Last Updated: November 25, 16:15
Monday, November 25, 2024

(އެޕްރީލް 15، 2013 ވަނަ ދުވަހާ ގުޅޭ ބައި)

"އަނހަ… ސޫރަޖް ވައަލައިކުމުއްސަލާމް….ކިހިނަކުންތޯ ހާލު؟"
"އާދައިގެ ގޮތެއްގައި ރަނގަޅު. ކޮބާ އަޅުގަނޑުގެ ވާހަކަ މިހާރު ވަޑައިގެން އުޅުއްވާ ޑޮކްޓަރުގެ އަރިހުގަ ނަންގަތިންތޯ؟" ސޫރަޖް ސުވާލުގެ ބެލުމަކުން ޑރ. ސަލީމު އާ ދިމާއަށް ބަލާލި އެވެ.

"އާނ… އެކަމަކު އެއީ އެކަށީގެންވާ ކަމެއް ނޫން."

"ނޫނޭ…ޑރ. ސަލީމް… އަޅުގަނޑު ވާހަކަ މި ދައްކަނީ އަޅުގަނޑުގެ ފުރިހަމަ ހޭ ބުއްދީގަ. އަޅުގަނޑަށް އެކަމެއް މަގުފަހިކޮއްދެއްވާ."

"ސޫރަޖް… ދިރި ހުރި އިންސާނެއްގެ ކަންތައް އެގޮތަކަށް ނުވާނެ. އަދި އަމުދުން ސޫރަޖް އުމުރުން އަދި އެންމެ 18 އަހަރު. ވީ އިރު ތިފަދަ ކަމަކަށް އާނ ބަސް ބުނާނީ ކިހިނެއް؟" ޑރ. ސަލީމް ސޫރަޖް އަަށް ވިސްނައި ދެވޭތޯ ބޭކާރު މަސައްކަތް ކުރަމުން ދިޔަ އެވެ.
ސޫރަޖް އެއްވެސް އެއްޗެކޭ ނުބުނެ އެނބުރި ހިނގައިގަތެވެ. ޑރ. ސަލީމް ސޫރްޖް ދާތަން ބަލަން ހުރެފައި އެނބުރި ހިނގައިގަތެވެ.
ސޫރަޖް އެނބުރި އައި އިރު ސާރާ ޑޮކްޓަރު އަނޫޕަމް ބަލާ ކޮޓަރި އަށް ވައްދަނީ އެވެ.

ޑރ. އަނޫޕަމް ސާރާގެ ލޯ ރަނގަޅަށް ބެއްލެވި އެވެ އަދި ރިޕޯޓްތައް މުތާލިއާ ކުރެއްވި އެވެ.

"ސާރާގެ ލޯ ރަނގަޅުވާނެ… އެކަމަކު ބޭނުން ވަނީ މިލޮލާ ގުޅޭ ލޮލެެއް." ޑޮކްޓަރުގެ ބަހުރުވަ ކައިރީގަ އިން ތަރުޖަމާނު ހުސްނާ މެންނަށް ކިޔާލަ ދިނެވެ.

"ޑޮކްޓަރު… އަޅުގަނޑުގެ ލޯ ނަންގަވާ." ހުސްނާ ޑޮކްޓަރުގެ ގެ އަތުގައި ހިފަމުން ބުނެލި އެވެ.

"ނޫން… މަންމަ ގެ ލޮލެއް ނޫން. އަޅުގަނޑުގެ ލޯ ނަންގަވާ." ކުރިއަށް ޖެހިލާފައި މުރާދު ވެސް ބުނެލި އެވެ.

