އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ވިސްނިފައި އޮންނަ ގޮތުން، އޯޓިޒަމް ކުދިންނަކީ ނުކުޅެދޭ ކުދިންނެވެ. ސިކުނޑީގެ އުނިކަމެއް ހުންނަ، ބުއްދި ހަމަނުޖެހޭ ކުދިންނެވެ. ނުވަތަ މޮޔައިންނެވެ. މުޖްތަމައުގެ ތެރޭގައި މިފަދަ ގޮތަކަށް ވިސްނުން ހުރުމުގެ ސަބަބުން، ބައެއް ފަހަރު ވަރަށް ހިތްދަތި ކަންތަކާ އެފަދަ ކުދިންނާއި އެ ކުދިންގެ މައިންބަފައިން ކުރިމަތިލާންޖެހެ އެވެ.
އެހެން ނަމަވެސް އޯޓިޒަމް ބަލީގެ ހަގީގަތަށް ބަލާއިރު، އެއީ ފުރާނަ އަށް ނުރައްކާވާ ބައްޔެއް ނޫނެވެ. ގިނަ ބަޔަކަށް ޤަބޫލުކުރެވިފައި އޮންނަ ގޮތާއި ޚިލާފަށް އޯޓިޒަމަކީ، ސިކުނޑީގެ އުނިކަން ނުވަތަ މޮޔަވުން ފަދަ ބައްޔެއް ނޫނެވެ.
އޯޓިޒަމް ބަލި ހުންނަ ކުދިންނަކީ، ނުކުޅެދޭ ބައެއް ނޫންކަމާއި އަދި ސިކުނޑީގެ އުނިކަމެއް ހުންނަ ބައެއް ނޫންކަން އެކުދިންގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނެކޭ އެއްފަދައިން މުޖްތަމައުގެ އެންމެން ވެސް ޤަބޫލުކުރަން ޖެހެއެވެ.
އޯޓިޒަމް ކުއްޖަކަށް ވީތީ، އެހެން ކުދިންނާ އެކަހެރިކޮށް ވަކިން ގެންގުޅޭކަން ނުޖެހެ އެވެ. އަޅުގަނޑުމެންގެ ކުދިންނަށް ވެސް ވިސްނައިދޭންވީ އޯޓިޒަމް ކުދިންނަކީ ވެސް މުޖްތަމައުގެ އެއް ބައި ކަމާއި އެ ކުދިންނާ އެކުގައި އުޅުމަށެވެ. ކިޔެވުމާއި ކުޅިވަރު ކުޅުމާއި މަޖާކުރުމުގައި ވެސް އެ ކުދިން ބައިވެރިކުރުމަށެވެ. އެ ކުދިންނަކީ ވެސް އެހެން މީހުންގެ ލޯތްބާއި އަޅާލުން، އެހެން ކުދިންނެކޭ ވެސް އެއް ފަދައިން ބޭނުންވާ ކުދިން ކަން ގަބޫލުކުރަންޖެހެ އެވެ.
މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު އޯޓިޒަމަކީ ނަފްސާނީ ނުކުޅެދުންތެރި ކަމެކެވެ. ވަކިން ހާއްސަ ގޮތެއްގައި އޯޓިޒަމްގެ މައްސަލަ ދިމާވާ ކުދިންގެ ފަރާތުން ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ އެހެން މީހުންނާ އެކުގައި އުޅުމާއި އެހެން މީހުންނާއި އެ ކުދިންނާ ދެމެދު މުއާމަލާތުކުރަން އުނދަގޫ ވުމެވެ.
އާއިލާގެ ތެރޭގައި ނަފްސާނީ މައްސަލަތައް އިތުރުވެ މި ބަލި ހުންނަ ކުދިންގެ ހާސްކަން ބޮޑުވި ވަރަކަށް ދިމާވާ މައްސަލަ އިތުރުވާ ކަން ދިރާސާތަކުން ހާމަވެ އެވެ.
އެހެންވެ އޯޓިޒަމް ބަލީގެ ތަފާތު ކުދިން، މި ބަލީގެ އުނދަގޫތަކުން ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ވެސް ތަފާތުވެގެން ދެއެވެ.
ފަރުވާކުރުމުން ރަނގަޅުވޭ!
އޮޓިޒަމަކީ ފަރުވާކުރެވިދާނެ ކަމެކެވެ. ކުއްޖާގެ ޅަ އުމުރުގައި ދެވޭ ފަރުވާއިން އޮޓިޒަމް ޖެހިފައި ތިބި ކުދިން ރަނގަޅުވެފައި އެބަތިއްބެއެވެ. އަދި "އާލީ އިންޓަވެންޝަން"ގެ ތެރެއިން ތިންބައި ކުޅަ އެއްބައި ކުދިން ރަނގަޅުވާ ކަމަށް އޯޓިޒަމާއި ބެހޭގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކައެވެ.
