އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ބައްދަލުކުރި މެޗު 3-1 އިން ސްޕާސް ކާމިޔާބުކޮށް ގަދަ ހަތަރަކަށް ކުރަމުން އަންނަ އުއްމީދު އިތުރުކޮށްފިއެވެ.
މިއީ ސްޕާސްއަށް ފާއިތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި ލީގުގައި ޗެލްސީގެ ދަނޑު، ސްޓެމްފޮޑް ބްރިޖްގައި މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ޗެލްސީންނެވެ. ސްޕާސްގެ ކީޕަރު ލޮރިސްއަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެން ގޯލު ޖަހާފައިވަނީ މޮރާޓާއެވެ. ނަމަވެސް ސްޕާސްއިން ވަނީ ފުރަތަމަ ހާފު ނިމެން ވަރަށް ކައިރި ވެފައިވަނިކޮށް ކްރިސްޓިއަން އެރިކްސަންގެ ރީތި ގޯލަކުން ނަތީޖާ އެއްވަރުކޮށްފައެވެ.
ދެވަނަ ހާފުގައި ޑެލީ އަލީގެ ދެ ގޯލުން ސްޕާސް މެޗުން މޮޅުވެފައިވާއިރު ޗެލްސީ ޑިފެންސް ލައިނުން ވަނީ ދެ ފަހަރުވެސް ގޯސް ހަދާފައެވެ.
މެޗުން މޮޅުވެ ސްޕާސްއަށް 64 ޕޮއިންޓު ލިބިފައިވާއިރު ޗެލްސީ މިވަގުތު ފަސް ވަނައިގައި އޮތީ 56 ޕޮއިންޓާއެކުގައެވެ. މިނަތީޖާގެ ސަބަބުން އަންނަ ސީޒަނުގެ ޗެޕްމިއަންސް ލީގަށް ކޮލިފައި ވުން ވަނީ އެންޓޯނިއޯ ކޮންޓޭގެ ޓީމަށް ވަނީ ދަތިވެފައެވެ.
ޚަބަރު ލިބޭ ގޮތުގައި ސީޒަން ނިމުމުން ކޮންޓޭ، ޗެލްސީ ދޫކޮށް ދާން ވަނީ ވިސްނާފައެވެ. ކޮންޓޭގެ އިތުރުން ފޯވާޑް އެޑެން ހަޒާޑުވެސް ކުލަބު ދޫކޮށް، ރެއާލް މެޑްރިޑާއި ގުޅެން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.