އިންސާނިއްޔަތަށްޓަކައި ވިޔަސް ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
މިއަދު ކްރިމިނަލް ކޯޓްގައި ބޭއްވި ޝަރީއަތަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ރައީސް މައުމޫނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އިންސާނިއްޔަތަށްޓަކައި ނަމަވެސް ޖަލު ބަންދަށް ލުޔެއް ދިނުމަށް ނުވަތަ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށް ދިނުމަށް ރައީސް މައުމޫނު އެދިވަޑައި ގެންނެވި ކަމަށެވެ.
އެހެންނަމަވެސް ޝަރީއަތުން އެކަން އެގޮތަށް ކޮށްދީފައި ނުވާކަމަށް ޝަމީމް ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ އެދިވަޑައިގެންނެވުމަށް ޤާޒީ އާދަމް އާރިފް ދެއްވި ޖަވާބަކީ މިއަދު ކުރިއަށްދާ ޝަރީއަތަކީ ރައީސް މައުމޫނު ހައްޔަރުކޮށްފައިވާ މައްސަލައާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއްކަން ލިޔެކިއުންތަކުން އެނގެން ނެތްކަމަށް ކަމަށާއި، އެހެންނަމަވެސް އިދާރީގޮތުން ކަންކަން ބެލުމަށްފަހު ފަހުން ޖަވާބެއް ދެއްވާނެކަމަށް އާދަމް އާރިފް ވިދާޅުވިކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ވަކީލަކު އައްޔަން ކުރުމަށް މިއަދުވަނީ 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫންގެ ގެކޮޅަށް ގަދަ ބާރުން ވަދެގަނެ، ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، އެމެމްބަރުންނާ ގުޅިގެން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.