މިނިވަން50 ޗެމްޕިއަންޝިޕްގެ ސ. އަތޮޅުގެ ބުރުގައި އިއްޔެ ކުޅުނު މެޗް ފޭދޫން ކާމިޔާބުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް ފޭދޫން ކާމިޔާބު ކުރީ މަރަދޫ ފޭދޫ އާއި ވާދަކޮށް 3-4 އިންނެވެ.
އިއްޔެގެ މެޗް ފަށައިގެން މާގިނައިރުތަކެއް ނުވެ ފޭދޫ ޓީމްގެ އައިމަން ލަނޑެއް ޖަހައި އެޓީމަށް ލީޑް ނަގައިދިނެވެ. ފޭދޫގެ ލަނޑަށް ފަހު މަރަދޫފޭދޫ އިން ކުރިއަށް އަރައި ލަނޑެއް ޖެހުމަށް ކުރި މަސައްކަތުގެ ނަތީޖާއިން އެޓީމުން ވަނީ މެޗްގެ 14 ވަނަ މިނިޓްގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަމަކޮށްފައެވެ. މި ލަނޑު ކާމިޔާބު ކުރީ މީގެ ކުރިން ވެސް އައްޑޫގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގައި ހުނަރުވެރި ކުޅުމެއް ދައްކާފައިވާ މިފްޒާލް ލަތީފެވެ.
މިފްޒާލްގެ ލަނޑަށް ފަހު ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު ފޭދޫއިން ދެވަނަ ފަހަރަށް ލީޑު ނަގައި ދިނީ، މެޗްގެ 42 ވަނަ މިނިޓްގައި މުހައްމަދު އާލިފް(އާލިއްޕޭ) އެވެ. ވައިޑީޕީ ޕްރޮގްރާމުން ވިދާލި، އާލިއްޕޭ ވަނީ އޭގެ 3 މިނިޓް ފަހުން އަނެއްކާ ވެސް އިތުރު ލަނޑެއް ޖަހައި ފޭދޫ ޓީމަށް 2 ލަނޑުގެ ލީޑެއް ނަގައި ދީފައެވެ.
ފުރަތަމަ ހާފް 1-3 އިން ފޭދޫ ކުރީގައި އޮވެގެން ނިމުނުއިރު 2 ވަނަ ހާފް ފަށައިގެން މާގިނަ އިރުތަކެއް ނުވެ ފޭދޫ ޓީމްގެ އިންޝަލް ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމްގެ ލީޑް ފުޅާކޮށްދީފައެވެ.
ފޭދޫން 3 ލަނޑުގެ ލީޑެއްގައި އޮތް ނަމަވެސް، މަރަދޫފޭދޫ އިން މުޅި މެޗްގައި ވެސް ހިތްވަރާއި އެކު ކުޅެފައިވެއެވެ.
އެގޮތުން މެޗް ނިމެން 3 މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ޝާމިން ވަނީ ލަނޑެއް ޖަހައި ދިނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އިތުރު ވަގުތުގައި ވެސް ޝާމިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-4 އަށް ބަދަލުކޮށްފައެވެ.
މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަރަދޫފޭދޫ ޓީމަށް 2 ލަނޑު ކާމިޔާބުކޮށްދިން ޝާމިން އެވެ.
މި މެޗުން މޮޅުވުމުން ފޭދޫ އަށް ވަނީ 9 ޕޮއިންޓް ލިބިފައެވެ. އެޓީމު އަދި މި މުބާރާތުގައި އެއްވެސް މެޗަކުން ބައްޔެއް ނުވެއެވެ.