މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ފުރަތަމަ ބުރީގައި ހިންގާ ސީ ހައުސް ކެފޭގައި ދުންފަތުގެ އިސްތިއުމާލްކުރުން މަނާކޮށް، އެކަން ތަންފީޒު ކުރަން މުއްދަތެއް ދީފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ސީ ހައުސްގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގޮތް ހެދީ، އެ އިމާރާތުގައި ސަރުކާރުގެ ދެ ކުންފުންޏެެއްގެ އޮފީހެއް ހިންގާތީ ކަމަށެވެ.
ހަސަން ވިދާޅުވި ގޮތުގައި އެޗްޕީއޭގެ އެ ނިންމުމަކީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށާއި ކުރިން ސީ ހައުސްގައި އޮފީސް އިމާރާތެއް ނުހުންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ހަސަން އެހެން ވިދާޅުވި ނަމަވެސް، ސީ ހައުސް އަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދިން އިރު ވެސް އެ އިމާރާތުގައި އެމްޓީސީސީގެ ޓްރާންސްޕޯޓް ސެކްޝަންގެ ބޮޑު އޮފީހެއް ހިންގަމުން ދިޔަކަން ފާހަގަކޮށްލެވެ އެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާއިދުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ތަންތަނުގެ ގޮތުގައި ސަރުކާރުގެ އެންމެހާ އިދާރާތަކެއް ހިންގާ އިމާރާތްތައް ހިމެނެ އެވެ. އޭގެތެރޭގައި ސަރުކާރުގެ އޮފީސްތަކާއި މުސްތަޤިއްލު މުއައްސަސާތައް ހިންގާ އިމާރާތްތަކާއި ސަރުކާރުގެ ހިއްސާވާ ވިޔަފާރި ކުންފުނިތައް ހިންގާ އިމާރާތްތައް ވެސް ހިމެނެ އެވެ.
ހަސަން ވިދާޅުވީ ސީ ހައުސް ހިންގަމުން އަންނަ އިމާރާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮފީހަކާއި އެމްޓީސީސީގެ ޓްރާންސްޕޯޓު ބައިގެ އޮފީހެއް މިހާރު ހިންގަމުން އަންނާތީ އެ އިމާރާތުގެ އެއްވެސް ތަނަކު ދުންފަތުގެ އިސްތިއުމާލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ހަސަން ވިދާޅުވީ ދައުލަތުގެ އިދާރާތަކުން އެކި ކަންކަމަށް ތަންތަން ދޫކުރާއިރު ދުންފަތުގެ ޤާނޫނާ ޚިލާފަށް އަމަލު ކުރާކަން ފާހަގަކުރެވޭ ކަމަށާއި އެގޮތަށް އަމަލު ނުކުރަން އެޗްޕީއޭ އިން އެދޭ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤަނޫނުގައި ކެއިންބުއިމުގެ ޚިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލްކުރެވޭނީ ސަރުކާރުން ދޭ ހުއްދައެއްގެ ދަށުން އެހެން މީހުންނަށް ދުމުގެ އަސަރުނުކުރާ ގޮތަށް ޚާއްސަކުރަން ޖެހޭ ވަކި ބައެއްގަ އެވެ.