޙީދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީ އަށް ގެންނާނޭ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އަލީ ވަހީދު ވިދާޅުވީ، އަބްދުﷲ ޝާހިދު އެމްޑީޕީއަށް ގެންނާނެ ކަމަށާ އަދި ޑީއާރްޕީ ވެސް އެމްޑީޕީ އާ އެއްކޮށްލާނެ ކަމަށެވެ.
"ޝާހިދު އެމްޑީޕީއަށް ގެންނަވާނެ. އަދި ޑިއާރްޕީ އެމްޑީޕީއާ ގުޅޭނެ. ދެން މި ވާހަކަ ދައްކަން ދައްކަން ތިބޭނެ ކަމެއް ނެތް އެކަން އަޅުގަނޑުމެން ކުރާނަން، އެމްޑީޕީން ކޮލިޝަނެއް ނުހަދާނެ. ރައްޔިތުންގެ ތާއިދެއް އެކަމަކަން ނެތް. އެހެން ކަމުން ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އާ ގުޅޭނެ." އަލީ ވަހީދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އަލީ ވަހީދު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ނަޝީދުކަން ޤަބޫލް ކުރައްވައިގެން އެމްޑީޕީ އާ ގުޅިވަޑައިގަތުމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމްދީދީ(ޑރ. ޑީޑީ) އާއި އެ ޕާޓީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީގެ އިތުރުން އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ ޑރ. މުނައްވަރަށް ގޮވާލައްވާފަ އެވެ.