އޯޓިޒަމަކީ ބައްޔަކަށް ވުރެ ބޮޑަށް ގުދުރަތީ ގޮތުން ކުދިންނަށް ދިމާވެފައިވާ އުނި ކަމެކެވެ. ބައްޔަކީ އެބައްޔަށް ބޭސް ކައިގެން ރަނގަޅުކުރެވޭ ބައްޔެކެވެ. އޯޓިޒަމަކީ މިޒާޖަށް އަންނަ ބަދަލެކެވެ. މިސާލަކަށް ބައެއް ކުދިންނަކީ ކަންކަން އުނދަގުލުން ދަސްކުރާ ބައެކެވެ. ބައެއް ކުދިންނަކީ ވަރަށް ތޫނުފިލި ކުދިންނެވެ. އަނެއްބައި ކުދިންނަކީ ވަރަށް ރުޅިގަދަ ކުދިންނެވެ. ގޮތް ދޫނުކުރުމުގެ ސިފަ ހުންނަ ކުދިންނެވެ. މިކުދިން ފެތޭނީ މިބާވަތުގެ އުނިކަމަކަށެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ބިހޭވިއަރަލް ތެރެޕީ ދީގެން މިކަންކަން ރަނގަޅު ކުރެވިދާނެ އެވެ.
އެހެން ކަމުން ވީހާވެސް އަވަހަށް މިބަލި ހުރިތޯ ބަލައި، ކުއްޖާއަށް ފަރުވާ ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. ކުއްޖާގެ އުމުރުން 3 އަހަރުވުމުގެ ކުރީގައި މި ބަލި ޑައިގްނޯސް ކުރެވޭނެއެވެ.
އޯޓިޒަމް ޖެހިފައި ތިބޭ ކުދިންގެ އެންމެ ހާއްސަ ސިފައަކީ ބޮޑާ ހޭކުމާއި އަޑުގަދަކުރުމާއި އަމިއްލައަށް އަނިޔާ ދިނުމެވެ. މިއީ އެ ކުދިންގެ ފަރާތުން އާއްމު ގޮތެއްގައި ފެންނަ ތަބީއީ ސިފައެކެވެ.
އޯޓިޒަމް ބަލީގެ ކޮންމެ ކުއްޖަކީ ވެސް ވަކި ހާއްސަ ގޮތަކަށް މުއާމަލާތުކުރަންޖެހޭ ކުއްޖެކެވެ. ސިއްހީ ތަޖުރިބާ ކާރުން ވިދާޅުވާ ގޮތުގައި އޯޓިޒަމް ބަލި ހުންނަ އެއް ކުއްޖަކާ މެދު މުއާމަލާތުކުރާ ގޮތުން ނުކުންނަ ނަތީޖާ އިން، އަނެއް ކުއްޖަކާ މެދު މުއާމަލާތު ކުރުމުން އެއްވެސް ނަތީޖާއެއް ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އޯޓިޒަމްގެ ކުދިން، ދިމާވާ އުނދަގޫތަކުން ދުރުކޮށްދިނުމަށް ބައެއް ކަހަލަ ބޭސް ބޭނުންކުރި ނަމަވެސް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވެނީ، އެ ކުއްޖާގެ ހާލަތާއި އޭނާގެ މިޒާޖަށް އަންނަ ބަދަލުތަކާއި އެންމެ އެކަށޭނަ ގޮތަކަށް އެ ކުއްޖަކާ މެދު މުއާމަލާތު ކުރެވިގެން ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
އެގޮތުން އޯޓިޒަމް ބަލި ހުންނަ ކުއްޖާ ބޭނުންވާ ކަންތައް ފުރިހަމަ ކޮށްދެވޭ މިންވަރާއި ގޮތްތަކާއި، އެ ކުއްޖާ ހިތްހަމަޖައްސައިދެވޭ ގޮތް ވެސް ވަރަށް މުހިންމު ދައުރެއް ކުރެއެވެ.
މިއަދަކީ އޯޓިޒަމާ މެދު ހޭލުންތެރިކަން އުފެއްދުމަށް ފާހަގަކުރާ ބައިނަލްއަގުވާމީ އޯޓިޒަމް ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، އޯޓިޒަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އެ ބަލި ހުންނަ ކުދިންނާއި މެދު މުޖްތަމައުގައި ދެކޭގޮތް ބަދަލުކުރުމާއި އެކުދިންނަށް ހުރި ގޮންޖެހުންތައް ނައްތާލުމެވެ.