ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮޅު ކުޅުމާއި އެކު ރެއާލް މެޑްރިޑުން ރޭ ޔުވެންޓަސްގެ މައްޗަށް 0-3 އިން ކުރި ހޯދާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި 40849 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗް ފަށައިގެން 2 ވަނަ މިނިޓްގައި ރެއާލް އިން ވަނީ ލީޑު ނަގާފައެވެ. ޔުވެންޓަސްގެ ޑިފެންޑަރުން ފަސޭހަކޮށްލައިގެން ތިއްބައި އިސްކޯ ދިން ޕާހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މި ލަނޑާއި އެކު ރޮނާލްޑޯ ވެގެން ގޮސްފައި ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ޖެހިޖެހިގެން 10 މެޗުގައި ގޯލްޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ރެއާލްގެ ލަނޑަށް ފަހު ޔުވެންޓަސް އިން ކުޅުން ރަނގަޅުކޮށް ރެއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއެވެ. އެގޮތުން ޔުވެންޓަސްގެ ފޯވާޑް ހިގުއިން އާއި ޑިބާލާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މި ހާފުގައި ރެއާލްގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ވެސް ވަނީ ޔުވެންޓަސްގެ ގޯލަށް ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ގޯލުގެ ދަނޑިއެވެ.
މެޗްގެ ފުރަތަމަ ހާފް ނިމުނީ 0-1 އިން ރެއާލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން ވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ރެއާލްގެ 2 ވަނަ ލަނޑު މެޗްގެ 64 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ރެއާލްގެ 2 ވަނަ ލަނޑަށް ފަހު މާގިނަ އިރުތަކެއް ނުވެ ޔުވެންޓަސްގެ ފޯވާޑް ޑިބާލާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އޭނާ އަށް ކާޑު ދެއްކީ ރެއާލްގެ ކާވަހަލް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
ޔުވެންޓަސް އިން 10 ކުޅުންތެރިންނާއިއެކެ ކުޅެން ޖެހުމުގައި ފައިދާ ނަގައި މެޗްގެ 72 ވަނަ މިނިޓްގައި ރެއާލްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯ ދިން ޕާހަކުން މި ލަނޑު ކާމިޔާބު ކުރީ މާސެލޯއެވެ.
ޔުވެންޓަސް އާއި ރެއާލް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރެއެވެ. އެ މެޗް ކުޅޭނީ ރެއާލްގެ ސްޓޭޑިއަމްގައެވެ.