އިންޑިއާގައި ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ކަމަށްވާ ބްލެކްބަކް މީގެ 20 އަހަރު ކުރިން ޝިކާރަ ކުރި ކަމަށް ބުނެ ސަލްމާން ހާންގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށް ލާން މިއަދު އިންޑިއާގެ ޖޯދްޕޫރް ކޯޓުން ހުކުމްކޮށްފި އެވެ.
ފަސް އަހަރުގެ ޖަކު ހުމުމުގެ އިތުރަށް 10،000 ރުޕީން އޭނާ ޖުރިމަނާ ވެސްކޮށްފައިވެ އެވެ.
އެ ދައުވާ ސަލްމާނަށް ކުރީ 1998 ގައި ފިލްމް "ހަމް ސާތު ސާތު ހޭ" ގެ ޝޫޓިން އަށް ޖޯދްޕޫރްގައި ތިބި ދުވަސްވަރު މަނާ ހަތިޔާރު ވެސް ބޭނުންކޮށްގެން ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ޝިކާރަ ކުރި ކަމަށް ބުނެ އެވެ.
މި މައްސަލާގައި ސަލްމާންގެ އިތުރުން 1999 ގައި ރިލީޒް ކުރި ފިލްމް "ހަމް ސާތު ސާތު ހޭ" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ސައިފް އަލީ ހާން، ތައްބޫ، ސޮނާލީ ބެންޑްރޭ އަދި ނީކަމް ކޮތާރީ އަށް ވެސް ދައުވާ ކުރި އެވެ. އެކަމަކު އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިއަދު އިއްވި ހުކުމްގައި ބުންޏެވެ.
ސަލްމާންގެ ވަކީލް އެމްއެޗް ސަރަސްވަތު މިއަދު ބުނީ ހުކުމް ވަރަށް އަވަހަށް އިސްތިއުނާފު ކުރާނެ ކަމަށެވެ.
ސަލްމާނަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވާފައި މި ވަނީ އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ ފިލްމް "ރޭސް 3" ގެ ޝޫޓިން ވެސް އަބޫދާބީގައި ނިންމާލައި ގައުމަށް ދިޔަތަނާ އެވެ. އަދި އޭނާ އަންނަނީ މި މަހުގެ ތެރޭގައި އަލީ އައްބާސް ޑައިރެކްޓް ކުރާ "ބާރަތު" ގެ ޝޫޓިން އަށް ވެސް ތައްޔާރުވަމުންނެވެ.
މީގެ އިތުރުން ސަލްމާން ހޯސްޓް ކުރާ ސޮނީގެ ޓީވީ ޝޯ "10 ކާ ދަމް" ވެސް ވަރަށް އަވަހަށް ދައްކަން ފަށާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
އުމުރުން މިހާރު 52 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޓައިގާ ޒިންދާ ހޭ" އެވެ.