"ނޫން… ނަގަން ޖެހޭނީ މަގޭ ލޯ. އެހެން ނޫނަސް މިހާރު އަހަރެން މިހިރީ މުސްކުޅި ވެފައި. ދުނިޔެ ފެނިފައި. މަގޭ ދަރިފުޅަށް ތަންތަން ފެނުނީމާ ހަމަ މަށަށް ފެނުން ފަދަ ނޫންތޯ؟" ކަރީމު މިހެން ބުނުމުން ސުވާލުގެ ބެލުމަކުން ޑޮކްޓަރުގެ ކައިރީގައި އިން ތަރުޖަމާނައް ބަލާލި އެވެ.
އެވަގުތު އޭނާ ވެގެން އުޅޭ ގޮތް ޑރ. އަނޫޕަމް އަށް ކިޔައި ދިނެވެ. އެވަގުތު ޑރ. އަނޫޕަމް ހީލިއެ ވެ. އަދި ބުންޏެވެ.

"ތިހާ ގިނަ ލޯބިވާ މީހުން ތިބި މީހެއް ހަމަ ގައިމު ވެސް ރަނގަޅުވާނެ. ހިތްވަރު ކޮށްލާ." ތަރުޖަމާނު ޑރ. ބުނުއްވި ބަސް ހުސްނާ މެންނަށް ކިޔައި ދިނެވެ.

"ޑޯނާއެއް ލިބުނީމާ އަންގާލަ ދެއްވާ… އަދި ދެމަސްކޮށްފަ އަހަރެން އަންނާނަން. އޭރުން އޮފަރޭޝަން ކުރުން ރަނގަޅުވާނެ." އަނެއްކާވެސް ތަރުޖަމާނު ޑރ. ގެ ވާހަކަ ކިޔާލަ ދިނެވެ.

އިރުކޮޅެއްގެ ތެރޭ އެ މީހުން ޑޮކްޓަރުގެ ކޮޓަރިން ނިކުތެވެ. މަރިޔަންފުޅާއި ކާސިން ބެ ދޮރު ކައިރީ ހާސްވެފައި ތިއްބެވެ.

"މިހާ ގިނަ އިރުވީމާ މަ ހީކުރީ އޮޕަރޭޝަން ކުރަނީ ކަމަށް." މަރިޔަންފުޅު ސާރާގެ ކައިރިއަށް ޖެހިލަމުން ބުނެލި އެވެ.

"ނޫން…އޮޕަރޭޝަން ކުރާނީ އަދި ދުވަސްކޮޅެއް ފަހުން." ކަރީމް މަރިޔަންފުޅު ކައިރީ ބުނެލި އެވެ.

އޭގެ ފަހުން ގެއަށް ދެވެންދެން ވެސް އެންމެން ތިބީ ހިމޭނުންނެވެ. އެކަކު ވެސް އަނެކަކާ ވާހަކައެއް ނުދައްކަ އެވެ. ކޮންމެ މީހަކު ވެސް އިނީ އެ މީހެއްގެ އަމިއްލަ ދުނިޔެއަކަށް ގެއްލިފަ އެވެ. ގެއަށް އާދެވުމާ އެކު ވަކިވުމުގެ ހުއްދަ ހޯދައިގެން ސޫރަޖް އޭނާގެ ގެއަށް ދާން ދިޔަ އެވެ.

މަރިޔަންފުޅާއި ކާސިންބެ ވެސް ވަކިވުމުގެ ސަލާންކޮށްލުމަށް ފަހު ގެއަށް ދިޔަ އެވެ. މުރާދު ވެސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ސާރާ ވެސް ދިޔަ ގޮތަށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ހުސްނާ އާއި ކަރީމް އިށީނީ މެދު ގޭތެރޭގަ އެވެ.

ސޫރަޖް މިސްރާބު ބަދަލުކޮށްލީ ހޮސްޕިޓަލާ ދިމާއަށެވެ. އޭނާ ޑރ. އަނޫޕަމް ބައްލަވާ ކޮޓަރި އަށް ދިޔައިރު ޑރ. ވެސް މީހުން ބަލާ ނިމިގެން ތެދުވަނީ އެވެ.

"ޑޮކްޓަރު…އަހަރެން ޑޮކްޓަރާ ތަންކޮޅެއް އަމިއްލަ ވާހަކައެއް ދައްކާލަން ބޭނުން. ދިހަ ވަރަކަށް މިނިޓް ދެވިދާނެތޯ؟" ވަރަށް ރީތި ކޮއް އިނގިރޭސިން ސޫރަޖް މިހެން ބުނުމުން ޑރ. އަލުން އޭނާ އިންނަ ގޮނޑީގައި އިށީނެވެ. އަދި އިޝާރާތުން ތަރުޖަމާނު ދާން ހުއްދަ ދިނެވެ.

