އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަށް މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ދިން ހަމަލާ އާ ގުޅިގެން ދައުވާ ކުރާ ދެ މީހުންގެ މައްޗަށް ކުރާ ޝަރީއަތުގެ ފަހު އަޑު އެހުން މާދަމާ ބާއްވައި ހުކުމް ކުރާ ގޮތަށް ނިންމައިފި އެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުނީ ސޯބެ އަށް ހަމަލާ ދިން މައްސަަލައިގައި ގޮތެއް ކަނޑައެޅުމަށް ބާއްވާ ޝަރީއަތް އޮންނާނީ މާދަމާ މެންދުރު ފަހު 2:45 ގައި ކަމަށެވެ.
ސޯބެ އަށް ހަމަލާދީ އަތް ބިންދާލައި އެކި ވަރުގެ ޒަހަމްތައް ދިން މައްސަލާގައި ދައުވާ ކުރަނީ ސ. ހިތަދޫ ޖަނބުރޯލްމާގޭ އަހުމަދު ހަސަންދީދީ (ސިއްރާ) އާއި ހިތަދޫ ސާދާ މޫސާ ފަތުހީ (ސާދާގެ މޫސާ) ގެ މައްޗަށެވެ. އެހެން ނަަމަވެސް މި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ އަށް އެ މީހުން ވަނީ ޝަރީއަތުގެ ފުރަތަަމަ އަޑު އެހުމުގައި އިންކާރުކޮށްފަ އެވެ.
މޭޔަރަށް އެ ދެ މީހުން ހަމަލާ ދިން ކަމަށް ވަނީ ފެބްރުއަރީ 8 ގައި އައްޑޫގެ ޕޮލިސް ސްޓޭޝަންތަކާއި ކޯޓްތަކުގައި ހުޅު ޖަހައި އަންދާލުމުގެ ހާދިސާތައް ބަޔަކު ހިންގަމުން ދިޔަ އިރު، މޭޔަރު ކައުމްސިލް އިދާރާގައި އެ ރޭ ހުންނަވަނިކޮށެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުނީ މި މައްސަލާގައި މާދަމާ ގޮތެއް ނިންމާ އިރު، މި މަހުގެ 15 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި ސޯބެގެ ފަރާތުން ހެކިން ހުށަހަޅައި ހެކިންގެ ބަޔާން ވެސް ނަގާފައިވާ ކަމަށެވެ.