ސޫރަޖް އާއި ޑރ. ކޮންމެވެސް ވާހަކަތަކެއް ފުދޭ ވަރަކަށް ގިނަ އިރު ވަންދެން ދެއްކި އެވެ. އޭނާ ޑރ. ގެ ކޮޓަރިން ނިކުތް އިރު އޭނާގެ މޫނުމަތިން ކާމިޔާބުގެ އަލިގަދަކަމާއި ހިނިތުންވުން ފެންނަން ހުއްޓެވެ.

ސޫރަޖް އިންޑިޔާ އަށް ފުރައިފި އެވެ. މުޅި ގޭތެރެއަށް ފަޅުކަމެއް އަ އެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސައްކަތާއިގެން މަޝްއޫލު ވި އެވެ.

މުރާދު ވެސް ކާ ގަޑި ފިޔަވައި އެހެން ގަޑިތަކުން ބޭރު ތެރެއިން ވެސް ނުފެނެ އެވެ. ކުރީގައިހެން ސާރާ އާ އެކު މަޖާކޮށްލާކަށް ވެސް ބޭރު ތެރެއަށް ނާދެ އެވެ.
ސާރާ ވެސް ހުންނަނީ މާ ބޮޑަށް ހިމޭންވެފަ އެވެ. މަރިޔަންފުޅު ގެއަށް އަންނަ ވަގުތެއްގައި ނޫނީ ބޭރަކުން ނުފެނެ އެވެ. އެހެން ނޫނީ އުޅެނީ އޭނާގެ ކުޑަމުސަޅު ހިފައިގެންނެވެ.

ހުސްނާގެ ހުރިހާ ވަގުތެއްހެން އޭނާ ހޭދަ ކުރަނީ ގޭތެރޭގެ ތަރުތީބު ބަދަލު ކުރުމުގަ އެވެ. އާ ކުލަތަކުގެ ދޮރުފޮތި ދަމައި ގޭތެރެ މުޅިން އާ ގެއަކަށް ހެދުމުގަ އެވެ. އާ ކުލަތައް އެކި ތަންތަނުގައި ލައި މުޅިގެ ތަފާތު ކޮށްލި އެވެ. ސާރާ ކައިރިއަށް ވެސް އޭނާ އާދެވެނީ މަދު ފަހަރެއްގަ އެވެ.

ކަރީމު ގިނަވަ ގުތު ގެއަށް އައިސް ބޭރަށް ދާއިރު ވެސް އޭނާއަކައް ރޭކާ ވެސް ނުލަ އެވެ. ކަރީމު އެއް ދުވަހު ބޭރުން އައި ވަގުތު ހުސްނާ ބަގީޗާގެތެރޭ މަސައްކަތެއްގައި ހުއްޓާ ފެނިގެން ގޮވާލި އެވެ.

"ޙުސްނާ…މިކޮޅަށް އައިސްބަލަ…ތި ވަރަށް އަތްތިލަ ހަލާކުކޮށްގެން ތިބަގީޗާ ތި ހައްދަނީ ކީއްކުރަން؟ އަނެއްކާ މާ ހާއްސަ ކަމެއް އޮތީތަ؟" ކަރީމު ލާނެއް ރާގަކަށް މިހެން ބުނެލުމުން ހުސްނާ މަސައްކަތް ހުއްޓާލާފައި ކޮނޑުމަތީގައި އޮތް ފޮތިގަނޑަކުން އަތް ފޮހެލި އެވެ. އަދި ހިނިތުންވެލާފައި ބުނަން ފެށި އެވެ.

"އެމގިލައްވާތޯ. އެ މަންޖެގެ ލޯ ރަނގަޅު ވާން ވާއިރަށް އަޅުގަނޑު މި ބަގީޗާއަކީ ހުރިހާ ވައްތަރެއްގެ މާމެލާމެލިން ޒީނަތްތެރިވެފައިވާ ބަގީޗާއަކަށް ހަދަން ބޭނުން. މިކަމުގައި ކިތަންމެ ވަރަކަށް އަޅުގަނޑުގެ އަތް ހަލާކުވިޔަސް ފަރުވާލެއް ނެތް."

"ހޫނ…މިހެން ވެދޯ މުޅި ގޭތެރެ ވެސް ހީވަނީ ބަދަލުވެފައިވާ ތަނެއްހެން." ކަރީމު އެނބުރިލާފައި ގޭތެރެ އަށް ފުން ނަޒަރަކުން ބަލާލި އެވެ. އެވަގުތު ހުސްނާ ކަރީމު ކައިރި އަށް އައިސް މަޑުކޮށްލި އެވެ.
"ކަރީމް…ދެން ގަސްތަކަށް ފެން ދީ… އަހަރެން މިދަނީ ކަރީމް އަށް ކާން ހަދަން."

ހުސްނާ މޭޒު ތައްޔާރު ކުރި އިރު ހުސްނާ ތަފާތު ވާހަކަ ތައް ދައްކަމުން ދިޔަ އެވެ. އެހެނަސް އެއިން އެއްވެސް ވާހަކައެއް ކަރީމު އައް އިވޭހެނެއް ހިޔެއް ނުވެ އެވެ.

ކަރީމުގެ ހަނދާނަށް އަންނަމުން ދިޔައީ މީގެ އެތައް އަހަރެއް ކުރީގެ ހަނދާންތަކެވެ. ހުސްނާ އެންމެ ފުރަތަމަ އެ ގެއަށް އައި ދުވަހު ކަރީމު އަށް ކާން ހެދި ދުވަހުގެ ހަނދާންތަކެވެ. އެ ދުވަހު ލަދުން ހުސްނާ ހުރީ ވާހަކަ ދައްކަން ނުކެރިފަ އެވެ. ކެއުމުގެ ކަންތަކަށް ފަހު ދެ މީހުން އެކުގައި ކޮޓަރިއަށް ދިޔަ އެވެ. އެވަގުތު ކަރީމު އޭނާގެ އަޑުން ހުސްނާއަށް ލަވަ ކިޔައި ދިނެވެ. އެހެން ނޫނީ ލަވައެއްގެ ސިފައިގައި އޭނާގެ ހިތުގެ އަޑު އިއްވާލަ ދިނެވެ.

"އަހަރެން ކަލާގެ ކުރިމައްޗައް އައުމުން ތިގޮތައް ފަރުދާ ނުކުރާށެވެ.
އަހަރެން ކަލާގެ ރީތިކަން ދެކެން ބޭނުމެވެ.
އަހަރެން ކަލާ ހާސިލު ކުރީ އިންސާފުވެރިކޮންނެވެ.
އަހަރެން މި ދުވަހަށްޓަކައި ކެއްތެރިކަމެއް ނެތި އިންތިޒާރު ކުރީމެވެ.
މިއަދު ތިގޮތަށް ކަލާ ފަރުދާގެ ނިވަލުގައި ހުރީމާ އަހަރެންގެ ހިތް މާ ބާރަށް ތެޅެ އެވެ.
އަހަރެންގެ މައުސޫމު ހިތަށް ވިސްނައި ދޭން އަންނާށެވެ.
މި ރެއަކީ މީ ފަރުދާ ކުރުމުގެ ރެއެއް ނޫނެވެ.
މިރެއަކީ އަހަރެންގެ އިންތިޒާރުތަކުގެ ފޮނި މޭވާ ލިބުނު ރެ އެވެ.
ކޮންމެ ރެޔަކު އަހަރެން ކަލާގެ ހަނދާނުގައި ތަރިތައް ގުނީމެވެ.
ކަލާ ނެތަސް ކަލާގެ ހަނދާންތަކުގައި މި ލަވަކީމެވެ.

(ނުނިމޭ)
ެ